Roadha Mihaaru
ވެކްސިދިނުން ކުރިއަށް ދާގޮތް ރައީސް ބައްލަވާލައްވައިފި

ކުޑަކުދިންނަށް ވެކްސިދިނުން ކުރިއަށް ދާގޮތް ރައީސް ބައްލަވާލައްވައިފި

15 އޯގަސްޓް 2021

އުމުރުން 12-17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގުރާމް މިއަދު ފެށިއިރު، ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށްް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްލާމީ މަރުކަޒުގައި ހުންނަ ވެކްސިން ސެންޓަރަށް ޒިޔާރަތްކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް އޮފީހުން ބުނީ ވެކްސިން ސެންޓަރަށް ވަޑައިގެން، ވެކްސިން ދިނުން ކުރިޔަށްދާ ގޮތާ ބެހޭ ގޮތުން ރައީސް މައުލޫމާތު އޮޅުންފިލުއްވި ކަމަށެވެ. މި ޒިޔާރަތުގައި ރައީސްއާ އެކު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެންމެފަހުން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ހަމަވާ ވަރަށް މިހާރު ވެކްސިން ލިބިފައިވާ ކަމަށެވެ. އަދި މިހާރު 12 އަހަރުން މަތީގެ ކުދިންނަށް ޖެހޭ ވަރަށް ވެސް ވެކްސިން ހަމަވެފައިވާ ކަން އިއުލާންކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިސްލާމީ މަރުކަޒުގައި ކުޑަކުދިންނަށް ވެކްސިން ދޭ ސެންޓަރަށް ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިސްލާމީ މަރުކަޒުގައި ކުޑަކުދިންނަށް ވެކްސިން ދޭ ސެންޓަރަށް ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް

އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނީ ކޮވިޑުން ދިފާއުވުމުގެ ވެކްސިން އުމުރުން 12-17 އަހަރާ ދެމެދުގެ 40،000 ކުއްޖަކަށް ޖަހާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށް ފުރަތަމަ ޑޯޒް ދިނުމެވެ.

ކުޑަކުދިންނަށާއި ހައި ރިސްކު ކެޓަގަރީގެ އެހެން މީހުންނަށް ދިނުމަށް، ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާ ސަރުކާރުގެ އެހީގައި ރާއްޖެ އަށް ވަނީ 128،600 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފަ އެވެ. އަދި ފައިޒާ އަކީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދިނުމަށް ހުއްދަ ލިބިފައިވާ ހަމައެކަނި ވެކްސިނެވެ.

ރާއްޖޭގައި މިއަދު އަލަށް ކުޑަކުދިންނަށް ވެކްސިން ދޭން ފެށިއިރު، މިހާތަނަށް ވަނީ 342،793 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 294،364 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.