Roadha Mihaaru
ކަރަންޓު ބިލުތައް ބޮޑުވީ ކީއްވެތޯ ބަލަނީ

ކަރަންޓު ބިލުތައް ބޮޑުވީ ކީއްވެތޯ ބަލަނީ

31 ޖުލައި 2021

މި މަހު ސްޓެލްކޯގެ ކަރަންޓު ބިލުތައް އާދައާ ހިލާފަށް ބޮޑުވި ކަމަށް ބުނާ މައްސަލަ ބަލަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މި މަހު ސްޓެލްކޯގެ ކަރަންޓު ބިލުތައް އާދައާ ހިލާފަށް ބޮޑުވި ކަމަށް ބުނާ މައްސަލަ ބަލަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނިންމައިފި އެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލު ލިބުމާ އެކު ސްޓެލްކޯގެ ބައެއް ކަސްޓަމަރުން ވަނީ ކުރީ މަސްތަކާ އަޅާބަލާއިރު އާދައާ ހިލާފަށް ކަރަންޓު ބިލު ބޮޑު ކަމުގެ ޝަކުވާކޮށްފަ އެވެ.

އެކަމާ ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސްޓެލްކޯއިން ފޮނުވި ޖުލައި މަހުގެ ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީއިން ބުންޏެވެ.

"ރަސްމީކޮށް މިމައްސަލަ މިއޮތޯރިޓީއަށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވިއަސް، މިމައްސަލަ މިއޮތޯރިޓީއިން ބަލަމުންދާކަމުގައި ދަންނަވަމެވެ." އެ އޮތޯރިޓީގެ އިއުލާނުގައިވެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ޔުޓިލިޓީ ރެގިއުލެޓަރީ އޮތޯރިޓީގެ މަގުސަދަކީ ފެނާއި ނަރުދަމާއި އާއި ކަރަންޓުގެ ހިދުމަތް ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމާއި ހިދުމަތުގެ އަގު ކަނޑައެޅުމުގެ އިތުރުން އެފަދަ ހިދުމަތްތަކަށް ލައިސަންސް ދޫކުރުމާއިި ރެގިއުލޭޓް ކުރުމެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް މީގެ ކުރިން ވިދާޅުވި ގޮތުގައި، މި މަހު ކަރަންޓު ބިލު ބޮޑުވި ކަމަށް ދައްކަނީ ކޮވިޑްގެ ދަތިކަމާ ގުޅިގެން ކަރަންޓު ބިލްތަކަށް ސަރުކާރުން ދިން ސަބްސިޑީ މި މަހު ކަނޑާލައި ބިލު ފޮނުވުމުންނެވެ.

ސަބްސިޑީ ކަނޑާލުމުގެ އިތުރުން ބައެއް ބިލްތައް އިތުރަށް ބޮޑު ކަމަށް ދައްކަނީ މިދިޔަ ދުވަސްތަކުގައި ކަރަންޓް ބިލް ނުދެއްކި ހުރި މީހުން، ކުރިއަށް ހުރި މަސްތަކަށް ބަހާލައިގެން ބިލް ދެއްކުމުގެ ފުރުސަތު ދިނުމުން އެ ބައި ވެސް މި ފަހަރުގެ ބިލަށް އިތުރުކޮށްފައި އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލްތައް އާދަޔާ ހިލާފަށް ބޮޑުވީ ސްޓެލްކޯގެ މައްސަލައަކުން ނޫން ކަމަށާއި އެ ކުންފުނީގެ މައްސަލައެއް ނެތްކަން ޔަގީން ކުރަން ބޭނުންވާ ފަރާތްތަކުގެ ގޭބީސީތަކަށް ވަކިން ގޮސް އެފަދަ ގޭބީސީތަކުގެ ރީޑިން އަލުން ނަގާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު ތަސްދީގުކުރެއްވުމާއެކު އެ އޮތޯރިޓީ އުފެއްދީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ އޮތޯރިޓީ އުފެއްދުމާއެކު ކުރީގެ އެނާޖީ އޮތޯރިޓީ ވަނީ އުވާލައިފަ އެވެ.