Roadha Mihaaru
ސްކޫލު ބޮޑު ޗުއްޓީ ބަދަލުވީ ވިއްސާރަ ދުވަސްވަރަށް

ސްކޫލު ބޮޑު ޗުއްޓީ ބަދަލުވީ ވިއްސާރަ ދުވަސްވަރަށް

27 ޖުލައި 2021

ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރުމުގެ މަޝްވަރާގެ ތެރޭގައި ވެސް ޓީޗަރުންނާއި ބެލެނިވެރިން އެންމެ ބޮޑަށް ފާޅުކުރި އެއް ކަންބޮޑުވުމަކީ ޖޫން/ޖުލައި މަހު ވިއްސާރަވެ، ކަނޑު ގަދަވުމުން އެ ބޮޑު ޗުއްޓީގެ ބޭނުން ނުހިފޭނެ ކަމެވެ. އެކަމަކު، ކޮވިޑު-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމާއި، ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމަށް މީގެ ކުރިން ވެސް މަޝްވަރާ ފެށިފައި އޮތުމުން ސްކޫލުގެ ބޮޑު ބަންދު ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީއަށް އެންމެ ރަނގަޅު ފުރުސަތަކަށް ވީ މިދިޔަ އަހަރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެކަމަކު، ނޮވެމްބަރު/ޑިސެމްބަރު މަހުގެ ބަދަލުގައި އޮގަސްޓު މަހުގައި ދިރާސީ އަހަރު ފަށާ ފުރަތަމަ އަހަރުގެ ބޮޑު ބަންދުގެ ގިނަ ދުވަސް މި ދިޔައީ ވިއްސާރައިގަ އެވެ. އެހެންވެ، ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާ މި ދުވަސްވަރު ވެސް ހިތްހަމަޖައްސާލުމަށް ދަތުރުކުރުމުގައި ބޮޑު ދަތިތަކެއް އެބަހުއްޓެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ކުރިން "މިހާރު" އަށް ވިދާޅުވީ އެކަޑެމިކް ކަލަންޑަރު ބަދަލުކުރުމުގެ ކުރިން މެޓް އޮފީހާ އެކު ފާއިތުވި ފަސް އަހަރުގެ މޫސުން ދިރާސާކުރި ކަމަށެވެ. މާޒީއަށް ބެލުމުން، ޖޫން/ޖުލައި މަހަކީ ރާއްޖެ އަށް ވިއްސާރަ ދުވަސްވަރެއް ކަމަށް ބުނެވެން ނެތް ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.

"އެކި ފަރާތްތަކުން އެދެމުން ދިޔައީ އެކަޑެމިކް ކަލަންޑަރު ބަދަލުކުރުމަށް. ވަކިން ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން. އޭރުގައި ގެސްޓް ހައުސް އެސޯސިއޭޝަނުން ބޭއްވި ސިމްޕޯޒިއަމްގައި ވެސް އެ ވާހަކަ ފާހަގަކޮށްފައި އަދި އެހެނިހެން ޕްލެޓު ފޯމުތަކުގައި ވެސް އެ ކަން ފާހަގަކޮށްފައި އޮތީ. އޭގެ މަޝްވަރާތަކެއް ކުރެވެމުން ދަނިކޮށް ކޮވިޑު-19 އައީ. ކޮވިޑު-19 އައުމާ އެކީގައި މާޗު 15 ގައި އޭރު އެކަޑެމިކް އިޔާ އެކްސްޓެންޑްކުރަން ޖެހުނީ. އެކްސްޓެންޑްކޮށްފައި، މި ދަނޑިވަޅަކީ އޭރު އެ ކުރެވުނު މަސައްކަތާއި އެ ހުރިހާ ކަމަކުން މިކަން ކުރަން އެންމެ ރަނގަޅު ދަނޑިވަޅުތަކަށް ފެންނާތީ އެ މަޝްވަރާތަކަށް ފަހު އެކަން ނިންމީ،" މުޖާހިދު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 24 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް ފާއިތުވި އެއް މަހުގެ ތެރޭގައި ގިނަ ދުވަސް ދިޔައީ ވިއްސާރަކޮށެވެ. އެކަމުގެ ކަންބޮޑުވުންތައް ޓީޗަރުންނާއި ބެލެނިވެރިން ވެސް ފާޅުކޮށްފައިވެ އެވެ.

