Roadha Mihaaru
"އަމީން ދޫވީ ޓެރަރިޒަމް މައްސަލައިގައި ސީރިއަސްނުވާތީ"

އަމީން ދޫވީ ޓެރަރިޒަމްގެ މައްސަލަތަކުގައި ސީރިއަސް ނުވާތީ: އެމްޑީޕީ

18 ސެޕްޓެމްބަރ 2021

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީން ދޫވީ ކޮންމެ ވެސް އެއް ފަރާތަކުން ޓެރަރިޒަމްގެ މައްސަލަތަކުގައި ސީރިއަސް ވާންޖެހޭ ވަރަށް އަމަލު ނުކުރުމުގެ ސަބަބުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީން ދޫވީ ކޮންމެ ވެސް އެއް ފަރާތަކުން ޓެރަރިޒަމްގެ މައްސަލަތަކުގައި ސީރިއަސް ވާންޖެހޭ ވަރަށް އަމަލު ނުކުރުމުގެ ސަބަބުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެ ޕާޓީން އެހެން ބުނީ، އަމީން ދޫކޮށްލަން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރުމާއެކު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުންގެ ޝަރީއަތަށް ވާނެގޮތާ މެދު ވެސް ސުވާލު އުފައްދާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ބުނީ، ޓެރަރިޒަމާއި ޑްރަގް ޓްރެފިކިންގެ އެންމެ ބޮޑެތި މައްސަލަތަކުގައި ދައުވާ ރައްދުވާ ގިނަ މީހުން އިޖުރާއީ ނުކުތާއެއްގެ ހުއްޖަތު ދެއްކުމަށް ފަހު ދޫވެގެން ދަނީ އަލުން ދައުވާ ނުއުފުލޭނެ ގޮތަށް ކަމަށެވެ. އެފަދަ މީހުން ދޫވެގެންދާ ކަމުގެ ކަންބޮޑުވުންތައް ފާޅުކުރާ ކަމަށް ބަޔާނުގައި ވެ އެވެ.

މި ފަހުން ވެސް، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ރާއްޖޭގެ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ، ހަނގުރާމަ އަށް މީހުން ފޮނުވަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އަމީން ދޫކޮށްލީ އިޖުރާއީ ހުއްޖަތެއް ދެއްކުމަށް ފަހު ކަން އެމްޑީޕީން ފާހަގަކުރި އެވެ.

"މިފަދަ ސީރިއަސް އަދި ބޮޑު ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު، މި ބާވަތުގެ ގާނޫނީ ހުއްޖަތެއްގައި ދޫވެދިއުމަކީ ތަހުގީގުކުރާ އިދާރާ ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ ކޯޓުން ކުރެ ކޮންމެ ވެސް ފަރާތަކުން ޓެރަރިޒަމްގެ މައްސަލަތަކުގައި ސަމާލުވެ، ފަރުވާތެރިވެ ނުވަތަ ސީރިއަސް ވާންޖެހޭ މިންވަރަށް އަމަލުނުކުރުމުގެ ސަބަބުންކަމަށް ދެކެމެވެ،" ބަޔާނުގައި ވެ އެވެ.

"އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިޒަމްގެ ހަމަލާދިން ފަރާތްތަކުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކާއި އެ މީހުންގެ ބަންދާމެދު ކަންވެގެންދާނޭ ގޮތާމެދު މި ޕާޓީން އިންތިހާއަށް ކަންބޮޑުވަމެވެ."

އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނިކޮށް އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމީ އެ މައްސަލާގައި ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ނިންމުމަށް ފަހު އެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވެސް، ދައުވާ ލިބޭ މީހުންނަށް ދައުލަތުން ދައުވާ ކޮށްފައި ހުރީ އަމީންގެ މައްސަލާގައި ވެސް އަމަލު ކޮށްފައިވާ ގޮތަށެވެ.

ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތް މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. އެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވެ އެވެ.