Roadha Mihaaru
ގައުމުތައް ސިފަކޮށްދިން ގޮތުން ހޫނުފެނަށް

ގައުމުތައް ސިފަކޮށްދިން ގޮތުން ދެކުނު ކޮރެއާގެ ޓީވީ ޗެނެލެއް ހޫނުފެނަށް

27 ޖުލައި 2021

ހުކުރު ދުވަހު ޖަޕާނުގެ ޓޯކިއޯގައި ފެށި އޮލިމްޕިކްސް ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ލައިވްކޮށް ގެނެސްދިން އިރު، ގައުމުތައް ސިފަކޮށްދިން ގޮތުން ދެކުނު ކޮރެއާގެ ޓީވީ ޗެނަލެއް ހޫނުފެނަށް ވެއްޓި، އެންމެ ފަހުން މާފަށް އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހުކުރު ދުވަހު ޖަޕާނުގެ ޓޯކިއޯގައި ފެށި އޮލިމްޕިކްސް ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ލައިވްކޮށް ގެނެސްދިން އިރު، ގައުމުތައް ސިފަކޮށްދިން ގޮތުން ދެކުނު ކޮރެއާގެ ޓީވީ ޗެނަލެއް ހޫނުފެނަށް ވެއްޓި، އެންމެ ފަހުން މާފަށް އެދިއްޖެ އެވެ.

އެ ގައުމުގެ ޓީވީ ޗެނެލެއް ކަމަށްވާ މުންހުވާ ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ގައުމުތައް ސިފަކޮށްދިން ގޮތަށް ބަލާއިރު އިޓަލީގެ ޓީމާ އެކު ދެއްކީ ޕިއްޒާ އެވެ. އަދި ރުމޭނިއާ ޑްރެކިއުލާގެ ގޮތުގައި ސިފަކޮށްދިން އިރު ޔުކްރޭން ސިފަކޮށްދިނީ ނިއުކްލިއާ ޕްލާންޓް ޗާނަބީލް ގޮތުގަ އެވެ. އަދި ނޯވޭ ސިފަކުރީ މަހުގެ ބާވަތެއް ކަމަށްވާ ސޭމަންގެ ގޮތުގަ އެވެ. ސްވިޑްން ސިފަކުރީ ތަރައްގީވެގެން ގޮސް ރައްޔިތުން ވެލްފެއާ އަށް ބަރޯސާވެފައިވާ ގައުމެއްގެ ގޮތުގަ އެވެ.

މީގެ އިތުރުން ހެއިޓީގެ ޓޮމް ދައްކައިލި އިރު އެ ގައުމު ސިފަކޮށްދޭން ކެޕްޝަނަކަށް އަރުވާފައި އިނީ ދާދި ފަހުން ރައީސް އަވަހާރަކޮށްލުމާ ގުޅިގެން ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ގައުމެއްގެ ގޮތުގަ އެވެ. އަދި ސީރިއާ ޓީމް ސިފަކޮށްދިނީ 10 އަހަރުވީ މަދަނީ ހަނގުރާމައެއްގެ ތެރޭގައި އޮތް ގައުމެއްގެ ގޮތުގަ އެވެ.

އެމްބީސީން އެފަދަ ގޮތްގޮތަށް ގައުމުތަށް ސިފަކޮށް ދިނުމުން އެކަން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ފްރީލާންސް ނޫސްވެރިޔާ ރަޕެލް ރާޝިދު ކުރި ޓްވީޓްތަކަކާ ގުޅިގެންނެވެ.

ކަމާ ނުގުޅޭ ގޮތަށް ތަސްވީރާއި އިބާރާތްތަކުން އެމްބީސީން ގައުމުތައް ސިފަކޮށް ދިނުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކިޔައި ޓީވީ ޗެނެލްގެ އެ އަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް ބުނެފައިވެ އެވެ. ބައެއް މީހުން ބުނީ ކުޑަމިނުން އެމްބީސީން ހޯމްވޯކް ހަދަން ގޫގުލް ސާޗްކޮށްލި ނަމަވެސް އެއަށް ވުރެ ހަރުދަނާކޮށް ގައުމުތައް ސިފަކޮށް ދެވުނީސް ކަމަށެވެ.

މި މައްސަލަ ހޫނުވުމުން އެމްބީސީން މާފަށް އެދި ނެރުނު ބަޔާނެއްގައި ބުނީ ގައުމުތައް ސިފަކޮށް ދިނުމުގައި އަމަލުކުރި ގޮތަކީ އެއްވެސް ގައުމަކަށް ކުޑައިމީސްކޮށް އިހުތިރާމު ކުޑަކުރުމުގެ ގޮތުން ކުރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ ބެލުންތެރިންނަށް ގައުމުތައް ހަނދާނުގައި ބަހައްޓަން ފަސޭހަކޮށް ދިނުމުގެ ގޮތުން ހެދި ގޮތެއް ކަމަށް ބުންޏެވެ.

"މިކަމާ ގުޅިގެން މިހާރު އިތުރަށް ބަލަން ޖެހޭ ކަންކަން ވެސް ބަލަމުން އަންނަނީ." އެމްބީސީން ބުންޏެވެ.

މީގެ ކުރިން ވެސް ހަމަ މިފަދަ ކަމެއް އެ ޗެނެލުންކޮށްފައިވެ އެވެ. އެއީ 2008 ގެ ބެއިޖިން އޮލިމްޕިކްސްގަ އެވެ. އެ ފަހަރު އެމްބީސީގެ މައްސަލަ ހޫނުވެ އަދަބެއްގެ ގޮތުން ޖޫރިމަނާކުރީ ޒިމްބާވްވޭ "އިންފްލޭޝަން އަތްނުފޯރާ ހިސާބުގައި އޮތް ގައުމެއް" ގެ ގޮތުގައި ސިފަކުރުމުންނެވެ.