Roadha Mihaaru
އެތުލީޓުން މެޑެލްގައި ދަތް އަޅަނީ ކީއްވެ؟

އެތުލީޓުން މެޑެލްގައި ދަތް އަޅަނީ ކީއްވެ؟

30 ޖުލައި 2021

ކުޅިވަރު މުބާރާތްތަކުގައި ލިބޭ މެޑެލްތަކުގައި އެތުލީޓުން ދަތް އަޅާ ތަން ވަރަށް އާންމުކޮށް ފެންނާނެ އެވެ. މިކަންވެފައި އޮންނަނީ ފޮޓޯގްރާފާރުންގެ ސަމާލުކަން ވެސް ލިބޭ ކަމަކަށެވެ. މުބާރާތެއް ނިމިގެންދާ އިރު އެތުލީޓުން މެޑެލްތައް "ކައިލާ" ފޮޓޯތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ވެސް ލިބެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޅިވަރު މުބާރާތްތަކުގައި ލިބޭ މެޑެލްތަކުގައި އެތުލީޓުން ދަތް އަޅާ ތަން ވަރަށް އާންމުކޮށް ފެންނާނެ އެވެ. މިކަންވެފައި އޮންނަނީ ފޮޓޯގްރާފާރުންގެ ސަމާލުކަން ވެސް ލިބޭ ކަމަކަށެވެ. މުބާރާތެއް ނިމިގެންދާ އިރު އެތުލީޓުން މެޑެލްތައް "ކައިލާ" ފޮޓޯތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ވެސް ލިބެ އެވެ.

ޖަޕާނުގައި މީގެ ހަފުތާއެއް ކުރިން ފެށި ޓޯކިއޯ އޮލިމްޕިކްސްގެ ފޮޓޯތަކުން ވެސް މިހާރު އެންމެ އާންމު ފޮޓޯތަކަކީ އެތުލީޓުން ހާސިލުކުރާ މެޑަލްތަކުގައި ދަތް އަޅައިގެން ނަގާފައިވާ ފޮޓޯތަކެވެ.

މި އަހަރުގެ އޮލިމްޕިކްސް އިންތިޒާމުކުރި ކޮމިޓީގެ ރަސްމީ ޓްވިޓާ އެކައުންޓް ޓޯކިއޯ 2020 އިން، މެޑަލްގައި ދަތް އަޅައިގެން ހުރި އެތުލީޓެއްގެ ފޮޓޯއަކާ އެކު ސަމާސާ ޓްވީޓެއް ވެސް ކޮށްފައިވެ އެވެ. އޭގައި ބުނީ މުބާރާތުގައި ދޭ "މެޑަލްތަކަކީ ކެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއް ނޫން" ކަމަށާއި "މެޑަލްތައް ހަދާފައި ހުރީ ރިސައިކަލްކުރި އިލެކްޓްރޯނިކް ކުނިބުނިން" ކަމަށެވެ.

"އެހެންވީމާ މެޑެލްގައި ދަތް އަޅާކަށް ނުޖެހޭ. އެކަމަކު އަހަރެމެންނަށް އެނގޭ އެތުލީޓުން އެކަން ކުރާނެކަން،" ކޮމިޓީގެ ޓްވީޓްގައި ބުންޏެވެ.

އެތުލީޓުން މެޑެލްތަކުގައި ދަތް އަޅަން ފެށި އިރެއް ކަނޑައެޅިގެން ބުނާކަށް ނޭނގެ އެވެ. އެކަމަކު އެއީ ލިބުނު ކާމިޔާބީއާ އެކު މީޑިއާގެ ސަމާލުކަން ހޯދަން އެ މީހުން ކުރާ ކަމެއްގެ ގޮތުގައި ކުޅިވަރުގެ ތަޖުރިބާކާރުން ދެކެ އެވެ.

އިންޓަނޭޝަނަލް ސޮސައިޓީ އޮފް އޮލިމްޕިކް ހިސްޓޯރިއަންސްގެ އެކްޒެކެޓިވް ކޮމިޓީގެ މެމްބަރު ޑޭވިޝް ވެލެޗިންޒްކީ 2012 ގައި ސީއެންއެން އަށް ވިދާޅުވި ގޮތުގައި މެޑަލްތަކުގައި ދަތް އެޅުމުގެ ސަގާފަތަކީ މީޑިއާތައް އުފާކޮށްދޭން އެތުލީޓުން ކުރާ ކަމެކެވެ.

