Roadha Mihaaru

ފޯއް ބަސްތާއެއްގެ އަގު 9،000ރ. އަށް އަރައިފި

ބާޒާރުގައި ފޯއް އަގު ބޮޑުވެ، 50 ކިލޯގރ ފޯއް ބަސްތާއެއްގެ އަގު 9،000ރ. އަށް އަރައިފި އެވެ.

ފޯއް ބަސްތާއެއްގެ އަގު 9،000ރ. އަށް އަރައިފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

28 ޖުލައި 2021

ބާޒާރުގައި ފޯއް އަގު ބޮޑުވެ، 50 ކިލޯގރ ފޯއް ބަސްތާއެއްގެ އަގު 9،000ރ. އަށް އަރައިފި އެވެ.

ފޯއް ބަސްތާއެއް މިވަގުތު ލަގްޒަރީ ފިހާރައިން ވިއްކުން ވަނީ ހުއްޓާލައިފަ އެވެ. އަދި ވަކިން ކިލޯއެއް ލިބެން ހުރީ 180ރ. އަށެވެ. މީގެ ދުވަސްކޮޅެއް ކުރިން ބަސްތާއެއް އެފިހާރައިން ވިއްކީ 8،000ރ. އަށެވެ. ލަގްޒަރީ ފިހާރައިން ބުނީ އަގު އެހާ ބޮޑަށް އުފުލުނީ އިންޑިއާއިން އަގު ބޮޑުކޮށް ފޯއް ލިބޭތީ ކަމަށެވެ.

ކޮވިޑްގެ ހާލަތުގެ ކުރިން ފޯއް ބަސްތާއެއް އުޅުނީ 4،000ރ. އާއި 5،000ރ. އާ ދެމެދުގަ އެވެ. އެހެންވެ= މިއީ 3،000ރ. ގެ އިތުރުވުމެކެވެ. މިދިޔަ އަހަރުން ފެށިގެން ފޯކުގެ އަގު ދިޔައީ އުފުލެމުންނެވެ.

ފޯކަކީ ދިވެހިން ދުފުމުގައި އެންމެ ގިނައިން ބޭނުން ކުރާ ބާވަތެވެ. ސިއްހީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނަސް އާންމުގޮތެއްގައި ދިވެހިންނަކީ ކޮންމެ ކެއުމަކަށް ފަހު ވެސް ދުފާ ބައެކެވެ.

އެހެން ބައެއް ވިޔަފާރިވެރިން ބުނީ ފޯކުގެ އަގު އެހާ ބޮޑަށް އުފުލުނީ ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އުފުލުމާ އެކު އެ ގަތުމަށް ދާ ހަރަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. ރާއްޖެއަށް ފޯއް އެތެރެކުރާ ލޮޓަސް ފިހާރައިން ބުނީ، މިދިޔަ އަހަރު ފޯއް ބަސްތާއެއް ވިއްކަމުން ދިޔައީ 6،000ރ. އަށް ކަމަށެވެ.