Roadha Mihaaru
އަލީ ވަހީދު ސީރީޒްގެ "ޖާމިނު" އެޕިސޯޑް ޖޫންގެ ފަހުން

އަލީ ވަހީދު ސީރީޒްގެ "ޖާމިނު" އެޕިސޯޑް ޖޫންގެ ފަހުން

08 އެޕްރީލް 2021

މުވައްޒަފުންނަށް ޖިންސީ ފުރައްސާކުރި ކަމުގެ ހުތުރު ތުހުމަތުތަކާ އެކު ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި އަލީ ވަހީދުގެ މައްޗަށް ސީރިއަސް ދައުވާތަކެއް އުފުލާފައި ވަނިކޮށް، އެއިން ސަލާމަތްވެވޭ ގޮތަށް ރާއްޖޭން ބޭރަށް ފޮނުވާލަން ނެރުނު އަމުރު ސިފަ ވަނީ ބޮޑު ޑްރާމައެއްގެ ގޮތުގަަ އެވެ. އެކަމާ ގުޅޭ ގޮތުން މިހާރު މި ފެންނަނީ މީގެ "ޑައިރެކްޝަނު"ގައި ބައިވެރިވިކަމުގެ ތުހުމަތު އޮތް ފަރާތްތަކުން އެކަމުން ރެކެން ކުރާ މަސައްކަތް ކަމަށް ގަބޫލުކުރަންޖެހޭ އެތައް ސަބަބެއް އެބަހުއްޓެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މުވައްޒަފުންނަށް ޖިންސީ ފުރައްސާކުރި ކަމުގެ ހުތުރު ތުހުމަތުތަކާ އެކު ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި އަލީ ވަހީދުގެ މައްޗަށް ސީރިއަސް ދައުވާތަކެއް އުފުލާފައި ވަނިކޮށް، އެއިން ސަލާމަތްވެވޭ ގޮތަށް ރާއްޖޭން ބޭރަށް ފޮނުވާލަން ނެރުނު އަމުރު ސިފަ ވަނީ ބޮޑު ޑްރާމައެއްގެ ގޮތުގަަ އެވެ. އެކަމާ ގުޅޭ ގޮތުން މިހާރު މި ފެންނަނީ މީގެ "ޑައިރެކްޝަނު"ގައި ބައިވެރިވިކަމުގެ ތުހުމަތު އޮތް ފަރާތްތަކުން އެކަމުން ރެކެން ކުރާ މަސައްކަތް ކަމަށް ގަބޫލުކުރަންޖެހޭ އެތައް ސަބަބެއް އެބަހުއްޓެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާ އެކު އޭނާ ގެއްލުމުން އާންމުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރުތަކުން ސަލާމަތްވާން މި ކުރާ އެއްވެސް ކަމަކީ ގާނޫނީ ގޮތުން ބަލާއިރު ނަތީޖާއެއް ނުކުންނާނެ ކަންކަން ނޫން ކަމަށް ގާނޫނީ އެތައް ބަޔަކު ބުނެ އެވެ. ޕީޖީން ދިފާއުގައި ކޮންމެ ވާހަކައެއް ދައްކާފައި ވިޔަސް ޕީޖީން ވެސް އަދި ކޯޓުން ވެސް އަލީ ވަހީދުގެ މައްސަލާގައި ކަން ކޮށްފައިވަނީ އާންމުކޮށް ކަންކުރާ އުސޫލުން ނޫން ކަމަށް ވެސް ދެކެ އެވެ.

ޕާސްޕޯޓް ދޫކޮށްލަން ކުރި އަމުރުގެ އިސްތިއުނާފު މައްސަލައިން ހާމަވި ގޮތުގައި އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވުގެ ކުރިން ބަލަންޖެހޭ އެއްވެސް ކަމެއް ހަރުދަނާ ގޮތެއްގައި ކަށަވަރުކޮށްފައެއް ވެސް ނުވެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކުރި އަމުރު އިސްތިއުނާފުކުރުމުން އެ މައްސަލައިގެ ދައުވާ ފޯމު ހައި ކޯޓުން އިއްޔެ ބާތިލްކުރީ އޭނާ މާލޭގައި އުޅޭ ކަމަށް ދީފައިވާ އެޑްރެހަށް ޗިޓް ފޮނުވައިގެންނާއި ދީފައިވާ ފޯނު ނަންބަރުތަކާއި އީމެއިލް މެދުވެރިކޮށް ވެސް މުއާމަލާތް ނުކުރެވުމުންނެވެ. އަލީ ވަހީދު ރާއްޖޭން ބޭރަށް ދިއުމުގައި ޖާމިނުވި އޭނާގެ އެކުވެރި އަސްހަދު އަލީ ވެސް ހައި ކޯޓަށް ބުނެފައިވަނީ އަލީ ވަހީދު މިހާރު އުޅޭ ތަނެއް ނޭނގޭ ކަމަށެވެ. އަލީ ވަހީދު އުޅޭ ތަނެއް ހޯދަން ދައުލަތަށް ދިން އެއް ދުވަހުގެ މުއްދަތުގައި ދައުލަތަށް ވެސް އެކަން ނުވީ އެވެ.

