Roadha Mihaaru
އޮލިމްޕިކްސްގައި ދޭ މާބޮނޑީގައި ހާއްސަ ހަނދާންތަކެއް

އޮލިމްޕިކްސްގައި ދޭ މާބޮނޑީގައި ހާއްސަ ހަނދާންތަކެއް

02 އޯގަސްޓް 2021

ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި އެތުލީޓުންނަށް ލިބޭ މެޑެލްތަކާ އެކު މާބޮނޑިއެއް ލިބެ އެވެ. މާ ގޮތްގަނޑު ބޮޑު ނޫން ގޮތަށް ތައްޔާރުކޮށްފައިވާ މި މާބޮނޑިތަކުގައި ހިމެނެނީ ފަސް ކުލައެއްގެ މަލެވެ. އެއީ ރީނދޫ، ނޫ، ފެހި، ހުދު އަދި ދަނބުކުލަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި އެތުލީޓުންނަށް ލިބޭ މެޑެލްތަކާ އެކު މާބޮނޑިއެއް ލިބެ އެވެ. މާ ގޮތްގަނޑު ބޮޑު ނޫން ގޮތަށް ތައްޔާރުކޮށްފައިވާ މި މާބޮނޑިތަކުގައި ހިމެނެނީ ފަސް ކުލައެއްގެ މަލެވެ. އެއީ ރީނދޫ، ނޫ، ފެހި، ހުދު އަދި ދަނބުކުލަ އެވެ.

މި މަހުގެ 23 އާ ހަމައަށް ކުރިއަށްދާ އޮލިމްޕިކްސްގެ އިތުރުން މި މަހުގެ ފަހުކޮޅު ފަށާ ޕެރަލިމްޕިކްސްގައި ވެސް، މެޑެލް ހޯދާ ހުރިހާ އެތުލީޓުންނަށްމި މިގޮތަށް މާބޮނޑި ދޭނެ އެވެ.

މި މާބޮނޑިތައް ހާއްސަވަނީ ޖަޕާނުގެ ތާރީހުގައި މި ފަހުން ބޮޑު ހާދިސާއެއް ހިނގާފައިވާ ތަނެއްގައި ހައްދާފައިވާ މާތައް އޭގައި ހިމެނޭތީ އެވެ. އެއީ މާޗް 11، 2011 ގައި ޖަޕާނުގެ އުތުރު އިރުމަތީ ސަރަހައްދަކަށް އައި ބިންހެލުމާ އެކު ކުރިމަތިވި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ތިން ދިމާއެއްގައި ހައްދާފައިވާ މަލެވެ. އެއީ ނިއުކްލިއާ ޕްލާންޓެއް ހުރި ފުކްޝިމާ އާއި އިވާޓޭގެ އިތުރުން މިޔާގީ އެވެ.

މި ތިން ސަރަހައްދަށް އޭރު ކުރިމަތިވި ގުދުރަތީ ބޮޑު ހާދިސާގައި 20،000 އެއްހާ މީހުން މަރުވި އެވެ.

ޓޯކިއޯ އޮލިމްޕިކްސްގައި މި ފަހަރު މި ދޭ މާބޮނޑީގައި ހިމެނޭ މާތަކުގެ ތެރެއިން ރީނދޫ ކުލައިގެ ސަންފްލާވާ އަކީ މިޔާގީގައި ހައްދާފައިވާ މަލެވެ. މި މާތަކަކީ ހާދިސާގައި މަރުވެ ދިޔަ ކުޑަކުދިންގެ އާއިލާތަކުން އެ ކުދިންގެ ހަނދާނުގައި ހައްދާ މަލެވެ.

އޭގައި ހިމެނޭ ގަދަ ނޫ ކުލައިގެ މަލަކީ އިވާޓޭގައި ހައްދާ މަލެވެ. އައްސޭރި ފަށުގެ އެ ސަރަހައްދަކީ ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވި އެއް ތަނެވެ. ހުދާއި ދަނބު ކުލައިގެ މާތަކަކީ ފުކްޝިމާގައި ހައްދާ މަލެވެ. މި މަލަކީ އެތަނުގެ އިގުތިސާދު ރަނގަޅުކުރަން އަމިއްލަ ޖަމާއަތަކުން ކުރާ މަސައްކަތުގެ ދަށުން ހައްދާ މަލެވެ. ސުނާމީގައި ފުކްޝިމާގެ ބޮޑެތި ދަނޑުބިންތައް ހަލާކުވި އެވެ.

ފެހި ކުލައިގެ މަލަކީ އޮލިމްޕިކްސް ބާއްވާ ޓޯކިއޯ ރަމްޒުކޮށްދޭ މަލެވެ.

އޮލިމްޕިކްސް އާއި ޕެރަލިމްޕިކްސްގައި މާބޮނޑި ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ނިޕޯން ފްލާވާ ކައުންސިލުންނެވެ. މި މާބޮނޑިތައް އެތުލީޓުންނަށް ދިނުމުގެ މައިގަނޑު މަގުސަދަކީ 2011 ގެ ސުނާމީގައި ވަކިވެ ދިޔަ މީހުންނާއި ކުދިންގެ ހަނދާންތައް އާކުރުމެވެ. އަދި މާ ހައްދާ ތިން ސަރަހައްދުގެ މަސައްކަތްތެރިންގެ މަސައްކަތަށް ހިތްވަރު ދީ ރޫހު އާލާކޮށް ދިނުމެވެ.

މިދިޔަ މަހުގެ 23 ގައި ފެށި އޮލިމްޕިކްސް މި މަހުގެ 23 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ފަހު، ޕެރަލިމްޕިކްސް ބާއްވާނީ މި މަހުގެ 24 އިން އަންނަ މަހުގެ 5 އަށެވެ.