Roadha Mihaaru
ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަނީ

ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަނީ

13 ޖުލައި 2021

ކޮވެކްސް ފެސިލީޓިގެ ދަށުން ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމައިިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވެކްސް ފެސިލީޓިގެ ދަށުން ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމައިިފި އެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމާފައިވާކަން ހާމަކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވެކްސް ފެސިލީޓިގެ ދަށުން 11 މިލިއަަން ޑޯޒްގެ ވެކްސިން 10 ގައުމަކަށް ގައުމަކަށް ހަދިޔާކުރަން ނިންމާފައިވާ ވާއިރު އޭގެތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް ރާއްޖެ އަށް ދެނީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް އަދި ނޭނގެ އެވެ.

"މިއީ ދެ ގައުމުގެ ގާތް ގުޅުން ދައްކައިދޭ މިސާލެއް،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ އަށް ވެކްސިން ދޭން ނިންމާފައިވާ ކަން އިއުލާންކުރެއްވުމުން، ޝާހިދު ވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރު އެފްއެމް މޮޓެޖީ އާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ކޮވެކްސް އަކީ ފަގީރު އަދި މެދުފަންތީގެ ގައުމުތައް ކޮވިޑުން އަރައިގަތުމަށް، މުއްސަނދި ގައުމުތަކުން އެހީތެރިކަން ދިނުމަށް އދ. އިން އިސްވެ ފެށި ހަރަކާތެކެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް، ރާއްޖެ އަށް ބޭރުގެ އެކި ގައުމުތަކުން އަންނަނީ އެހީ ލިބެމުންނެވެ. އެމެރިކާ އިން ވެސް ވަނީ ކޮވެކްސްގެ ދަށުން، އެ ގައުމުން ކޮވިޑް ވެކްސިން ފުރަތަމަ ފޮނުވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފަ އެވެ.

ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް ކޮވެކްސް ފެސިލިޓީގެ ދަށުން ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެމެރިކާ އިން ބުނެފައި ވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާނު އަދި މެލޭޝިޔާ ވެސް ހިމެނެ އެވެ.

ހަމަ ކޮވެކްސްގެ ދަށުން ކެނެޑާއިން ވެސް ރާއްޖެ އަށް އެހީ ފޮނުވަން ވަނީ ނިންމައިފަ އެވެ. ކޮވެކްސް ފެސިލިޓީ އަށް ކެނެޑާ އިން ހަދިޔާކުރި ފައިސާ އިން ރާއްޖެ އަށް ވެސް އެހީ ލިބޭނެ ކަމަށް، ކެނެޑާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނޮން ވަނީ ވިދާޅުވެފަ އެވެ.

މި ފެސިލިޓީގެ ދަށުން ނޫނަސް އިންޑިއާ އާއި ޗައިނާ އިން ވަނީ ރާއްޖެ އަށް ވެކްސިން ހަދިޔާކޮށްފަ އެވެ. ރާއްޖެ އަށް މިހާތަނަށް ލިބުނު ހުރިހާ ވެކްސިނަކީ ވެސް ގައުމުތަކުންނާއި ހެޔޮ އެދޭ މީހުން ހަދިޔާކުރި ވެކްސިނެވެ.

ވެކްސިން ގަންނަން ސަރުކާރުން ވަނީ އޯޑަރު ދީފަ އެވެ. އެކަމަކު އޭގެ އެއްވެސް ވެކްސިނެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޮފޯމް އަދި އެމެރިކާގެ ފައިޒާ ވެކްސިނެވެ. އަދި ރަޝިއާގެ ސްޕަޓްނިކް-ވީ އާއި ސިންގަޕޫރްގެ އެސްޓްރަޒެނެކާ އާއި އެމެރިކާގެ ޖޯންސަން ވެކްސިން އަށް ވެސް ރާއްޖެ އިން ހުއްދަ ދީފައި ވީ ނަމަވެސް، އެ ވެކްސިންތައް ވެސް އަދި ރާއްޖެ އަށް ނުލިބެ އެވެ.