ޖިނާއީ ދައުވާއެއް އުފުލައި އެ ދައުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފު އަޑުއެހުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ހިންގައި މައްސަލަ ނިންމޭނެ އުސޫލެއް ޖިނާއީ އިޖުރާއާތުގެ ގާނޫނަކު ނެތެވެ. އެކަން ސުޕްރީމް ކޯޓުގެ ހުކުމެއްގައި ވެސް ބަޔާންކޮށްފައިވެ އެވެ. އެހެންވެ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ދައުލަތުން އެދުނު ކަމުގައި ވިޔަސް އެކަން ކުރުމުގެ ބާރެއް ހައި ކޯޓަކަށް ވެސް ނެތެވެ. އެހެންވެ އޮތް ހަމައެކަނި ގޮތަކީ އަލީ ވަހީދު ހޯދާފައި، ދައުލަތުން އެކަން ހައި ކޯޓަށް އަންގައި އަލުން މައްސަލަ ހިންގުމެވެ.

އެ ހިސާބަށް އެ އޮތީ މަންޒަރު ހުއްޓިފަ އެވެ.

ޝަރީއަތް ފެށުމަށް ފަހު ޖާމިނުކުރީ ކޮން ހަމަޔަކުން؟

ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ދޫކުރުމުގެ ހުއްދަ އަށް އެދި ހުށަހެޅުމުން ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ނުދިން މައްސަލައާ އަލީ ވަހީދު ފުރުވާލި މައްސަލައާ އަޅާކިޔަން އެތައް ކަމެއް އެބަހުއްޓެވެ.

އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް ވުރެ ކުޑަ ދައުވާއެއް އޮތް ޖިހާދު ބޭސްފަރުވާ ހޯއްދެވުމަށާއި ދަރިންނާ ބައްދަލުކުރެއްވުމަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް، އޮންނަ އުސޫލުގެ ތެރެއިން ކޯޓުގެ ހުއްދަ އަށް އެދިވަޑައިގަތުމުން، އެކަމާ ގޮތެއް ނިންމުގެ ކުރިން ޕީޖީގެ އެދުމަށް ކްރިމިނަލް ކޯޓުން އަޑުއެހުމެއް ބޭއްވި އެވެ. ޖިހާދު ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ބޭނުން ކަމަށް ކޯޓަށް އަންގާފައި ވަނިކޮށް ޕީޖީން ކޯޓުގައި ބުނީ ޖިހާދު ފިއްލަވަން އުޅޭ ކަމަށެވެ. ހެއްކެއް ކަމަށް ހުށަހެޅީ ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ނަންގަވާފައިވާ ޓިކެޓްގެ ކޮޕީއެކެވެ. އެއީ ފިލަން އުޅޭ ކަމުގެ ހެއްކެއް ކަމަށް ޕީޖީން ބުނި އިރު ޖިހާދު އޮތީ އޭގެ ކުރިން ވެސް މި ދަތުރުގެ ވާހަކަ ކޯޓަށް އަންގަވައިފަ އެވެ. އެކަމަކު ޕީޖީގެ ބަހަށް ޖިހާދު ހިފެހެއްޓީ އެވެ.

ޖިހާދު ފިއްލަވަން ނޫޅުއްވާ ކަމަށާއި ބޭނުން ނަމަ ޖިހާދުގެ ބަދަލުގައި މީހަކު ޖާމިނުކޮށްދީފާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުގައި އޭނާ ވިދާޅުވި އެވެ. އެކަމަކު ޖިހާދުގެ މައްސަލާގައި، އަލީ ވަހީދަށް ދިން ގޮތަށް، މީހަކު ޖާމިނުކުރުމުގެ ފުރުސަތެއް ނުދެ އެވެ. ހަގީގަތަކީ އެގޮތަށް މީހަކު ޖާމިނުކުރުމަކީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގައި ހުންނަ މީހަކު ބަންދުން ދޫކޮށްލާއިރު އޮންނަ ގޮތެއް ކަމެވެ.

