Roadha Mihaaru
ޔޫކޭގައި 974 މިލިއަން ޑޮލަރު ފިލްމު ސްޓޫޑިއޯއެއް

ހޮލީވުޑްގެ ކުންފުންޏަކުން އިނގިރޭސިވިލާތުގައި 974 މިލިއަން ޑޮލަރު ފިލްމު ސްޓޫޑިއޯއެއް ހަދަނީ

03 އޯގަސްޓް 2021

ފިލްމާއި ޓީވީ އުފެއްދުންތަކުގެ މަސައްކަތް ފުޅާކޮށް އިނގިރޭސިވިލާތުގައި އެންމެ މަތީ ފެންވަރު ޝޫޓިން ސްޓޫޑިއޯއެއް ހަދަން ހޮލީވުޑްގެ ކުންފުނި ސަންސެޓް ސްޓޫޑިއޯސް އިން 974 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމާއި ޓީވީ އުފެއްދުންތަކުގެ މަސައްކަތް ފުޅާކޮށް އިނގިރޭސިވިލާތުގައި އެންމެ މަތީ ފެންވަރު ޝޫޓިން ސްޓޫޑިއޯއެއް ހަދަން ހޮލީވުޑްގެ ކުންފުނި ސަންސެޓް ސްޓޫޑިއޯސް އިން 974 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.

"ލާ ލާ ލޭންޑް" އާއި "ވެން ހެރީ މެޓް ސެލީ" ގެ އިތުރުން "ޒޫލޭންޑާ" ފަދަ ކާމިޔާބު ފިލްމުތައް ޝޫޓްކުރި ލޮސް އެންޖެލިސްގެ ސްޓޫޑިއޯ އިން ބުނި ގޮތުގައި އަމާޒަކީ އިނގިރޭސިވިލާތުގައި އެންމެ މަތީ ފެންވަރުގެ "ވޯލްޑް-ކްލާސް" ސްޓޫޑިއޯ ހަދައި އޭގެ ދަށުން ގިނަ އުފެއްދުންތައް ހަދަން މަގުފަހިކުރުން ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދަން ސަންސެޓުން ވަނީ ހާޓްފޯޑްޝަޔާ އިން 167 މިލިއަން ޑޮލަރަށް 91 ހެކްޓަރުގެ ބިމެއް ވެސް ގަނެފަ އެވެ. ފިލްމާއި ޓީވީ އުފެއްދުންތަކުގެ މަސައްކަތްކުރާނެ މައި މަރުކަޒު ހަދަން ނިންމާފައި ވަނީ ބްރޮކްސްބޯންގަ އެވެ.

މި މަޝްރޫއަށް ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުކަމާއި އެހީއެއް ދޭނެ ކަމަށް އިނގިރޭސި ސަރުކާރުން ބުންޏެވެ.

"މިއީ ފިލްމާއި އިންޑަސްޓްރީގެ ކުރިމަގު އިނގިރޭސިވިލާތުގައި އޮތް ކަމާއި އެ ދާއިރާގެ މަސައްކަތްތައް ފުޅާކޮށް އެތައް ބަޔަކަށް އެތައް ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމެއް،" ސްޓޭޓް ފޯ ޑިޖިޓަލް، ކަލްޗަ، މީޑިއާ އެންޑް ސްޕޯޓްސްގެ ސެކްރެޓަރީ އޮލިވާ ޑޯޑެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަންސެޓް ސްޓޫޑިއޯ އިން ކުރިއަށް ގެންދާ މަޝްރޫއާ އެކު ބްރިޓިޝް ފިލްމު ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ.

"މިކަމުގެ ސަބަބުން ކްރިއޭޓިވް އިންޑަސްޓްރީ މިހާރަށް ވުރެ ބޮޑަށް ފުޅާވެ، އިގުތިސާދަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ،" އޮލިވާ ވިދާޅުވި އެވެ.

ސަންސެޓް ސްޓޫޑިއޯ އިން ބުނި ގޮތުގައި އިނގިރޭސިވިލާތުގައި ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ މަސައްކަތުގައި އެ ކުންފުންޏާ އެކު އިންވެސްޓްމަންޓް ކުންފުނި ބްލެކްސްޓޯން ވެސް ބައިވެރިވާނެ އެވެ. ދެ ކުންފުނީގެ އަމާޒަކީ ބްރޮކްސްބާން ފިލްމާއި ޓީވީ އުފެއްދުންތަކުގެ މަސައްކަތްކުރާ ވަރުގަދަ ހަބަކަށް ހެދުމެވެ.

"މިއީ ޔޫކޭ އާއި އިންޓަނޭޝަނަލް ޕްރޮޖެކްޓަތަކަށް ހުޅުވޭ އިތުރު ދޮރެއް. އަދި މީގެ ސަބަބުން އަހަރަކު ހަތަރު ހާސް ފަސްސަތޭކަ ވަޒީފާ އުފެދި ހަތަރު ސަތޭކަ މިލިއަން ޑޮލަރުގެ އާމްދަނީއެއް އިނގިރޭސިވިލާތުގެ އިގުތިސާދަށް ވަންނާނެ." ސަންސެޓް ސްޓޫޑިއޯ އިން ބުންޏެވެ.

އިނގިރޭސިވިލާތުގައި ކުރިއަށް ގެންދާ މަޝްރޫއަކީ އެމެރިކާ އިން ބޭރުގައި ސަންސެޓް ސްޓޫޑިއޯ އިން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.