Roadha Mihaaru
މަޝްހޫރު ތަރިން ގިނަ ޔޫކްރޭނަށް އެއްކަމެއް ވެސް ނުވި

ޔޫކްރޭންގެ މަޝްހޫރު ތަރިންނަކީ ހަމަ ހުސް ނަންތަކެއް، ރޮމޭނިއާ ކައިރީ އެއްކަމެއް ވެސް ނުވި

17 ޖޫން 2024

މިޔުނިކް (ޖޫން 17) – ކުޅުންތެރިންގެ ގޮތުން ކިތަންމެ މަޝްހޫރު ނަންތަކެއް ތިބި ނަމަވެސް، ރޮމާނިއާ ކައިރި ހަމަ އެއްކަމެއް ވެސް ނުކުރެވި ޔޫކްރޭން މެޗުން ބަލިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިޔުނިކް (ޖޫން 17) – ކުޅުންތެރިންގެ ގޮތުން ކިތަންމެ މަޝްހޫރު ނަންތަކެއް ތިބި ނަމަވެސް، ރޮމާނިއާ ކައިރި ހަމަ އެއްކަމެއް ވެސް ނުކުރެވި ޔޫކްރޭން މެޗުން ބަލިވެއްޖެ އެވެ.

ގުރޫޕް އީ ގެ މެޗަށް ނުކުތް އިރު، ފޭވަރިޓުންގެ ގޮތުގައި އޮތީ ޔޫކްރޭން އެވެ. ސަބަބަކީ އެ ޓީމުގައި މަޝްހޫރު ކުޅުންތެރިން ގިނަ ވުމެވެ.

ޔޫކްރޭންގެ މުހިންމު ކުޅުންތެރިންނަކީ ރެއާލް މެޑްރިޑާއި އާސެނަލް، ބެންފީކާ އަދި ޖިރޯނާ އާއި ވެލެންސިއާގެ ކުޅުންތެރިންނެވެ. ޔޫރޯ އަށް އެ ކުޅުންތެރިން ދިޔައީ ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ލީގުތަކުގައި މެޗުތައް ކުޅެފަ އެވެ.

އެ ކުޅުންތެރިންނާ، ނަމުގެ ގޮތުން އަޅާކިޔާލެވޭނެ ފެންވަރުގެ ކުޅުންތެރިޔެއް ރޮމޭނިއާގައި ނެތެވެ. އެކަމަކު މެޗުން ނަތީޖާ ނެރުމުގައި އެ ޓީމުގެ ކުޅުންތެރިން މާ ބޮޑަށް ވެސް ތަފާތެވެ.

މެޗުގެ 29 ވަނަ މިނެޓްގައި ލީޑް ނެގި އެވެ. ދެވަނަ ހާފުގެ ފުރަތަމަ 10 މިނެޓް ތެރޭގައި ދެ ލަނޑު ޖަހައި ލީޑް ފުޅާ ވެސް ކުރި އެވެ.

އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ސައުދީ ޕްރޯ ލީގުގައި ކުޅެމުން އަންނަ ނިކޮލާ ސްޓާންޗިއު އެވެ. ެ. އޭނާ ލަނޑު ޖެހީ ޑެނިސް މޭން ތަނަވަސްކޮށްދިން ބޯޅަ، އޭރިއާގެ ބޭރުން އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ މަތީ ދާގަނޑަށެވެ.

ދެވަނަ ހާފުގައި، ޔޫކްރޭންގެ ޑިފެންސް، ރޮމޭނިއާއިން ރޫޅާލީ ހީކުރި ވަރަށް ވުރެ ވެސް ފަސޭހަކޮށެވެ. ކައުންޓަ އެޓޭކް ފުރުސަތެއްގައި ކުރިއަށް އަރައި އެ ޓީމުން ފުރަތަމަ އުފައްދަން އުޅުނު ހަމަލާ ޔޫކްރޭންގެ ޑިފެންޑަރުގެ ފައިގައި ޖެހި ރީބައުންސް ވުމުން، އޭރިއާ ބޭރުން ރަޒްވާން މާރިން އެއްފަހަރުން ޖަހައި ބޯޅަ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ. އެ ބޯޅަ ދިޔައީ ރެއާލްގެ ކީޕަރު އަންޑްރޭ ލުނިންގެ އަތްދަށުން ދިޔައީ މާ ފަސޭހަކޮށެވެ. ނިމިދިޔަ ސީޒަނުގައި ރެއާލްގައި މޮޅު ކުޅުމެއް ދެއްކި ކީޕަރަށް، އެ ބޯޅަ އަކީ ސަލާމަތް ކުރެވޭވަރުގެ ބޯޅައެކެވެ.

އޭގެ ހަތަރު މިނެޓް ފަހުން ކޯނަރަކުން ތަނަވަސް ކުރި ބޯޅަ އަކުން ޑެނިސް ޑުރާގުސް ޖެހި އެވެ. އެ ހާފުގައި ޔޫކްރޭންގެ ފުރަތަމަ ހަމަލާ އުފެއްދުނީ ވެސް އޭގެ ފަހުންނެވެ.