"ކަފާލާތުގެ ދަށުން މީހުން ދޫކުރުން" ބަޔާންކުރާ ޖިނާއީ އިޖުރާއާތުގެ ހަތް ވަނަ ބާބުގައި މިކަން ސާފުކޮށް އެނގެން އޮވެ އެވެ. އެ ބާބުގައި، 64 ވަނަ މާއްދާގައި އޮންނަނީ "މީހަކު ޖާމިނުވުމުން ބަންދުން ދޫކުރުން" އޮންނަ ގޮތެވެ. އެ މާއްދާގައި ވަރަށް ސާފުކޮށް ބުނެފައި އޮންނަނީ އެއީ "ބަންދުގައި ހުރި މީހަކަށް" ޖާމިނުވުން ކަމަށެވެ. އެއީ ދައުވާ އުފުލައި ޝަރީއަތް ހިންގަން ފެށުމަށް ފަހު، ދައުވާ ލިބޭ މީހަކަށް އެހެން މީހަކު ޖާމިނުވާ ވާހަކައެއް ނޫނެވެ. އެކަމަކު ކުށުގެ ތުހުމަތަށް ބަންދުކޮށްފައިވާ މީހަކަށް ޖާމިނުވެ ދޫކޮށްލާ ފަހުން އޭނާ ފިލައިފި ނަމަ، އެ މީހަކު ޝަރީއަތަށް ހާޒިރުކޮށްދިނުމަކީ ޖާމިނުވާ މީހާ އަށް ލާޒިމު ކަމެކެވެ.

ދައުވާ އުފުލިފައިވާ މީހުންނަށް އެހެން މީހުން ޖާމިނުކޮށް "ފިލަން" ފުރުސަތު ދޭ ނަމަ ކޮންމެ މީހަކު ވެސް އެހެން މީހަކު ޖާމިނުކޮށްފައި ބޮޑެތި އަދަބުތަކުން ސަލާމަތްވާންވީ އެވެ.

ޖާމިނުވި މީހާގެ އެޕިސޯޑް ފެށޭނީ ޖޫންގެ ފަހުން

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ ހަތަރު މަސް ދުވަހަށެވެ. އަލީ ވަހީދަށް ޖާމިނުވި އޭނާގެ އެކުވެރި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ކްރިމިނަލް ކޯޓުގައި އިގުރާރުވެފައި ވަނީ އެ މުއްދަތަށް ފަހު އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ޒިންމާވާނެ ކަމަށެވެ.

އަލީ ވަހީދަށް އުފުލާފައިވަނީ ޖިނާއީ ހަތް ދައުވާ އަށް ވެފައި އެ ދައުވާތަކާ ގުޅޭ އިސްތިއުނާފީ އެއްވެސް މައްސަލައެއް ހިންގޭނީ ދައުވާ ލިބޭ މީހާ ހައި ކޯޓަށް ހާޒިރުކޮށްގެން ކަމަށް އޮތް އޮތުން ސުޕްރީމް ކޯޓުގެ ހުކުމަކުން ބަދަލު ނުވާހާ ހިނދަކު ނުވަތަ އަލީ ވަހީދު ހޯދައި ހައި ކޯޓުން އަލުން މައްސަލަ ނުބަލާހާ ހިނދަކު ދެން ޖެހޭނީ ކްރިމިނަލް ކޯޓުން ދިން ހަތަރު މަސް ދުވަހުގެ މުއްދަތު ހަމަވަންދެން ތިބޭށެވެ. އެ މުއްދަތު މި އަހަރުގެ ޖޫން މަހުގެ ކުރީކޮޅު ހަމަވާނެ އެވެ. މުއްދަތު ހަމަވުމަށް ފަހު އަސްހަދު ޖަވާބުދާރީވާން ޖެހޭނީ އަލީ ވަހީދު ހާޒިރު ނުވެއްޖެ ނަމަ އެވެ.

އަލީ ވަހީދު ކޯޓަށް ހާޒިރު ނުކުރެއްވިއްޖެ ނަމަ، ޖާމިނުވި މީހާ އަށް ކުރެވޭނެ ހުކުމްތަކަކީ، ގިނަވެގެން އެއް އަހަރަށް ޖަލަށް ލުން، ގިނަވެގެން ދެ އަހަރަށް ގޭ ބަންދުކުރުން، 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. ދެން އޮތީ އަދަބަކަށް ވެސް ނުވާ ކަމެކެވެ. އެއީ ދެން މީގެ ފަހުން އެހެން މީހަކަށް ޖާމިނުވުން ވަކި މުއްދަތަކަށް މަނާކުރުމަށެވެ.