ސްކޫލުގެ ބޮޑު ބަންދު ފެށޭ އިރަށް ކުދިން ގޮވައިގެން ރާއްޖޭގެ އެކި ހިސާބުތަކަށް އަބަދު ވެސް ދަތުރުކުރާ ބެލެނިވެރިއަކު ބުނީ، ސްކޫލުގެ ބޮޑު ޗުއްޓީ ވިއްސާރަ ދުވަސްވަރަކަށް ބަދަލުކުރުމުން އޭގެ ފައިދާއެއް ނުލިބޭ ކަމަށެވެ. މި ފަހަރު ވެސް ޗުއްޓީ ނިމިގެން މި ދަނީ މި ދުވަސްވަރުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފި ކަމަށް އޭނާ ބުންޏެވެ.

ސްކޫލު ބޮޑު ޗުއްޓީއާ ދިމާކޮށް ރަށްރަށުން ބަޔަކު މާލެ އަންނަނީ: ވިއްސާރަ ދުވަސްވަރަކަށް ވުމުން ޗުއްޓީގެ ބޭނުން ނުހިފޭ ކަމަށް ބައެއް ބެލެނިވެރިން ބުނޭ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ސްކޫލު ބޮޑު ޗުއްޓީއާ ދިމާކޮށް ރަށްރަށުން ބަޔަކު މާލެ އަންނަނީ: ވިއްސާރަ ދުވަސްވަރަކަށް ވުމުން ޗުއްޓީގެ ބޭނުން ނުހިފޭ ކަމަށް ބައެއް ބެލެނިވެރިން ބުނޭ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ޗުއްޓީގެ ބޭނުމަކީ ވެސް ކުދިންނަށް ހިތް އުފާކޮށްދިނުން. މިހާތަނަށް ވެސް ސްކޫލުގެ ބޮޑު ބަންދު ހާއްސަކޮށްފައި އޮންނަނީ ކުދިން ގޮވައިގެން ދަތުރުތައް ދިއުމަށް. އެގޮތަށް، އެކި ހިސާބުތަކަށް ދަތުރުކޮށް އެ ކުދިންނަށް ވެސް ތަފާތު ކަންކަން ދަސްކޮށްދެމުން މި ދިޔައީ. އެކަމަކު ވިއްސާރަ ދުވަސްވަރަކަށް ޗުއްޓީ ބަދަލުކުރީމަ އޭގެ ބޭނުން ރަނގަޅުގޮތުގައި ނުހިފޭ،" މާލޭގައި ދިރިއުޅޭ އެ ބެލެނިވެރިޔާ ބުންޏެވެ.

ރާއްޖޭގެ އުތުރުގެ ރަށެއްގައި މަސައްކަތްކުރާ ޓީޗަރަކު ވެސް ހުރީ، ސްކޫލު ބޮޑު ޗުއްޓީ ވިއްސާރަ ދުވަސްވަރަކަށް ބަދަލުކުރުމުން އެކަމާ ހިތްހަމަނުޖެހިފަ އެވެ.

"ވިއްސާރަވީމަ ހުރިހާ ޕްލޭނެއް ވެސް މި ކެންސަލް ވަނީ. ކައިރި ފަޅު ރަށްރަށަށް ޕިކްނިކް ގޮސް، ނައިޓް ފިޝިން އާއި ބާބަކިއު އަށް ގޮސް ވެސް އުޅެން އާއިލާއާއެކު. އެކަމަކު މި ފަހަރު އެ ހުރިހާ ކަމެއް ކެންސަލް މިވީ. ކަނޑުގަދަވެގެން ކައިރި ރަށްރަށަށް ވެސް ދަތުރެއް ނުކޮށްދޭ މި ހިސާބުގެ މީހުން. އެހެންވެ، ރަށުގައި ބަންދުވެގެން މި ތިބެން ޖެހެނީ،" ސާނަވީއަށް ކިޔަވައިދޭ އެ ޓީޗަރު ބުންޏެވެ.

ގާތްގަނޑަކަށް ދޮޅު މަހަށްފަހު އަންނަ މަހުގެ 10 ގައި މި އަހަރުގެ ދިރާސީ އާ އަހަރު ފަށާނެ އެވެ. ބަންދުގެ ފަހު ހަފުތާ ވެސް ދައްކަނީ މޫސުން ގޯސްކޮށެވެ.