Roadha Mihaaru
ގައުމީ ކެޕްޓަން އަކޫ އާއި ފައިސަލް ވެސް އީގަލްސްއަށް

އޭއެފްސީ ކަޕަށް ގައުމީ ކެޕްޓަން އަކޫ އާއި ކީޕަރު ފައިސަލް ވެސް އީގަލްސްއަށް

28 ޖުލައި 2021

އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި ވާދަކުރާ ކްލަބު އީގަލްސް އަށް، ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި ގައުމީ ކީޕަރު މުހައްމަދު ފައިސަލް ވެސް ބަދަލު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި ވާދަކުރާ ކްލަބު އީގަލްސް އަށް، ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި ގައުމީ ކީޕަރު މުހައްމަދު ފައިސަލް ވެސް ބަދަލު ވެއްޖެ އެވެ.

އޭއެފްސީ ކަޕު ޕްލޭއޮފްގައި، އަންނަ މަހު 15 ގައި، އީގަލްސް ނުކުންނާނީ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ.

މިދިޔަ ސީޒަންގައި، ކްލަބު ވެލެންސިއާ އަށް ކުޅުނު އަކޫ އާއި ފައިސަލް އީގަލްސްއަށް ސޮއި ކުރުމުން އޭއެފްސީ ކަޕަށް އަމާޒުކޮށް އެ ޓީމުން ގެނައި ތަޖުރިބާކާރު ކުޅުންތެރިންގެ އަދަދު ހަތަކަށް އެރީ އެވެ. އަކޫ އާއި ފައިސަލްގެ އިތުރުން، މިދިޔަ ސީޒަންގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އަހްމަދު ރަޝީދު (އަންމަޑޭ) ވެސް ވަނީ އީގަލްސްއާ ގުޅިފަ އެވެ.

ފައިސަލް އީގަލްސް އަށް ބަދަލުވިއިރު، އެ ޓީމުގައި ލުބުނާން ކީޕަރު ތޯހާ މުހަައްމަދު ވެސް އެބަހުއްޓެވެ. ޖާގަ ޔަގީން ކުރުމަށް ފައިސަލް ކުރަން ޖެހޭ މަސައްކަތް އިތުރު ވާނެ އެވެ.

އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ އިއްޔެ އީގަލްސްގެ ޕްރެކްޓިސްއަށް ނުކުންނަން ފަށައިފަ އެވެ. ވެލެންސިއާ އިން އީގަލްސް އަށް ބަދަލުވި އަނެއް ކުޅުންތެރިޔަކީ އަލީ ފާސިރު (ސެންޓޭ) އެވެ. މިދިޔަ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު އިސްމާއީލް އީސާ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ) ވެސް ވަނީ އޭއެފްސީ ކަޕަށް އަމާޒުކޮށް އީގަލްސް އަށް ސޮއިކޮށްފަ އެވެ.

އެ ހުރިހާ ކުޅުންތެރިންނާއެކު ވެސް އީގަލްސްއިން އެއްބަސްވީ އޭއެފްސީ ކަޕް ކުޅުމަށް އެކަންޏެވެ. ދަގަނޑޭ އާއި އަކޫ ފިޔަވައި ދެން އެ ޓީމަށް ސޮއި ކުރިވި ފަސް ކުޅުންތެރިންނަކީ މީގެ ކުރިންވެސް އީގަލްސް އަށް ކުޅުނު ކުޅުންތެރިންނެވެ.

އޭއެފްސީ ކަޕަށް އަމާޒުކޮށް ބެންގަލޫރުން ވެސް ދަނީ ޓްރާންސްފާތަކެއް ހަދަމުންނެވެ. އައި ލީގުގެ ރަން ބޫޓު އެވޯޑު އެންމެ ފަހުން ހޯދި ބިޑިޔާސާގަރް ސިންހް ލައްވައި އެ ޓީމުން ވަނީ ސޮއި ކުރުވައިފަ އެވެ.

އީގަލްސްގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ، އީގަލްސް އަކީ އަބަދުވެސް ވަރުގަދަ ޓީމެއް ކަމަށާއި ކްލަބުގެ މެނޭޖުމެންޓުން މަސައްކަތް ކުރީ ވަރުގަދަ ސްކޮޑެއް ބިނާ ކުރަން ކަމަށެވެ.

