Roadha Mihaaru
ފިލައިފި މީހެއްގެ ޕާސްޕޯޓު ހިފަހައްޓާނެ ގޮތެއް ނެތް

ރާއްޖެއިން ބޭރަށް ގޮސް ފިލައިފި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ގޮތެއް ނެތް: ހައި ކޯޓު

06 އޮކްޓޯބަރ 2021

ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ، ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ޕާސްޕޯޓު ހިފަހައްޓާނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ، ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ޕާސްޕޯޓު ހިފަހައްޓާނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ހައި ކޯޓުން މިގޮތަށް ނިންމީ، ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލާފައިވާ ކަމަށް ބުނެ އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އެދުމުން، އެފަދަ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައިގަ އެވެ.

އަލީ ވަހީދުގެ މައްސަލައިގައި ހައި ކޯޓުގައި ސުވާލު އުފެދުނީ ޖިނާއީ މައްސަލަތަކާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމާ ބެހޭ އިޖުރާއަތު ބަޔާންކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެކަމާ މެދު އެވެ.

މި މައްސަލައިގައި ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން އެންމެ ގިނައިން ސުވާލު ކުރީ ވެސް އެކަމާ ބެހޭގޮތުންނެވެ. ދައުލަތުން ބުނެފައި ވަނީ އެ މާއްދާގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ހުރަހެއް ނެތް ކަމަށެވެ.

ހައި ކޯޓުން މިއަދު ނެރުނު ހުކުމުގައި ވަނީ އެ މާއްދާގެ ދަށުން ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ގޮތެއް ނެތް ކަމަށެވެ. އެ މާއްދާގެ އިބާރާތްތަކަށް ޖުމްލަ ގޮތެއްގައި ބެލުމުން އެ މާއްދާ އަކީ ރާއްޖެއިން ފިލައިގެން ހިނގައިދާނެ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމާ ބެހޭ މާއްދާއެއްކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމަށް އަމުރުކޮށްދިނުމަށް އެދި ހުށަހަޅާ އިރު ދިވެހިރާއްޖޭގައި އެ މީހާ މަޑުކުރުވަންޖެހޭ ސަބަބު ބަޔާންކުރަން އޮވެ އެވެ. އަދި އެ މީހާ ރާއްޖެއިން ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭ ސަބަބާއި ފިލައިގެން ހިނގައިދާނެކަން އެނގޭ ހެކިތައް ބަޔާންކުރަން ވެސް އޮވެ އެވެ. އަދި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނެރޭ އިރުވެސް "ދިވެހިރާއްޖެއިން ފުރައިގެން ދިޔުން" މަނާކުރާ ކަމަށް ބަޔާން ކުރަން އެފަދަ ކޯޓު އަމުރުގެ ނަމޫނާގައި ވެސް އޮވެ އެވެ.

އެކަމަކު، ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅޭ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ސަބަބުތަކާއި ހެކިތައް ބަޔާންކުރާ އެއްވެސް މާއްދާއެއް ނެތެވެ.

"ބުނެވިދިޔަ އެންމެހައި ކަންކަން އެހެންހުރުމުން، އަހުރެންނަށް ވިސްނެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓު ހިފެހެއްޓުމުގެ ކޯޓު އަމުރެއް ހޯދުމަށް އެދެވޭނީ ވެސް އަދި އެފަދަ އަމުރެއް ނެރެދެވޭނީ ވެސް ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމަންޓު ހިފަހައްޓަން ބޭނުންވާ މީހާ ދިވެހިރާއްޖޭގެ އިހްތިސާސުން ބޭރުވުމުގެ ކުރިން ކަމަށެވެ." ފަނޑިޔާރު ހަސަން ޝަފީއު އިއްވެވި ހުކުމުގައިވެ އެވެ.

ދައުލަތުން ހައި ކޯޓުގައި ބުނެފައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ނުހިފަހައްޓަން ކްރިމިނަލް ކޯޓުން ނިންމީ ހައި ކޯޓުން ކުރިން ނިންމި ނިންމުމާ ހިލާފަށް ކަމަށެވެ. އެކަމަކު، ހައި ކޯޓުގެ އެ ނިންމުމާ ހިލާފުވާ ގޮތަށް ދައުލަތުގެ ވަކީލުންނަށް ބުނެނުދެވޭ ކަމަށާއި ހައި ކޯޓުގެ އެ ހުކުމުގައި ވެސް ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ކަމަށް ބަޔާން ނުކުރާ ކަމަށް މިއަދު އިއްވި ހުކުމުގައިވެ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޝަފީއުގެ އިތުރުން، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސެއިން މަޒީދެވެ.

ފުލުހުން އެންމެ ފުރަތަމަ މަސައްކަތްކުރީ އަލީ ވަހީދުގެ ކެންސަލްކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފަހައްޓާށެވެ. އެކަން އެނގުނީ އެ ޕާސްޕޯޓު ނުހިފަހައްޓައިގެން ފުލުހުން ހައި ކޯޓަށް ދިޔުމުން ހައި ކޯޓުން ބެލި މައްސަލައިގަ އެވެ.

އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގެ ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވެސް ވަނީ، ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ގޮތެއް ރާއްޖޭގެ ގާނޫނުގައި ނެތް ކަމަށެވެ. އެކަމަކު، އެ ރައުޔަށް އަގުލަބިއްޔަތު ނުލިބެ އެވެ.