Roadha Mihaaru
ފައިޒާ ވެކްސިން މާދަމާ އިން ފެށިގެން ޖަހައިދޭން ފަށަނީ

ފައިޒާ ވެކްސިން މާދަމާ އިން ފެށިގެން ޖަހައިދޭން ފަށަނީ

14 އޯގަސްޓް 2021

އުމުރުން 12-17 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑުން ދިފާއު ވުމުގެ ވެކްސިން މާދަމާ އިން ފެށިގެން ދޭން ސަރުކާރުން ނިންމައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

އުމުރުން 12-17 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑުން ދިފާއު ވުމުގެ ވެކްސިން މާދަމާ އިން ފެށިގެން ދޭން ސަރުކާރުން ނިންމައިފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތައް ގުޅިގެން، އެ އުމުރުގެ ކުދިންނަށް މާދަމާ އިން ފެށިގެން ފައިޒާ ވެކްސިން ދޭން ފަށާނެ ކަމަށެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން ވެސް ހިމެނެ އެވެ.

މާލޭގައި ފައިޒާ ވެކްސިން ޖަހާނީ އިސްލާމީ މަރުކަޒު [ހެނދުނު 9 އިން ހަވީރު 4 އަށް] އާއި ހުޅުމާލެ ހޮސްޕިޓަލް [މެންދުރުފަހު 1 އިން ހަވީރު 4 އަށް] އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ވިލިމާލެ ޔޫތު ސެންޓަރުގަ އެވެ. ޔޫތު ސެންޓަރުގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނީ މެންދުރުފަހު 1 އިން ހަވީރު 4 އަށެވެ.

ސްކޫލްތަކުގައި މިހާރު ކިޔަވާ ކުދިންނާއި މިދިޔަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން ފިޔަވައި އެހެން މީހުންނަށް ފައިޒާ ވެކްސިން ޖަހައިދެނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެ މީހުންނަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓު ހެއްދުމުގެ ފުރުސަތު ހުޅުވައިލާފައިވާއިރު، އައިޑީކާޑު ނުވަތަ ޕާސްޕޯޓް އަދި ގުޅުން ހުރި ލިޔުންތައް ގެންދަން ވެސް އެ އިދާރާ އިން އެދެ އެވެ.

އުމުރުން 12-17 އަހަރާ ދެމެދުގެ ކުދިންގެ އިތުރުން ފައިޒާ ވެކްސިން ޖަހައިދޭން ނިންމާފައި ވަނީ މާބަނޑު މީހުންނަށާއި މާބަނޑު މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖަހާ މީހުންނާއި ފުރަތަމަ ޑޯޒްގެ ގޮތުގައި ފައިޒާ ޖަހާފައިވާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ކޮވިޝީލްޑް ނުވަތަ ސިނޮފާމް ޖަހައިގެން ބޮޑު ސައިޑް އިފެކްޓެއް ކުރިމަތިވުމުގެ ސަބަބުން ފައިޒާ ޖަހަން ލަފާދީފައިވާ މީހުންނާއި ބޭރު ގައުމުތަކަށް ކިޔަވަންދާ ދަރިވަރުންގެ ތެރެއިން ހަމައެކަނި ފައިޒާ ގަބޫލުކުރާ ގައުމުތަކަށްދާ މީހުންނަށެވެ.

ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ތެރޭގައި ކަނޑައަޅާފައި ވަނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކުރި މީހުންނާއި ދިފާއީ ބާރު ބަލިކަށިވާ ފަދަ ބޭހެއް ބޭނުންކުރާ މީހުންނާއި ދިގު މުއްދަތަކަށް ޑަޔަލިސިސް ހަދާ މީހުންނާއި ކެންސަރުގެ ބައްޔަށް ފަރުވާ ހޯދާ މީހުން އަދި ދިގު މުއްދަތަކަށް ސްޓެރޮއިޑް ބޭނުންކުރާ މީހުންނެވެ.

އެމެރިކާ ސަރުކާރުން ވަނީ މިހަފުތާގައި ރާއްޖެ އަށް ފައިޒާ ވެކްސިންގެ 128،700 ޑޯޒް ހަދިޔާކޮށްފަ އެވެ. މިއާއެކު ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ރާއްޖޭގައި ޖަހަމުން ދާނީ ފައިޒާ އާއި ކޮވިޝީލްޑާއި ސިނޮފާމާއި އެސްޓްރާޒެނެކާ ވެކްސިނެވެ.

ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ސަރުކާރުން ފަށާފައި ވާއިރު ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އާބާދީގެ ތެރެއިން 90 ޕަސެންޓު މީހުންގެ ވެކްސިން މި މަސް ނިމުމުގެ ކުރިން ފުރިހަމަ ކުރުމެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 342،511 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރީ 294،109 މީހެކެވެ.