Roadha Mihaaru
ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް

ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް

24 މެއި 2018

ކާރު ޕާކް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކާރު ޕާކް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

ކާރު ޕާކް ކުރާ ސިސްޓަމްތަކެއް ގާއިމު ކުރަން އެޗްޑީސީން ކަނޑައަޅާފައިވަނީ ހުޅުމާލޭގެ ނުވަ ސަރަހައްދެއްގަ އެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި އެންމެ ކާރުބާރު ބޮޑު ބައެއް ސަރަހައްދުތައް ވެސް ހިމެނެ އެވެ. އެޗްޑީސީން ވަނީ ޕާކިން ސިސްޓަމްތައް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭގައި ބަހައްޓާ ނުވަ މެކޭނިކަލް ސިސްޓަމުގައި 318 ކާރު ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ. މި ޕާކިން ސިސްޓަމްތައް ބޭނުން ކުރާ މީހުންގެ އަތުން ފީއެއް ނެގުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ޕާކިން ސިސްޓަމްތައް ގާއިމު ކުރާ ތަންތަނަކީ ރޯހައުސް "މަށި"، ފްލެޓު 7، ފްލެޓް 5، ރޯހައުސް "ސަނދުރަ"، ފްލެޓު 122، ފްލެޓު 137، ގާޒީ ސްކޫލް، ރެޑްކްރެސެންޓް ބިލްޑިން އަދި 175 ނަންބަރު ފްލެޓު ކައިރި އެވެ. މީގެ ތެރެއިން ގާޒީ ސްކޫލް ސަރަހައްދު ބައެއް ގަޑިތަކުގައި މިހާރު ވެސް ވެހިކަލްތަކުން ތޮއްޖެހެ އެވެ.

ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމު ކުރަން ނިންމި އިރު، މާލޭގައި ދުއްވާ އެއްޗެހި ގިނަވެ، ޕާކް ކުރާނެ ޖާގަ ނެތުމުން ހައުސިން މިނިސްޓްރީން ދަނީ ޕާކިން ސިސްޓަމްތަކެއް މާލޭގައި ބަހައްޓަމުންނެވެ. އެގޮތުން ވެލާނާގޭ ކައިރީގައި ކާރު ޕާކް ކުރާ ސިސްޓަމެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި ހީނާމާގޭގައި ވެސް ޕާކިން ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭގެ އިތުރުން ގާކޮށީގައި އިމާރާތްކޮށްފައިވާ މާލޭ ސްކޮޔާގެ އިރުން އޮތް ހުސް ބިމުގަޔާއި، މާފަންނު އަސަރީ ކެފޭ ހިންގި ބިމުގައި ވެސް މެކޭނިކަލް ޕާކިން ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.