Roadha Mihaaru
އޮޕޯ ވެސް ސެލްފީ ކެމެރާ ފޮރުވަނީ

އޮޕޯ ވެސް ސެލްފީ ކެމެރާ ފޮރުވަނީ

05 އޯގަސްޓް 2021

ސްމާޓްފޯންތަކުގެ ސެލްފީ ކެމެރާ ޑިސްޕްލޭ އިން ގެއްލުވުމުގެ ޓެކްނޮލޮޖީ އަކީ ވަރަށް ގިނަ ކުންފުނިތަކުން މިހާރު އަމާޒު ހިފާފައިވާ ކަމެކެވެ. އަންޑަ-ސްކްރީން ކެމެރާ (ޔޫއެސްސީ) ޓެކްނޮލޮޖީ ހިމަނައިގެން ފޯނު އުފެއްދުމުގެ ރޭހަށް ނުކުމެފައިވާ ކުންފުނިތަކުގެ ކުރީގައި މިހާރު ޗައިނާގެ ޒީޓީއީ އޮތަސް، އެ ގައުމުގެ އޮޕޯ އިން ވެސް މި ވަނީ އެ ކުންފުނި ވެސް އޮތީ އެ މަސައްކަތުގައި މިހާރު މާ ފަހަތުގައި ނޫން ސާބިތުކޮށް ދީފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސެލްފީ ކެމެރާ ޑިސްޕްލޭ އިން ގެއްލުވާލައިގެން ޒީޓީއީން ފޯނު ނެރޭނެ އިރެއް އަދި ކަށަވަރެއް ނުވެ އެވެ. އެ މަސައްކަތުގެ ތެރޭގައި އެ ކުންފުނިން އުޅެނިކޮށް އަންގާރަ ދުވަހު ޗައިނާގެ އޮޕޯ އިން ވަނީ އެ ކުންފުނީގެ ޔޫއެސްސީ ފޯނު ނެރެން އުޅޭކަން ކަށަވަރުކޮށްދީ، އޭގެ ޕްރޮޓޯޓައިޕް ވެސް ދައްކާލައިފަ އެވެ.

އެ ދައްކާލާފައި މި ވަނީ 2019 ގައި އެފަދަ ފޯނަކަށް މަސައްކަތްކުރަމުން އަންނަކަން އިއުލާން ވެސް ކޮށްފައި ވަނިކޮށެވެ.

އޮޕޯ އިން ދައްކައިލި ޔޫއެސްސީ ފޯނުގެ ޑިސްޕްލޭ ފެންނަނީ ވަރަށް ޗާލުކޮށެވެ. ކެމެރާ ސެލްފީ ފެންނަން ނީންތާނީ ޑިސްޕްލޭ މާ ބޮޑު ކަމަށް ދައްކަ އެވެ. މި އުފެއްދުމުގެ ތަފާތަކީ ސެލްފީ ކެމެރާ ޑިސްޕްލޭގެ އަޑިއަށްލާފައި ހުރުމެވެ. އެހެންވެ އެ ފެންނާކަށް ނީންނާނެވެ. އެކަމަކު މިފދަ ފޯނު ނެރެން މަސައްކަތްކުރާ ކުންފުނިތަކުން ދޭ ޔަގީންކަމަކީ ސެލްފީގެ ކެމެރާގެ ވަރުގަދަކަމާއި އޭގެ ފޮޓޯ ކޮލިޓީ ވެސް ރަނގަޅުވާނެކަމެވެ.

އެކަމަކު މިހާރު މި ހުންނަ ގޮތަށް ޑިސްޕްލޭ އިން ކެމެރާ ފެންނަން ނެތުމަކީ ފަހަރުގައި ބައެއް މީހުންނަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. ފޯނު އުފައްދާ ކުންފުނިތަކަކީ އަބަދު ވެސް ވަރަށް އާ ކަންކަން އުފެއްދުންތަކަށް ގެންނަން މަސައްކަތްކުރާ ބަޔަކަށްވާތީ ސެލްފީ ކެމެރާ ޑިސްޕްލޭގައި ނެތުމަކީ ހަމަ ވަރަށް ރަނގަޅު ބަދަލަކަށްވެ، ފަހުން އެއަށް އާދަވެދާނެ އެވެ. އެކަމަކު މީގެ ހިތްގައިކަން އެނގޭނީ ފޯނު ބޭނުންކުރަން ލިބޭ އިރަކުންނެވެ.

އޮޕޯ އިން އެތަނުގެ ޔޫއެސްސީ ފޯނުގެ ޕްރޮޓޮޓައިޕް ދައްކައިލި ނަމަވެސް އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އެހެންވެ ފޯނު ބާޒާރަށް އަންނާނެ އިރެއް ނޭނގެ އެވެ. އޮޕޯ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނި އަދިވެސް އޮތީ މި ޓެކްނޮލޮޖީ އިތުރަށް ރަނގަޅުކޮށް، ހަރުދަނާކުރުމުގެ ރިސާޗްތަކުގެ ތެރޭގަ އެވެ. އެކަމަކު މާ ދުރު ނޫން މުސްތަގުބަލެއްގައި ޔޫއެސްސީ ފޯނު ނެރޭނެ އެވެ.