Roadha Mihaaru
ބަންސާލީގެ "ހީރާ މަންޑީ" ގެ ބަތަލަކީ ކާތިކް؟

ބަންސާލީގެ "ހީރާ މަންޑީ" ގެ ބަތަލަކީ ކާތިކް؟

03 ފެބުރުއަރީ 2021

ޑައިރެކްޓަރު ސަންްޖޭ ލީލާ ބަންސާލީ ކުރިން ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސްދޭންް ނިންމި "ހީރާ މަންޑީ" މިހާރު ވެބް ސީރީޒަކަށް ހަދަން ނިންމާފައިވާތީ އޭގެ ބަތަލުގެ ރޯލު ކާތިކް އާރިޔަން އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ސަންްޖޭ ލީލާ ބަންސާލީ ކުރިން ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސްދޭންް ނިންމި "ހީރާ މަންޑީ" މިހާރު ވެބް ސީރީޒަކަށް ހަދަން ނިންމާފައިވާތީ އޭގެ ބަތަލުގެ ރޯލު ކާތިކް އާރިޔަން އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ މީޑިއާތަކުން ފަތުރާފައި މި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ބަންސާލީގެ އޮފީހުން ކާތިކް ނުކުތް މަންޒަރު ފެނުމާ ގުޅިގެންނެވެ. އެއާއެކު މީޑިއާތަކުން ބުނީ ބަންސާލީއާ ކާތިކް ބައްދަލުކުރީ ޕްރޮޖެކްޓަކާ ބެހޭ ގޮތުން މަޝްވަރާކުރަން ކަމަށާއީ އެއީ "ހީރާ މަންޑީ" ކަމަށެވެ.

މީގެ ކުރިން ވެސް ބަންސާލީގެ ފިލްމަކުން ކާތިކަށް ފުރުސަތު ލިބުނެވެ. އެއީ މިހާރު އާލިއާ ބަޓާ އެކު ހަދަމުން އަންނަ "ގަންގްބާއި ކަތިއަވާޅީ" އެވެ. ނަމަވެސް އެ ފިލްމުން ލިބުނު ފުރުސަތު ޒުވާން އެކްޓަރު ވަނީ ދޫކޮށްލައިފަ އެވެ.

"ހީރާ މަންޑީ" އަކީ ބަންސާލީ ޕްރޮޑިއުސްކޮށް، ވިބޫ ޕޫރީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އެއްޗެކެވެ. ކުރިން ބަންސާލީއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ވިބޫ އަކީ 2015 ގައި އަޔޫޝްމަން ކްރާނާއާ އެކު "ހަވާއީޒާދާ" ގެނެސްދިން ޑައިރެކްޓަރެވެ.

"ހީރާ މަންޑީ" އަކީ އިންޑިއާ ބައިބައިވެ، ޕާކިސްތާން އުފެދިގެން ދިޔަ ދުވަސްވަރު އެ ސަރަހައްދުގައި ހަށިވިއްކަން އުޅުނު އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ރިިޕޯޓްތައް ބުނާގޮތުން އެ ވާހަކަ ވެބް ސީރީޒެއްގެ ގޮތުގައި ބަންސާލީ ގެނެސްދޭން ނިންމާފައި ވަނީ ޑިޖިޓަލް ޕްލެޓްފޯމަކަށެވެ. އަދި މިއީ ވަރަށް ބޮޑު ބަޖެޓަކުން ހަދާނެ ވަރަށް އުންމީދީ އެއްޗަކަށް ވާނެ އެވެ.

"ހީރާ މަންޑީ" ގެ ކާސްޓަށް ނަގައިފާނެ ކަމަށް ބުނާ ބަތަލާއިންގެ ތެރޭގައި އައިޝްވާރިއާ ރާއީ އާއި މަދޫރީ ޑިކްސިޓާއި ވިދިޔާ ބާލަން އާއި ދީޕިކާ ޕަދްކޯނާއި އާލިއާ ބަޓާއި ޕަރިނީތީ ޗޯޕްޅާ އާއި މަނީޝާ ކޮއިރަލާ އާއި ސޮނާކްޝީ ސިންހާގެ އިތުރުން ހުމާ ގްރޭޝީ ހިމެނެ އެވެ.

ނަމަވެސް މި ވެބް ސީރީޒްއާ ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައެއް ބަންސާލީ އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ހީރާ މަންޑީ" ގެ މިއުޒިކް ހަދަން މިހާރު ވަނީ މިއުޒިކް ޑައިރެކްޓަރު އިސްމާއީލް ދަރުބާރާ ހަވާލުކޮށްފަ އެވެ. އޭނާ އަކީ ބަންސާލީގެ 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި 2002 ގެ "ދޭވްދާސް" ގެ މިއުޒިކް ޑައިރެކްޓަރެވެ.

ބޮލީވުޑްގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަމާކާ" އާއި "ދޯސްތާނާ 2" އާއި "ބޫލް ބުލައްޔާ 2" އަދި "ފްރެޑީ" ހިމެނެ އެވެ.