Roadha Mihaaru
ޖަޕާނުން ރާއްޖެއަށް މަތީ ތައުލީމުގެ ސްކޮލަޝިޕް ދެނީ

ޖަޕާނުގައި މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލަޝިޕް ދިވެހިންނަށް ދެނީ

05 އޯގަސްޓް 2020

ރާއްޖެ އަށް ޖަޕާނުން މަތީ ތައުލީމުގެ ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އަށް ޖަޕާނުން މަތީ ތައުލީމުގެ ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ކެއިކޯ ޔަނާއީ އެވެ.

މި އެއްބަސްވުމުގެ ދަށުން ހަތަރު އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި ހަ ދަރިވަރަކު މަތީ ތައުލީމަށް ކިޔެވުމަށް ޖަޕާނަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ސްކޮލަޝިޕްތަކުގައި ކިޔެވުމުގެ އަގު 19 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޖަޕާނުން ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް އެކި ގޮތް ގޮތުން އަދި އެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްފީފަ އެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ޔުނިސެފު މެދުވެރިކޮށް 356،400 ޑޮލަރުގެ އެހީއަކާއި ރެޑް ކްރެސެންޓް މެދުވެރިކޮށް 185،000 ޑޮލަރުގެ އެހީއެއް އަދި ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ޖަޕާނުން ރާއްޖެ އަށް ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.