Roadha Mihaaru
އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ރިވިއު ކުރަނީ

އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ރިވިއު ކުރަން ހުށަހަޅައިފި

14 ޖުލައި 2021

ޖިންސީ ގޯނާއާއި ރޭޕްގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެދިން މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތުމުން އެ މައްސަލަ ރިވިއުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން އެ ކޯޓަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޖިންސީ ގޯނާއާއި ރޭޕްގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެދިން މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތުމުން އެ މައްސަލަ ރިވިއުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން އެ ކޯޓަށް ހުށަހަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ހަތް ދައުވާއެއް ކޮށްފައިވާ އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހަތަރު މަހަށް އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ މުއްދަތުގައި ވެސް އޭނާ އަނބުރާ ރާއްޖެ ވަޑައެއް ނުގަނެ އެވެ.

އޭނާގެ ޕާސްޕޯޓު ދޫކުރި މުއްދަތު ހަމަވުމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން އެދުނީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ނަމަވެސް، އެކަމާ މެދު ގޮތެއް ނުނިންމައި ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ގާޒީ ހަސަން ސައީދު ނިންމެވީ އަމުރެއް ނެރެނުދޭށެވެ.

ގާޒީ ހަސަން ސައީދުގެ އެ ނިންމެވުން ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްޔާއަކާ ހަވާލާ ދެއްވައި މިއަދު ހައި ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައި ވަނީ އެ މައްސަލަ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެތީ އެ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ.

ރަޖިސްޓްރާ މިގޮތަށް ނިންމެވި ނަމަވެސް، އެ ނިންމުން އަދި ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރެވިދާނެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރިން ނިންމި މައްސަލަ، ދައުލަތުން މަތީ ކޯޓުތަކުގައި އިސްތިއުނާފުކުރި ނަމަވެސް، އޭނާ އުޅޭ ތަނެއް ނޭނގިގެން މައްސަލަ ނުބޭއްވުނެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް، އޭނާ ކޯޓަށް ހާޒިރުވެއްޖެ ނަމަ އަދިވެސް އެ މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ.

އަލީ ވަހީދު، އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން އޭނާ އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ އެ ގޮތް ހަމަޖައްސައިދީފަ އެވެ. އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ. މިހާރު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ވަނީ ނިންމައިފަ އެވެ.