Roadha Mihaaru
އޮޅުވާލައިގެން ހިދުމަތް ދޭ ތިން ގެސްޓްހައުސްއެއް ބަންދު

އޮޅުވާލައިގެން ސައުތު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތް ދިން ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ބާތިލުކޮށްފި

17 ޖުލައި 2021

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގަވައިދާ ހިލާފަށް ހިދުމަތް ދެމުން ދިޔަ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގަވައިދާ ހިލާފަށް ހިދުމަތް ދެމުން ދިޔަ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފި އެވެ.

ހުޅުމާލޭގައި ހިންގާ އެ ތިން ގެސްޓް ހައުސްގެ ހުއްދަ ބާތިލުކުރި ކަމަށް އެ މިނިސްޓްރީން މިއަދު ބުނި ނަމަވެސް ނަންތައް އާންމެއް ނުކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސްއަދު ރިޒާ "މިހާރު" އަށް ވިދާޅުވީ އެ ތަންތަނުގެ ހުއްދަ ބާތިލު ކުރީ އެ މިނިސްޓްރީ އަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ރޭ ހިންގި އޮޕްރޭޝަނަކަށް ފަހު ކަމަށެވެ. އަދި ހުއްދަ ބާތިލު ކުރީ ވަގުތީ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަސްއަދު ވިދާޅުވީ، ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ވުމުން ދީފައިވާ ބޮޑެތި ލުއިތަކާއެކު، މި ވަގުތު އެންމެ މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށާއި އެކަމާ ގުޅިގެން އެޗްޕީއޭ އިން ހަދާފައިވާ ގައިޑްލައިނާ ހިލާފުވާ ކޮންމެ ގެސްޓް ހައުސްއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

"އޮޅުވާލައިގެން ސައުތު އޭޝިއާ ޓޫރިސްޓުންނަށް ހިދުމަތް ދޭ ކަމަށް އަޅުގަނޑުމެންނަށް ރިޕޯޓުތައް ލިބުމުން އެ ތަންތަނަށް ގޮސް އިންސްޕެކްޓް ކުރިއިރު އެބަތިބި ސައުތު އޭޝިއާ ޓޫރިސްޓުން. އެހެންވެ މިހާރު ވާނީ އެ ތިން ތަނުގެ ނަން އިމިގްރޭޝަނުގެ ލިސްޓުން ވެސް ނަގާލާފައި،" އަސްއަދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއް--

ހުއްދަ ބާތިލުކުރި ތިން ގެސްޓް ހައުސްގައި ތިބި ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މީހުންގެ ސްޓޭ، ރިސޯޓުތަކަށް ބަދަލު ކުރުމުގެ ފުރުސަތު ދީފަ އެވެ. ސްޓޭ ބަދަލު ނުކުރާ ނަމަ އެ ޓޫރިސްޓުން އެނބުރި ދާން ޖެހޭނެ އެވެ.

ހުޅުމާލޭގެ ތިން ގެސްޓް ހައުސެއްގެ ހުއްދަ ބާތިލު ކޮށްފައިވާއިރު، އިތުރު ތިން ގެސްޓް ހައުސްއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ. އެއީ މާލޭގެ ދެ ތަނަކާއި ހުޅުމާލޭގެ ތަނެކެވެ. މީގެ ތެރޭގައި ދެކުނު އޭޝިއާ އިން ވޯކް ވިސާގައި އަންނަ މީހުން ކަރަންޓީން ވާން ހަމަޖައްސާފައިވާ ގެސްޓު ހައުސް އެއްވެސް ހިމެނެ އެވެ.

ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ވިސާ ދޫކުރުން މެދުކަނޑާލުމަށް ފަހު އަލުން އެ ސަރަހައްދުގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެޗްޕީއޭގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ގެސްޓް ހައުސްތަކުގައި ނުތިބެވޭނެ އެވެ.

ހޮޓަލެއްގައި ބުކިން ހަދާފައިވާ ކަމަށް ދައްކައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް އިއްޔެ ވަނީ 248 ބިދޭސީއަކު ވެސް އަތުލައިގެންފަ އެވެ. އޭގެ ތެރެއިން 168 މީހުންނަކީ އިންޑިއާގެ ރައްޔިތުން ކަމަށް ވާއިރު، އެ މީހުން އައީ މެދުއިރުމަތީގެ ގައުމުތަކަށް މަސައްކަތު ދިއުމުގެ ކުރިން ރާއްޖޭގައި ކަރަންޓީނުވާން ކަމަށް ވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.