Roadha Mihaaru
މެޑަލްގައި މޭޔަރު ދަތްއެޅުމުން އާ މެޑަލްއެއް ދެނީ

ޖަޕާނުގެ މޭޔަރަކު އެތުލީޓެއްގެ މެޑަލްގައި ދަތްއެޅުމުން އާ މެޑަލްއެއް ދޭން ޖެހިއްޖެ

13 އޯގަސްޓް 2021

މިދިޔަ ހަފުތާގައި ޖަޕާނުގައި ނިންމައިލި މި އަހަރުގެ އޮލިމްޕިކްސްގައި ސޮފްޓްބޯލް އިން ޖަޕާނުނަށް މެޑަލް ހޯދައިދިން އަންހެން އެތުލީޓެއްގެ މެޑެލްގައި އޭނާ ނިސްބަތްވާ ސިޓީގެ މޭޔަރު ދަތް އެޅުމުން އަމާޒުވި ފާޑުކިޔުންތަކާ އެކު އެތުލީޓަށް އާ މެޑަލްއެއް ދޭން ޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގައި ޖަޕާނުގައި ނިންމައިލި މި އަހަރުގެ އޮލިމްޕިކްސްގައި ސޮފްޓްބޯލް އިން ޖަޕާނުނަށް މެޑަލް ހޯދައިދިން އަންހެން އެތުލީޓެއްގެ މެޑެލްގައި އޭނާ ނިސްބަތްވާ ސިޓީގެ މޭޔަރު ދަތް އެޅުމުން އަމާޒުވި ފާޑުކިޔުންތަކާ އެކު އެތުލީޓަށް އާ މެޑަލްއެއް ދޭން ޖެހިއްޖެ އެވެ.

އެމެރިކާގެ އަންހެން ސޮފްޓްބޯލް ޓީމާ ވާދަކޮށް، ޖަޕާންގެ ޓީމް ހޯދި ކާމިޔާބީ ފާހަގަކުރަން، މެޑެލް ލިބުނު ޓީމްގެ އެތުލީޓް ނިސްބަތްވާ ސިޓީ، ނަގޯޔޯގައި ބޭއްވި ހަފުލާގައި މޭޔަރު ޓަކާޝީ ކަވަމޫރާ ވަނީ އަޅައިގެން ހުންނެވި މާސްކް ދަތްދޮޅި އަށް ތިރިކުރައްވައި އެތުލީޓްގެ މެޑެލްގައި ދަތް އަޅުއްވައިފަ އެވެ.

މެޑެލްގައި ދަތް އެޅުމަކީ އެތުލީޓުން ކާމިޔާބީ ފާހަގަކުރަން އާންމުކޮށް ކޮށް އުޅޭ ކަމެކެވެ.

މޭޔަރު މެޑަލްގައި ދަތްއަޅުއްވައިގެން.

މޭޔަރު މެޑަލްގައި ދަތްއަޅުއްވައިގެން.

ނަމަވެސް މޭޔަރު އެތުލީޓެއްގެ މެޑެލްގައި ދަތް އެޅުމުން ވަރަށް ގިނަ ބަޔަކު ފާޑުކިޔައި، މޭޔަރުގެ އެ އަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ބުނެފަވެ އެވެ. ސަބަބަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ސާފުތާހިރު ކަމަށް އިސްކަން ނުދީ އެހެން މީހެއްގެ މެޑެލް އަނގަޔަށް ލައި، މުޑުދާރުކުރުމެވެ. އަދި އެތުލީޓެއްގެ މެޑެލް މޭޔަރު އަނގަޔަށްލުމަކީ ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިހުތިރާނުކުރުމުގެ އަމަލެއް ކަމަށް ބުނެ، ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ. ފާޑުކީ މީހުން ޓްވިޓާގައި އެ މެޑެލް ސިފަކުރީ "ޖަރާސީމު މެޑަލް" ގެ ގޮތުގަ އެވެ.

އެތުލީޓް މިއު.

އެތުލީޓް މިއު.

މިކަމާ ގުޅިގެން 72 އަހަރުގެ މޭޔަރު މާފަށް އެދިވަޑައިގެން ވިދާޅުވީ އެތުލީޓް މިއު ގޯޓޯގެ މެޑަލް އާކޮށްދެއްވާނެ ކަމަށެވެ. އޭނާ އަށް ފާޑުކީ މީހުންގެ ތެރޭގައި ފެންސިން އިން މި ފަހަރު ރިހި މެޑަލް ހޯދި ޖަޕާނުގެ ޔޫކީ އޮޓާ އާއި މަޝްހޫރު ޓޮޔޮޓާ ކުންފުނީގެ ވެރިން ވެސް ހިމެނެ އެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ ބުރާސްފަތި ދުވަހު ވަނީ މޭޔަރު ދަތްއެޅުއްވި މެޑަލްގެ ބަދަލުގައި މިއު އަށް އާ މެޑެލްއެއް ދީފަ އެވެ.