Roadha Mihaaru
ހަމަލާދިން މީހުންނަށް ބޮޑެތި ހުކުމް އަންނަ ދައުވާތަކެއް

ނަޝީދަށް ހަމަލާ ދިން މީހުންނަށް ބޮޑެތި ހުކުމްތަކެއް އަންނަ ދައުވާތަކެއް

03 އޯގަސްޓް 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން ހަތަރު މީހަކަށް، ބޮޑެތި ހުކުމްތަކެއް އަންނަ ދައުވާތަކެއް ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން ހަތަރު މީހަކަށް، ބޮޑެތި ހުކުމްތަކެއް އަންނަ ދައުވާތަކެއް ކޮށްފި އެވެ.

މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިޑީއެއް ގޮއްވާލުމުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، ފުރާނަ ސަލާމަތް ކުރަން ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ. އެ މައްސަލައިގައި 10 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ހަތަރު މީހަކަށް މިއަދު ދައުވާ އުފުލާފައި ވެ އެވެ.

އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

އަދުހަމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ތޫހުނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލާފައި ވެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 37 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މުޖާޒުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލާފައި ވެ އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަން ސާބިތުވެއްޖެ ނަމަ 17-20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަދި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 9 މަހާއި 18 ދުވަހުގެ ހުކުމެއް ތަންފީޒުކުރަންޖެހޭނެ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ތަހުމީނު 17-20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ. އޭގެ އިތުރުން އޭނާގެ މައްޗަށް، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ ވެސް ކޮށްފައި ވެ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 12-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެ އެވެ. ތަހުމީނަށް ދެން ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ އެވެ.

ނަޝީދަށް ހަމަލާދިން މައްސަލައިގައި ހައިޝަމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެ އެވެ. އެއީ؛ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ ގާތްގަނޑަކަށް 35 އަހަރުގެ ހުކުމެއް އަންނާނެ އެވެ.