Roadha Mihaaru
ހޯރަފުށީ އެއާޕޯޓުގައި ޖެޓީ އަޅަން ހަވާލުކޮށްފި

ހޯރަފުށީ އެއާޕޯޓުގައި ޖެޓީ އަޅަން ހަވާލުކޮށްފި

05 އޯގަސްޓް 2021

ހޯރަފުށީ އެއާޕޯޓު ސަރަހައްދުގައި ޖެޓީއެއް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހޯރަފުށީ އެއާޕޯޓު ސަރަހައްދުގައި ޖެޓީއެއް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެ ކުންފުންޏާ މި މަޝްރޫއު އެވޯޑުކުރި ކަމުގެ ލިޔުން ފޮނުވާފައިވާ ކަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތެއް ހާމަ ނުކުރެ އެވެ.

ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް ނެތުމުން ކައިރި ރަށްރަށަށް ދަތުރު ކުރާ މީހުންނަަށް ދަތިވާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެހެންކަމުން ވީހާވެސް އަވަހަށް ޖެޓީ ހަދައި ދިނުމަށް އެދި އެ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުން ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

އެ އެއާޕޯޓަށް ދަތުރު ކުރާ އެހެން ރަށްރަށުގެ މީހުން ބުނާގޮތުގައި ހޯރަފުށީގެ ބަނދަރަށް ނުދެވި އެއާޕޯޓުގައި ގިނައިރު މަޑުކުރަން ޖެހެ އެވެ. މިކަމަށް އޮތް ހަމަ އެކަނި ހައްލަކީ އެއާޕޯޓުގައި ޖެޓީއެއް ހެދުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ހޯރަފުށީ އެއާޕޯޓަކީ ވެސް އެމްޓީސީސީން ތަރައްގީ ކުރި އެއާޕޯޓެކެވެ. އެ އެއާޕޯޓު ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. މި އެއާޕޯޓަކީ 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެއާޕޯޓެކެވެ.

އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.