އެތުލީޓަކު މެޑެލްގައި ދަތް އަޅައިގެން.

އެތުލީޓަކު މެޑެލްގައި ދަތް އަޅައިގެން.

"ފޮޓޯގްރާފަރުން ވަރަށް ގަޔާވާ މަންޒަރަކަށް އެކަން ވަނީ. އެހެންވެ އެތުލީޓުން ސަމާލުކަން ހޯދަން މެޑަލްތަކުގައި ދަތް އެޅުމަކީ ފަހުން ވަރަށް ބޮޑަށް އާންމުވެފައި އޮތް ކަމެއް،" ދަ ކޮމްޕްލީޓް ބުކް އޮފް ދަ އޮލިމްޕިކްސްގެ ނަމުގައި ފޮތެއް ވެސް ލިޔުއްވި ޑޭވިޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް އެތުލީޓުން އެގޮތަށް ޕޯޒްކުރާ ފޮޓޯތަކަށް ލިބޭ ސަމާލުކަން ބޮޑުވެ، އެފަދަ ފޮޓޯތައް ބޮޑު އަގުގައި ގަންނަން ވެސް ހުށަހަޅަ އެވެ. އަދި މެޑެލްތަކުގައި އެތުލީޓުން ދަތް އަޅާ މަންޒަރު ފެންނަ ފޮޓޯތަކަކީ "އައިކޮނިކް" ފޮޓޯތަކަކަށްވާ ސަބަބެއް ކަމަށް ވެސް ޑޭވިޑް ވިދާޅުވި އެވެ.

"އަމިއްލަ އަމިއްލައަށް އެތުލީޓުން ކުރާ ކަމަކަށް ވުރެ ބޮޑަށް އެކަން ފާހަގަކުރެވެނީ މީޑިއާތަކާއި ފޮޓޯގްރާފަރުން ރުއްސަންކުރާ ކަމެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

މެޑެލްތަކުގައި ގިނަ އެތުލީޓުން ދަތް އެޅިޔަސް ބައެއް އެތުލީޓުންނަކީ އޭގައި ކޫރުމެއް އެޅިދާނެތީ ވަރަށް ފަރުވާތެރިވާ ބައެކެވެ. އެގޮތުން މި ފަހަރުގެ އޮލިމްޕިކްސްގައި ފިރިހެނުންގެ 10 މީޓަރު ޑައިވިން އިން ރަން މެޑެލް ހޯދި އިނގިރޭސި އެތުލީޓް މެޑެލް ރައްކާކުރަން ވޫލް އިން ހަދާފައިވާ ކުޑަކުޑަ ދަބަހެއް ގެންގުޅެ އެވެ. އޭގެ ވީޑިއޯ ވެސް އޭނާ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

އެތުލީޓުންތަކެއް މެޑެލްއެއްގައި ދަތް އަޅައިގެން ފޮޓޯއަށް އެތުރިގެން.

އެތުލީޓުންތަކެއް މެޑެލްއެއްގައި ދަތް އަޅައިގެން ފޮޓޯއަށް އެތުރިގެން.

ދެހާސް އަށެއްގެ ބެއިޖިން އޮލިމްޕިކްސްގައި ވާދަކޮށް ފިރިހެނުންގެ ފެތުމުން އަށް މެޑެލް ހޯދި މައިކަލް ފެލްޕްސް ބުނެފައިވާ ގޮތުގައި ގައުމަށް އެނބުރި ދެވެންދެން އޭރު އޭނާ މެޑަލްތައް ލޯބިން ރައްކާކުރަން ކުރި ކަމަކީ މޭކަޕްކުރާ ސާމާނުލާ ކަހަލަ ދަބަހަކަށް ލައިފައި ޓީޝާޓަކުން ކަވަރުކޮށްފައި ބޭއްވުމެވެ.

މެޑެލްތަކުގައި ދަތް އެޅުމަކީ ހަމައެކަނި އޮލިމްޕިކްސް ކަހަލަ މުބާރާތްތަކުން އެކަނި ފެންނަ ކަމެއް ނޫނެވެ. ފްރެންޗް އޯޕެން ކަހަލަ ޓެނިސް މުބާރާތްތަކުގައި ރަފައެލް ނަޑާލް ފަދަ މަޝްހޫރު ތަރިން ތަށީގެ އަތްގަނޑުގައި ދަތް އަޅައިގެން ތިއްބައި ނަގާފައިވާ ފޮޓޯތައް ވެސް މީޑިއާތަކުން ފެންނާނެ އެވެ.