Roadha Mihaaru
ރާއްޖޭގައި މާސްކް އެޅުން ދެން މަޖުބޫރެއް ނުވާނެ

ކޮވިޑް-19: ރާއްޖޭގައި މާސްކް އެޅުން ދެން މަޖުބޫރެއް ނުވާނެ

13 މާޗް 2022

ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގައި އަޅާފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދެ އަހަރަށް ފަހު މިރޭ އުވައިލުމާ ގުޅިގެން މާސްކް އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ވެސް އެޗްޕީއޭ އިން ނިމުމަކަށް ގެނެސްފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގައި އަޅާފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދެ އަހަރަށް ފަހު މިރޭ އުވައިލުމާ ގުޅިގެން މާސްކް އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ވެސް އެޗްޕީއޭ އިން ނިމުމަކަށް ގެނެސްފި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން އާންމު ތަންތަނުގައި މާސްކް އެޅުން މަޖުބޫރުކުރީ ޖުލައި 30، 2020 ގަ އެވެ.

މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ދެން މާސްކް އަޅަން މަޖުބޫރު ވާނީ ކޮވިޑް ފެތުރޭ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް 20 ޕަސެންޓަށް ވުރެ މަތި ނަމަ ކަމަށެވެ. އޭގެ އިތުރުން މާސްކް އެޅުން މަޖުބޫރުވާނީ ސިއްހީ ހިދުމަތް ދޭ ހުރިހާ ތަންތަނުގަ އެވެ.

މާސްކް އެޅުން މިރެއިން ފެށިގެން މަޖުބޫރު ނުކުރި ނަމަވެސް ހައި ރިސްކް މީހުންނާއި މީހުން ގިނައިން އެއްވާ ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުން ސްކޫލަށް ކުދިން ހާޒިރުވާއިރު ވެސް މާސްކް އެޅުން މަޖުބޫރެއް ނޫނެވެ. އެކަމަކު ދަރިވަރާއި ބެލެނިވެރިޔާ ބޭނުން ނަމަ ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"އަދި ހައި ރިސްކް ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމެކެވެ،" އިއުލާނުގައި ވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްކޫލްގައި އުޅޭ ވަގުތު މާސްކް އެޅުން މަޖުބޫރު ނޫނަސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި މާޗް 12، 2020 ގައި އިއުލާންކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވައިލިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ މިރޭ 8:00 ގައި ގައުމާ މުހާތަބު ކުރައްވަމުންނެވެ.