Roadha Mihaaru
ރިލްވާން މައްސަލަ ނިމޭނެ ތާރީހެއް ދޭން ގޮވާލައިފި

ރިލްވާން ގެއްލުވައިލި މައްސަލަ ބަލައި ނިމޭނެ ތާރީހެއް ދިނުމަށް ގޮވާލައިފި

08 އޯގަސްޓް 2021

ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގު އެއްކޮށް ނިމޭނެ ސީދާ ތާރީހެއް ކަނޑައެޅުމަށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން މިއަދު ގޮވާލައިފި އެވެ. ރިލްވާންގެ އާއިލާއާ ގުޅިގެން އެ އެސޯސިއޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މީގެ ހަތް އަހަރު ކުރިން، އޮގަސްޓް 8 ވަނަ ދުވަހު ރިލްވާން ވަގަށް ނަގައި ގެއްލުވާލާފައިވާއިރު، މިހާތަނަށް ވެސް އޭނާގެ އާއިލާ އަށް އިންސާފު ހޯދައިދެވިފައި ނުވާ ކަމަށެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގު އެއްކޮށް ނިމޭނެ ސީދާ ތާރީހެއް ކަނޑައެޅުމަށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން މިއަދު ގޮވާލައިފި އެވެ. ރިލްވާންގެ އާއިލާއާ ގުޅިގެން އެ އެސޯސިއޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މީގެ ހަތް އަހަރު ކުރިން، އޮގަސްޓް 8 ވަނަ ދުވަހު ރިލްވާން ވަގަށް ނަގައި ގެއްލުވާލާފައިވާއިރު، މިހާތަނަށް ވެސް އޭނާގެ އާއިލާ އަށް އިންސާފު ހޯދައިދެވިފައި ނުވާ ކަމަށެވެ.

ރިލްވާންގެ އާއިލާ އަށް އިންސާފު ހޯދައިދެއްވާނެ ކަމުގެ ވައުދުފުޅާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ވެރިކަމުގެ ފުރަތަމަ ދުވަހު އެ މަނިކުފާނު ވަނީ އެ ފަދަ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.

އެ ކޮމިޝަނުން ކުރިއަށް ގެންދާ، ރިލްވާންގެ ތަހުގީގަށް ވެސް ބަޔަކު ހުރަސް އަޅާކަމުގެ ތުހުމަތުކޮށް އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނުގައި ވަނީ އެ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

އަދި ރިލްވާން ގެއްލުވައިލި މައްސަލަ އޮއްބައިލަން އުޅުނު މީހުންނާއި ރިލްވާން ގެއްލުވައިލުމުގެ ފަހަތުގައި ތިބި މީހުން ފުރުވައިލުމަށް މަސައްކަތް ކުރި އޭރު އަދި މިހާރު ވެސް ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމަށް އެ ބަޔާނުގައި ގޮވައިލި އެވެ.

އާއިލާ އިން އެދިފައި ވަނީ ރިލްވާން ގެއްލުވައިމަށް ފަންޑު ކުރި މީހުން ވެސް ހޯދައި އެމީހުންނަށް ދައުވާކޮށްދިނުމަށެވެ.

ރިލްވާންގެ ތަހުގީގަށް ހުރަސް އެޅި ކަމުގެ ތުހުމަތު އާއިލާއިން ކުރާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިދިޔަ ހަފުތާގައި މަރު ކޮމިޝަނަށް ހާޒިރުކުރީ ތަހުގީގަށް ހުރަސް އެޅިކަމަށް ތުހުމަތުކޮށް އެކަމާ ގުޅޭ ސުވާލުކުރުމަށެވެ. އެކަމަކު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވަނީ ޔާމީން ތަހުގީގަށް ހުރަސް އަޅުއްވާފައި ނުވާ ކަމަށެވެ.

ރިލްވާން ގެއްލިފައިވަނިކޮށް، 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަކަށް ދެކުނުގެ ރަށަކަށް ވަޑައިގެން، ރިލްވާން މަރުވެފައިވާ ކަމަށް ޔާމީން ވިދާޅުވުމުން އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ރިލްވާންގެ މައްސަލައިގައި މީގެ ކުރިން ކޮމިޝަނުން ތަހުގީގު ފުރިހަމަނުކޮށް ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އޭނާ ވަގަށް ނެގުމަށް ފަހު ބޯ ކަނޑާލައި މަރާލާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ.