Roadha Mihaaru
އައްޑޫ ގޯތިތައް އަތުލި މައްސަލަ ކޯޓަށް

އައްޑޫ ކައުންސިލުން ގޯތިތައް އަތުލި މައްސަލަ ކޯޓަށް

01 އޯގަސްޓް 2021

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނަގައި ބަދަލު ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނަގައި ބަދަލު ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައި 40 ގޯތި އަތުލަން ނިންމީ މުޅި އައްޑޫ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ މިދިޔަ މަހު އެވެ. އެއާ އެކު މައްސަލަ ވަނީ ހޫނުވެފަ އެވެ.

މި ނިންމުމާ އެކު ކައުންސިލްގެ ހުއްދަ ނެތި މި ގޯތިތަކުގައި އިތުރު އެއްވެސް މަސައްކަތެއް ނުކުރަން ވަނީ އަންގައިފަ އެވެ.

ގޯތިތަކުގެ ބައެއް ވެރިން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު އެ މީހުންގެ ވަކީލު "މިހާރު" އަށް ވިދާޅުވީ މައްސަލަ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ މައްސަލައިގައި ދައުވާކުރަން އެދޭ 18 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ. ވަކީލް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އަދި ކޯޓަށް ހުށަހެޅީ ބައެއް މައްސަލަތަކެވެ.

ގޯތިތައް ނަގަން ކައުންސިލުން ނިންމާފައި ވަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ، ގޯތިތައް ނަގަން ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި އެދިފައިވެ އެވެ.

"އެ މައްސަލައިގައި އެދިފައި ވަނީ ގާނޫނާ ހިލާފަށް ޕްރޮސީޖާތައް ގެންގޮސްފައިވާތީވެ އެ ނިންމުން ބާތިލުކޮށްދިނުމަށް،" ވަކީލު ވިދާޅުވި އެވެ.

އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ގޯތިތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ ދައުވާތަކާ އެކު އެދިފަ އެވެ.

މި މައްސަލަ މިހާރު އެލްޖީއޭ އަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ކައުންސިލުން އެ ގޯތިތައް ނަގަން ނިންމި އިރު، ބައެއް ތަންތަނުގައި ވަނީ އިމާރާތް ވެސް ކުރަން ފަށައިފަ އެވެ. އިމާރާތްކޮށްފައިވާ މީހުންނާ ވެސް މަޝްވަރާކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ ގޯތިތައް ނަގަން ސިޓީ ކައުންސިލުން ނިންމީ އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެތީ އެއީ މުޅި ސިޓީގެ މަސްލަހަތާ ގުޅޭ ކަމަކަށް ވާތީ ކަމަށް ބުނެ އެވެ.

ނެގި ގޯތިތަކުގެ ބަދަލުގައި ގޯތިތައް ދޫކުރާނީ އައްޑޫގެ ހޮސްޕިޓަލު އަޅަން ކުރިން ނިންމި ބިމުން ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު މީގެ ކުރިން "މިހާރު" އަށް ވިދާޅުވެފައި ވަނީ ހޮސްޕިޓަލް ކައިރިން ބިންތައް ދޫކޮށްފައި ހުރީ ޕްލޭނެއް ނެތި ތޮއްޖެހޭ ގޮތަކަށް ކަމަށާއި އެއީ އެކި ރަށްރަށުން ގިނަ ބަޔަކު އަންނަ ތަނަކަށް ވުމުން އެތާ ކައިރީގައި މީހުން ދިރިއުޅޭ ގެތައް ހުރުން ރައްކާތެރި ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޯތިތައް ނެގުމަށް ފަހު އެތަންތަން ދޫކުރާނީ ވިޔަފާރިތަކަށާއި އިޖުތިމާއީ ކަންކަމަށެވެ. އަދި ހޮސްޕިޓަލުގެ ޖާގަ ބޮޑު ކުރަން ވެސް މި ބިންތައް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.