Roadha Mihaaru
އަލީ އުޅުއްވާ ތަނެއް ދިވެހި ދައުލަތަކަށް ނުހޯދުނު

އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ދިވެހި ދައުލަތަކަށް ނުހޯދުނު

07 އެޕްރީލް 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދުމަށް ދައުލަތަށް ދިން މުއްދަތުގައި އެކަން އެނގިފައިނުވާ ކަމަށް ހައި ކޯޓަށް އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދުމަށް ދައުލަތަށް ދިން މުއްދަތުގައި އެކަން އެނގިފައިނުވާ ކަމަށް ހައި ކޯޓަށް އަންގައިފި އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ އަލީގެ ޕާސްޕޯޓު ދޫކޮށް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވައިފަ އެވެ. އެއާއެކު، ހަމަ އެ ރޭ އޭނާ ފުރަވަޑައިގެންފައި ވެ އެވެ.

ޕާސްޕޯޓު ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެގޮތުން، މިދިޔަ ހޯމަ ދުވަހު ބޭއްވި އިސްތިއުނާފު ޝަރީއަތުގައި ކޯޓުން ވަނީ އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދައި އިއްޔެގެ މެންދުރު 2:00 ގެ ކުރިން ކޯޓަށް އަންގަން އެދިފަ އެވެ.

ދައުލަތުން ދޭ ޖަވާބަކަށް ބެލުމަށް ފަހު، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ ދުވަހުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވި އެވެ. ނަމަވެސް ދައުލަތުން އެދިފައިވަނީ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އެއާއެކު އަލީ ދިރިއުޅުއްވާ ތަނެއް ހޯދައިދިނުމަށް ދައުލަތުން ފުލުހުގައި އެދުނު އެދުމުގައި ވެސް އެކަން ކާމިޔާބުނުވުމުން ޕީޖީން އެކަން ކޯޓަށް އަންގާފައިވާ ކަމަށް، އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވި އެވެ.

ކޯޓަށް ހާޒިރުކުރުމުގެ ޗިޓް ފޮނުވަން އަލީ މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފުކުރަން ކޯޓުން އެންގި ނަމަވެސް މައްސަލަ ރައްދުވާ ފަރާތް ކޯޓަށް ހާޒިރުކުރުމަކީ، ޝަފީއު ވިދާޅުވި ގޮތުގައި، ކޯޓުގެ ޒިންމާއެކެވެ.

އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ އަލީ ވަހީދު ކޯޓަށް ހާޒިރުވުމުގެ ޗިޓް ރައްދު ކުރަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވި ކަމަށެވެ. ނަމަވެސް ރައްދުގައި ދައުލަތުން ބުނީ އަލީ ވަހީދުގެ ފޯނު ނަމްބަރަކީ އަލީ ވަހީދު ބޭނުންކުރާ ނަމްބަރު ކަމަށާއި އެ ނަމްބަރަށް ޗިޓް ފޮނުވޭ ހިސާބުން، ޗިޓް ރައްދު ކުރެވުނީ ކަމަށް ބަލަންޖެހޭނެ ކަމަށެވެ.