Roadha Mihaaru
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި

ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި

24 ނޮވެމްބަރ 2021

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން ތަހުގީގީ އިދާރާތަކުން ބަލާ މައްސަލަތަކުގެ ތެރެއިން މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީ 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ލިބުނު ކަމަށް ބުނާ މައްސަލައިގައި ޖޫން، 9، 2021 ގަ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަ އަހްމަދު ޝަފީއު ވިދާޅުވީ މަހްލޫފްގެ މައްޗަށް އުފުލީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފާފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލްގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އަދި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ފެތުރުނު މި ހިޔާނާތް ރާވައި ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވީ އަދީބެވެ. މި ކުށް ސާބިތުވެ ޖަލަށް ހުކުމް އިއްވާފައިވިޔަސް މިވަގުތު އޭނާ ހުންނެވީ ގޭބަންދުގަ އެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެސްގެ ސިޔާސަތެއް ގެންގުޅޭ މި ސަރުކާރުގެ ކެބިނެޓުގެ ވަޒީރެއްގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރުމާ އެކު މަހްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރި އެވެ. އެކަމަކު ދައުވާކުރުމާ މެދު ގޮތެއް ނުނިމި ޕީޖީ އޮފީހުގައި އެ މައްސަލަ ދިގުލައިގެން ދިއުމުން ރައީސް އޮފީހުން މިދިޔަ މަހު ވަނީ މަހްލޫފްގެ ސަސްޕެންޝަން އުވާލައިފަ އެވެ.

އޭނާގެ މައްޗަށް ދައުވާ މި އުފުލީ މައްސަލަ ޕީޖީ އޮފީހުގައި އޮންނަތާ ގާތްގަނޑަކަށް ފަސް މަސް ފަހުންނެވެ.

މަހްލޫފްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި، އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33،000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭސީސީން ބުނި ގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.

އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ ވޯޓަށް ފަހު އަދީބު އާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ.

ތުހުމަތުތަކުން ދިފާއުވުމަށް މަހުލޫފު ކުރިން ވިދާޅުވީ، އެ ފައިސާ ލިބުނު މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ މުއާމަލާތާ ގުޅިގެން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އޮތީ، "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ. އެކަމުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ސިޔާސީ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.