"ބެންގަލޫރާ ދެކޮޅަށް ކުޅެން މިއޮތް މެޗަކީ ހަމައެކަނި އީގަލްސްގެ މެޗެއްގެ ގޮތުގައެއް ނޫން މެނޭޖުމެންޓުން ދެކެނީކީ. މިއީ ރާއްޖޭގެ ފުޓްބޯޅައާ ގުޅިފައި އޮތް މެޗެއް،" ޝާޒް ބުންޏެވެ. "އެހެންވީމަ ނެރެވެން އޮތް އެންމެ ވަރުގަދަ ސްކޮޑެއް ނެރެގެން މެޗު ކާމިޔާބު ކުރުން ވިސްނުމަކީ. އަނެއްކާ ބެންގަލޫރަކީ ވެސް ތަޖުރިބާކާރު މޮޅު ޓީމެއް.“

އޭއެފްސީ ކަޕު ޕްލޭއޮފް އަށް އީގަލްސް ދަތުރުކުރީ، ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގައި މިދިޔަ އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި އީގަލްސް ވާދަކުރަން ހަމަޖެހިފައި އޮތީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އެ ޓީމަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބި އަދި އަމިއްލަ ގައުމުގައި މެޗު ކުޅުމުގެ ހުއްދަ ވެސް ނުލިބި ބަންގްލަދޭޝްގައި ތާށިވުމުން އޭއެފްސީ ނިންމީ އަބަހާނީ މުބާރާތުން ވަކި ވެފައިވާ ކަމަށެވެ. އެގޮތަށް ނިންމައި އީގަލްސް ޕްލޭއޮފް ބުރަށް ޕްރޮމޯޓުކުރި އެވެ.

މިދިޔަ އަހަރު އޭއެފްސީ ކަޕު ކޮލިފިކޭޝަންގައި ރާއްޖޭގެ މާޒިޔާ އަތުން ބަލިވެ ގުރޫޕް ސުޓޭޖުން ޖާގަ ނުލިބުނު ބެންގަލޫރު މި އަހަރު ކޮލިފިކޭޝަން ފެށީ ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުންނެވެ. އެ ބުރުގައި ނޭޕާލްގެ އާމީ ކްލަބު ބަލިކޮށް ޕްލޭއޮފް ބުރުން ބަންގަލޫރު ޖާގަ ހޯދި އެވެ. އެ ޓީމުން ވަނީ 2016 ވަނަ އަހަރު އޭއެފްސީ ކަޕުގެ ފައިނަލުގައި ކުޅެފަ އެވެ.

ޕްލޭއޮފްގައި އީގަލްސްއާ ދެކޮޅަށް ކުޅެން މެއި މަހު ބެންގަލޫރު ޓީމު މާލެ އައިސް ހޮޓެލް ޖެންގައި ކޭމްޕު ކުރި އެވެ. ކޮވިޑް-19 އާ ގުޅިގެން އަޅައިފައިވާ ޕްރޮޓޮކޯލްއާ ހިލާފުވެ، ބެންގަލޫރުގެ ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނުކުތް މައްސަލަ ހޫނުވި އެވެ. އެކަމާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ، ބެންގަލޫރުން ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލުމުން ރާއްޖޭގައި މުބާރާތް ނުބޭއްވޭނެ ކަމަށާއި ބެންގަލޫރު ޓީމު އަނބުރައި ފޮނުވާލުމަށް އަންގައިފަ އެވެ. އޭއެފްސީން އެންމެ ފަހުން ނިންމީ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ފަސް ކުރުމަށެވެ. ބެންގަލޫރަށް ޖެހުނީ ރާއްޖެއަށް ކުރި ދަތުރުގެ ބޭނުން ހާސިލުނުވެ އެނބުރި ގައުމަށް ދާށެވެ.

އޯގަސްޓް މަހަށް އަލުން ތާވަލު ކުރި މި ސަރހައްދުގެ ގުރޫޕް ސްޓޭޖު ބާއްވަން އަލުން ބިޑު ކާމިޔާބު ކުރީވެސް ރާއްޖެއިންނެވެ. ގުރޫޕް ސްޓޭޖުން މިހާރު ވެސް ޖާގަ ހޯދާފައި ވަނީ، ރާއްޖޭގެ މާޒިޔާ، ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ގުރޫޕުގެ ފަހު ޖާގަ ލިބޭނީ ބެންގަލޫރާއި އީގަލްސް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. ގުރޫޕް ސްޓޭޖު މެޗުތައް އޮންނާނީ އޮގަސްޓް 18-24 އަށެވެ.