Roadha Mihaaru
ރާއްޖެއަށް ދޭ އިންޑިއާގެ ހިލޭއެހީގެ އަދަދު އިތުރުކޮށްފި

ރާއްޖެ އަށް އިންޑިޔާ އިން ދޭ ހިލޭ އެހީ އިތުރުކުރުމުގެ އެއްބަސްވުން އާ ކޮށްފި

23 ޖުލައި 2021

ރާއްޖެ އަށް އިންޑިއާ އިން ދޭ ހިލޭ އެހީ އިތުރު ކުރުމުގެ އެއްބަސްވުން މިއަދު އާ ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އަށް އިންޑިއާ އިން ދޭ ހިލޭ އެހީ އިތުރު ކުރުމުގެ އެއްބަސްވުން މިއަދު އާ ކޮށްފި އެވެ.

އިންޑިޔާގެ އެހީ އިތުރުކޮށް، "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ހިންގުމަށް އެމްއޯޔޫއެއްގައި ސޮއިކުރެއްވީ، އެ ގައުމަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރެވެ.

ހައި އިމްޕެކްޓް މަޝްރޫތައް ހިންގުމަށް އިންޑިއާގެ ސަރުކާރުން 2019 ގައި ވަނީ ރާއްޖެ އަށް 85 މިލިއަން ރުފިޔާގެ އެހީއެއް ދީފަ އެވެ. އަދި މިއަދު އާ އެމްއޯޔޫގައި ސޮއިކުރުމާއެކު އެ އަދަދު 155 މިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.

ހައި އިމްޕެކްޓް މަޝްރޫއުތަކުގެ ބޭނުމަކީ މުޖްތަމައަށް އިގްތިސާދީ އަދި އިޖުތިމާއީ ހެޔޮ އަސަރުތަކެއް ކުރާނެ މަޝްރޫއުތަކެއް ހިންގުމެވެ. މި މަޝްރޫއުތައް ހިންގަނީ މަޝްރޫއު ހަވާލުކުރާ އިދާރާގެ ބެލުމުގެ ދަށުންނެވެ.

"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ތަކާ ގުޅޭ އެމްއޯޔޫގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ އިންޑިއާގެ އޭރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފގައި މާޗު 17 2019 ގަ އެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެމްއޯޔޫގެ ދަށުން މިހާރު ވެސް 12 މަޝްރޫއެއް ރާއްޖޭގައި ކުރިއަށް ގެންދެ އެވެ.

އެއީ އައްޑޫ ހިތަދޫ، މަރަދޫ އަދި ހުޅުދު އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުތަކާއި އައްޑޫ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ޓޫރިޒަމްގެ ޒޯނުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތަކާއި ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއާއި އައްޑޫ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ގާއިމުކުރުން އަދި ހއ. ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ބެހެއްޓުމެވެ.

ފޮރިން މިނިސްޓްރީން ބުނީ، "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އަށް އިންޑިއާ ސަރުކާރުން ފަހު އިތުރުކުރި ފައިސާ އަށް ހިންގާނެ މަޝްރޫއުތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.