އަންނަ ހަފުތާގައި ދިރާސީ އާ އަހަރު ފަށައި ސްކޫލުތަކަށް ކުދިން ކިޔަވަން ދާން ފަށާއިރު، ކިޔަވައިދޭނީ ކޮވިޑް-19 ފެތުރުމުގެ ކުރިން ކަނޑައަޅާފައިވާ ވަގުތުތަކާ އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
02 އޯގަސްޓް 2021
އަންނަ ހަފުތާގައި ދިރާސީ އާ އަހަރު ފަށައި ސްކޫލުތަކަށް ކުދިން ކިޔަވަން ދާން ފަށާއިރު، ކިޔަވައިދޭނީ ކޮވިޑް-19 ފެތުރުމުގެ ކުރިން ކަނޑައަޅާފައިވާ ވަގުތުތަކާ އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓަރު އާއިޝަތު އަލީ ސޮއިކުރައްވާ ނެރުއްވި ސާކިއުލާއެއްގައި ބުނީ، ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތުގައި ވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށެވެ. ނަމަވެސް، ފުރަތަމަ ދެ ހަފުތާގައި މާލޭގެ ސްކޫލްތަކުގެ ކިޔެވުން ފެށޭ ގަޑި އެކި ގުރޭޑުތަކަށް ތަފާތުކޮށް، ވިހާ ވެސް ތޮއްޖެހުން ކުޑަވާނެ ގޮތަށް އިންތިޒާމު ކުރަން ވަނީ އަންގައިފަ އެވެ.
ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އާ އުސޫލެއް ސްކޫލުތަކަށް ކަނޑައަޅާފައިވާއިރު، އިތުރު ހަރަކާތްތައް ފެށޭނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުންނެވެ. އެކަމަކު ރާއްޖޭގައި އަދި ކޮވިޑް ވެކްސިން ޖަހަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށް ވާތީ، ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ފަށަން ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ އިތުރު ފިޔަވަޅުތައް އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ފާހަގަކޮށްފައި ވެ އެވެ. އެއީ؛
- މި އޮގަސްޓް މަހު ރާއްޖެ އިން ބޭރުން އެނބުރި އައިސްފައިވާ ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުން، 5-7 ދުވަހުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތްތޯ ކަށަވަރުކުރުން.
- މި އޮގަސްޓް މަހުން ފެށިގެން މޮނިޓަރިންގައި އޮތް ރަށްރަށުން ދަތުރުކުރާ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން، 5-7 ދުވަހުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތްތޯ ކަށަވަރުކުރުން.
- ދަރިވަރުންނަށް މާސްކާ ނުލައި ތިން ފޫޓު ދުރުމިނުގައި، ތޮއްޖެހިގެން ނުތިބެ ހެލިފެލިވެ އުޅެވޭނެ ވަގުތުކޮޅެއް ޓޭބަލުގައި ހިމެނުން.
- އިންޓަވަލް ގަޑީގައި ދަރިވަރުން ތިން ފޫޓު ދުރުގައި ތިބެގެން ކެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ހައި ރިސް ކެޓަގަރީގައި ހިމެނޭ ކުދިންނަށް މާސްކާ އެކު ފޭޝް ޝީލްޑް ބޭނުންކުރަން ފުރުސަތު ދިނުން.
މީގެ އިތުރުން ވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ސްކޫލްތަކުން އަޅަންޖެހޭ އާންމު ފިޔަވަޅުތައް އަޅަން މި ފަހަރު ވެސް އަންގައިފަ އެވެ. އެއީ ކްލާސްތަކުގައި ވައި ދައުރުވާ ގޮތަށް ހުރިހާ ވަގުތެއްގައި ވެސް ދޮރުތައް ހުޅުވާފައި ބެހެއްޓުމާއި އިޖުތިމާއީ ގައިދުރުކަން ކްލާސްތަކުގައި ބެހެއްޓުމާއި އޭސީ ހަރުކޮށްފައިވާ ކްލާސްތަކުގައި ކުދިންގެ މެދުގައި ތިން ފޫޓުގެ ދުރުމިން ބެހެއްޓުމެވެ.
ކުދިން ސްކޫލަށް ވަންނައިރު މާސްކު އެޅުމާއި ހުން ބެލުމާއި އަތްދޮވުމާއި ސެނިޓައިޒްކުރުމާއި ޑިސްއިންފެކްޓްކުރުން ފަދަ ކަންކަން ކުރިން ވެސް ކުރަމުން އައި ގޮތަށް ކުރަން ވަނީ އަންގައިފަ އެވެ.
ސްކޫލްގެ މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވީ ނަމަވެސް، ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް ވެސް އަންގާފައި ވެ އެވެ. މި ސާކިއުލާގައި މިހެން ބުނެފައިވާއިރު، އަންނަ މަހުން ފެށިގެން ސްކޫލުތަކަށް ވަދެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
ސްކޫލުތަކަށް ވަންނައިރު ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ތިބެން ޖެހެނީ އެޑިއުކޭޝަނުން ބުނި ގޮތުގައި، ރާއްޖޭގައި ޖަހާ ވެކްސިން ޕްރޮގްރާމަށް ޝަރުތު ހަމަވާ މީހުންނެވެ. އަދި ސްކޫލުތަކުގައި ކިޔަވާ ކުދިން ކޮވިޑް ވެކްސިން ޖަހާ ކެޓަަގަރީގައި ނުހިމެނޭނެ ކަމަށް ވެސް ބުންޏެވެ.
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
ތައުލީމީ ދާއިރާގެ ޝަކުވާ: ވާނުވާއެއް ނޭނގޭ!
ނިއު ނޯމަލްގައި ކިޔަވައިދިނުން: އެންމެ ބޮޑު ގޮންޖެހުން
ނާސްތާ އަށް ދޮންކެޔޮ ދޭން ވައުދެއް ނުވޭ
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން 1.3 ބިލިއަން
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