Roadha Mihaaru
ޔޫކްރޭންގެ ކޯޗުކަމުން ޝެވްޗެންކޯ ވަކިވެއްޖެ

ޔޫކްރޭންގެ ކޯޗުކަމުން ޝެވްޗެންކޯ ވަކިވެއްޖެ

02 އޯގަސްޓް 2021

ކިއޭވް (އޯގަސްޓް 2) - މިދިޔަ މަހު ނިމުނު ޔޫރޯގެ ކުއާޓާ ފައިނަލަށް ޔޫކްރޭން ގެންގޮސްދިން އަންޑްރޭ ޝެވްޗެންކޯ އެ ޓީމުގެ ކޯޗު ކަމުން ވަކިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކިއޭވް (އޯގަސްޓް 2) - މިދިޔަ މަހު ނިމުނު ޔޫރޯގެ ކުއާޓާ ފައިނަލަށް ޔޫކްރޭން ގެންގޮސްދިން އަންޑްރޭ ޝެވްޗެންކޯ އެ ޓީމުގެ ކޯޗު ކަމުން ވަކިވެއްޖެ އެވެ.

ޗެލްސީ އާއި އޭސީ މިލާންގެ ކުރިގެ ފޯވަޑް، ގައުމީ ޓީމުގެ ކޯޗު ކަމުގައި ފަސް އަހަރު ހޭދަ ކުރުމަށް ފަހު ރޭ ކޯޗު ކަމުން ވަކިވީ، ޔޫކްރޭންގެ ފުޓްބޯޅަ ފެޑްރޭޝަނާ އެކު އޭނާ ހެދި އެއްބަސްވުން ހަމަވުމުންނެވެ. މިފަހަރުގެ ޔޫރޯގެ ކުއާޓާގައި ޔޫކްރޭން ބަލިވީ އިންގްލެންޑް އަތުންނެވެ.

ކޮންޓްރެކްޓް ފުރިހަމަ ކުރިކަން އިއުންލާން ކުރުމަށް ފަހު އިންސްޓަގްރާމްގައި ސެވްޗެންކޯ، 44، ބުނެފައި ވަނީ، ފަސް އަހަރު އޭނާ ކުރި މަސައްކަތުން ޔޫކްރޭން އަށް ޒަމާނީ ފުޓްބޯޅައެއް ކުޅެވޭނެކަން ސާބިތު ކޮށްދެވިއްޖެ ކަމަށެވެ.

"ބުރަ މަސައްކަތާ އެކު އަހަރެމެންނަށް ސާބިތު ކޮށްދެއްވިއްޖެ އަހަރެމެންނަކީ ޒަމާނީ ފުޓްބޯޅައިގެ ސްޓައިލަށް ކުޅެވޭނެ ބައެއްކަން،" އިންސްޓަގްރާމުގައި ޝެވްޗެންކޯ ލިޔެފައި ވެއެވެ.

ޔޫކްރޭންގެ ކޯޗު ކަމުން ޝެވްޗެންކޯ ވެކިވެފައިވާ ކަމެއް އެ ގައުމުގެ ފެޑްރޭޝަނުން އިއުލާންކޮށްފައެއް ނުވެ އެވެ. އަދި ދެން ގައުމީ ޓީމާ ހަވާލުވާނީ ކޮން ކޯޗެއް ކަމެއް ވެސް ނުބުނެ އެވެ.

ވޯލްޑް ކަޕު ކޮލިފިކޭޝަންގައި ޔޫކްރޭން އޮތީ ފްރާންސްގެ ފަހަތުން ގުރޫޕުގެ ދެ ވަނައިގަ އެވެ.

ބެލަންޑޯ އެވޯޑް 2004 ގައި ހޯދި ޝެވްޗެންކޯ އަކީ ޔޫކްރޭންގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 48 ލަނޑު ޖަހައިފަ އެވެ. ޗެލްސީ އާއި އޭސީ މިލާންއާ އެކު ގިނަ ކާމިޔާބުތަކެއް އޭނާ ހޯދި އެވެ.