Roadha Mihaaru
ރާއްޖެ "ނިއު ނޯމަލް" އަށް ގެނެވިއްޖެ: ރައީސް

ރާއްޖެ "ނިއު ނޯމަލް" އަށް ގެނެވިއްޖެ: ރައީސް

03 އޯގަސްޓް 2021

ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހާލަތު "ނިއު ނޯމަލް" އަށް ގެނެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހާލަތު "ނިއު ނޯމަލް" އަށް ގެނެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އޮތް ކެބިނެޓުގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، "ނިއު ނޯމަލް" އަށް ނުވަތަ އާ އާންމު ހާލަތަށް ރާއްޖެ ގެނެވިފައިވާ ކަމަށާއި އެކަމަކު މުހިންމީ ކޮވިޑުން ދިފާއު ވުމުގެ ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރުން ކަމަށެވެ. އެހެންވެ، ރައީސް ވަނީ ސަރުކާރުގެ ކުންފުނިތަކާއި އިދާރާތައް އަދި އަމިއްލަ ކުންފުނިތަކުން ވެސް ވެކްސިން ފުރިހަމަ ކުރުމަށް ބާރު އަޅައި ދިނުމަސް އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި، ކޮވިޑުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތްތަކާއި ވެކްސިން ޖަހާ މީހުންނަށް އެހީތެރިކަންދީ، އެކަމަށް ބާރު އެޅުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ޝަރުތު ހަމަވާ އެންމެންނަށް ވެކްސިން ފުރިހަމަ ކުރުމުގެ ޕްރޮގާރާމެއް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި އަހަރުގެ މިނިވަން ދުވަހު ދެއްވި ހިތާބުގައި ރައީސް ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް މި މަސް ނިމުމުގެ ކުރިން ވެކްސިންގެ ދެ ޑޯޒް ޖަހައި ނިންމުން ކަމަށެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 323،568 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި އެވެ. އޭގެ ތެރެއިން ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރީ 271،552 މީހެކެވެ.