އެކަމަކު މި ހުރިހާ ކަމަކަށް ވުރެ ބޮޑު އަދަބެއް ދެވޭނެ އިހްތިޔާރެއް ވެސް އެބަ އޮތެވެ. އެއީ ޖާމިނުވި މީހާ އޭނާގެ އިގުރާރާ ޚިލާފުވެއްޖެ ނަމަ، ނުވަތަ ބަންދުން ދޫކުރެވިފައިވާ މީހާ ފިލައިފި ނަމަ، ބަންދުން ދޫކުރެވިފައިވާ މީހާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެ އޭނާ ހައްޔަރުކުރެވުމުން، މައްސަލަ ވަކި ގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ފަނޑިޔާރަށް އޮންނަ އިހްތިޔާރެވެ.

ޣައިރު ހާޒިރުގައި ހުކުމްކުރުން

އަލީ ވަހީދަށް ޖާމިނުވި މީހާ އޭނާ އެއްބަސްވި ގޮތަށް ކަންތައް ނުކޮށްފި ނަމަ ދެން ޖެހޭނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގާށެވެ. އެއީ ކުރެވިދާނެ ކަމެކެވެ. އެކަމަކު އެއީ އަލީ ވަހީދުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ހުކުމް ތަންފީޒު ކުރެވޭނެ ކަމުގެ ގެރެންޓީއެއް ނޫނެވެ.

ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައި އޮންނަނީ ޖިނާއީ މައްސަލަތަކުގައި، އެ ގަވައިދުގައި ބުނާ ހާލަތްތަކުގައި، ޣައިރު ހާޒިރުގައި މައްސަލަ ހިންގައި ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

އެއީ މައްސަލައެއް ބަލަން ފެށުމަށް ފަހު ނުވަތަ މައްސަލައެއް ހިންގުމަށްޓަކައި ހާޒިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެ މީހާ ވީތަނެއް ނޭނގޭ ނަމަ ނުވަތަ އެ މީހަކު ވީ ރާއްޖޭން ބޭރުގައި ކަމަށްވާ ނަމަ، ޣައިރު ހާޒިރުގައި މައްސަލަ ހިންގޭނެކަން އެނގޭ ގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯ އިން ނުވަތަ ޓީވީން ނުވަތަ އެ ނޫން ވެސް ޚަބަރު ފަތުރާ ވަސީލަތަކުން އިއުލާނުކުރުމަށް ފަހު އިއުލާނުގައިވާ ތާރީހުގައި ތާރީހާއި ގަޑިއަށް ހާޒިރު ނުވެއްޖެ ނަމަ، ކޯޓަށް ހާޒިރުވުމަށް އެންގުނީ ކަމަށް ބަލައި އެ މީހެއްގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމުމެވެ.

އަނެއް ހާލަތަކީ މައްސަލައެއްގެ އަޑުއެހުން ނިންމުމަށް ފަހު، މައްސަލަ ނިންމުމަށްޓަކައި ހާޒިރުވުމަށް އެންގުމުން މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އޭނާގެ ޣައިރު ހާޒިރުގައި މައްސަލައިގެ ހުކުމް އިއްވުމެވެ.

ޣައިރު ހާޒިރުގައި މައްސަލަ ނިންމާ ނަމަ، ހުކުމް ކުރާތާ ހަތް ދުވަހުގެ ތެރޭގައި، ހުކުމް ކުރެވުނުކަން އެނގޭނެ ލިޔުމެއް، ހަތް ދުވަހުގެ މުއްދަތަށް އެ ކޯޓެއްގެ ނޯޓިސް ބޯޑުގައި ބަހައްޓަން ޖެހޭނެ ކަމަށް ގަވައިދުގައި އޮވެ އެވެ.

ހުކުމެއް އަތުވެއްޖެ ނަމަ އަލީ ވަހީދު ރާއްޖޭން ބޭރުގައި ހުންނަންވީ އެވެ. ދައުވާތައް ސާބިތު ނުވެއްޖެ ނަމަ އެނބުރި އަންނަންވީ އެވެ. ޖާމިނުވި މީހާ، ނިސްބަތުން މާ ކުޑަ އަދަބަކުން ފުއްދާލާނީ އެވެ. އެ ހިސާބުން ޑްރާމާ ނިމުނީ އެވެ.