Roadha Mihaaru
ނަޝީދުގެ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް

ނަޝީދުގެ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް، ބަޔާން ދެއްވުމާ މެދު އަދިވެސް ގޮތެއް ނުނިންމާ

05 އޯގަސްޓް 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލައާ ގުޅޭ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާއިރު، އެ މަނިކުފާނުގެ ގާނޫނީ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް ސައްތާރު ހަމަޖައްސަވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލައާ ގުޅޭ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާއިރު، އެ މަނިކުފާނުގެ ގާނޫނީ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް ސައްތާރު ހަމަޖައްސަވައިފި އެވެ.

މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލައިގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން ޖުލައި 1 އިން ފެށިގެން އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އިއްޔެ ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ ވަކީލަކަށް ނާޒިމް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ސިޓީފުޅުގެ ބޭނުމަކީ ނަޝީދުގެ ބަޔާނެއް ތަހުގީގަށް އަދިވެސް ލިބިވަޑައިނުގަންނަވާ ކަމަށާއި އެފަދަ ބަޔާނެއް މުހިންމު ކަމަށް ޕީޖީ ޝަމީމް މީޑިއާގައި ވިދާޅުވެފައިވާތީ އޭގެ ޖަވާބު ކަމަށް ނަޝީދު ވިދާޅުވިޔަސް، ނާޒިމް "މިހާރު" އަށް މިއަދު ވިދާޅުވީ، ބަޔާން ދެއްވުމާއި ނުދެއްވުމާ މެދު އެއްވެސް ގޮތެއް ނުނިމޭ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ، ހަމަލާގެ މައްސަލައިގައި އަދިވެސް ނަޝީދުގެ ބަޔާން ތަހުގީގަށް ނުލިބޭ ކަމަށާއި އެ ބަޔާން މުހިންމު ކަމަށެވެ.

ބަޔާން ދިނުމާ ގުޅޭ ގޮތުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގް ކުރައްވައި ނަޝީދު ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ ބަހަކަށް ވެސް ބަޔާނަކަށް ވެސް ދައްކަން އޮތީ "ޖާނާއި ހިތާއި މޭ" ކަމަށެވެ. އަދި "ހިތާ މޭ ހިބައިން ދިނުމުން ވެސް ނުވި ނޫންތޯ؟" ކަމަށް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ، ޝަރީއަތް ފެށުމުގެ ކުރިން ނަޝީދުގެ ބަޔާނެއް މުހިންމު ވިޔަސް، އެ މަނިކުފާނަކީ ހަމަލާގެ ވިކްޓިމަކަށް ވާތީ ނަޝީދުގެ ޝުއޫރުތަކަށް ވެސް އިހުތިރާމު ކުރަންޖެހޭ ކަމަށެވެ.

ބޮމުގެ ހަމަލާގައި ނަޝީދަށް ބޮޑަށް ޒަހަމްވީ އައިއީޑީ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުށްތައް ބުރައިގެން ގޮސް ހަށިގަނޑަށް ވަނުމުންނެވެ. އެ ރޭޒާ ފުށްތައް ނަގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތް ކުރަން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ އިރުތަކެއް ވަންދެން އޮޕަރޭޝަން ކުރި އެވެ. އޭގެ ފަހުން މޭ 13 ގައި އެ މަނިކުފާނު އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގަތެވެ. އިނގިރޭސި ވިލާތަށް ވަޑައިގަތީ ޖުލައި 1 ގަ އެވެ.

ނަޝީދުގެ އާއިލާ އިން ބުނެފައި ވަނީ ބޭސްފަރުވާ އަށް ފަހު އެ މަނިކުފާނަށް ރާއްޖެ ވަޑައިގެންނެވޭނީ އަންނަ މަހު ކަމަށް ބެލެވޭ ކަމަށެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފައިވާއިރު، މި މަހުގެ ތެރޭގައި އެ މީހުންގެ ޝަރީއަތް ފެށޭނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވެ އެވެ. އެ މައްސަލައިގައި ޕީޖީ އޮފީހުގެ ވަކީލުން ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.