Roadha Mihaaru
ރިލްވާންގެ މަރު: ވަޅީގެ މައުލޫމާތަށް 500،000ރ

ރިލްވާންގެ އެޕާޓްމެންޓް ކައިރިން ފެނުނު ވަޅިއާ ބެހޭ މައުލޫމާތު ދޭ މީހަކަށް 500،000ރ. ހުށަހަޅައިފި

08 ފެބުރުއަރީ 2021

ވަގަށް ނަގައި މަރާލި ކަމަށް ބެލެވޭ ނޫސްވެރިޔާ އަހްމަދު ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއާ ބެހޭ ސައްހަ މައުލުމާތު ދިން މީހަކަށް 500،000ރ. ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވަގަށް ނަގައި މަރާލި ކަމަށް ބެލެވޭ ނޫސްވެރިޔާ އަހްމަދު ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއާ ބެހޭ ސައްހަ މައުލުމާތު ދިން މީހަކަށް 500،000ރ. ހުށަހަޅައިފި އެވެ.

މަރު ކޮމިޝަނުން މިއަދު ވަނީ ރިލްވާން ދިރިއުޅުނު އެޕާޓްމެންޓް ކައިރިން، އޭނާ ވަގަށް ނެރި ރޭ ފެނުނު ވަޅި އާއްމުކޮށްފަ އެވެ. އެއީ ޑައިވިން ސާމާނު އުފައްދާ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ސައިކޯ ޑައިވް ވަޅިއެކެވެ.

އެ ވަޅިއަކީ އޮގަސްޓް، 7، 2014 ގެ ދަންވަރު، ރިލްވާން ދިރިއުޅުނު 21 ނަމްބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުނު ވަޅިއެއް ކަމަށް ކޮމިޝަނުން ބުންޏެވެ. މި ވަޅިއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ހުރި ނަމަ އެ މައުލޫމާތެއް ކޮމިޝަނާ ހިއްސާކުރަން އެދެ އެވެ.

"ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަހުގީގު ކުރަމުންދާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްހަ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 500،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިލްވާން: މަރު ކޮމިޝަނުނުގެ ތަހުގީގަށް ބިނާކޮށް، އާއްމުވި ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ރިލްވާން ބޯ ބުރިކޮށްލައި މަރާލާފައިވާ ކަަމަށް.

ރިލްވާން: މަރު ކޮމިޝަނުނުގެ ތަހުގީގަށް ބިނާކޮށް، އާއްމުވި ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ރިލްވާން ބޯ ބުރިކޮށްލައި މަރާލާފައިވާ ކަަމަށް.

މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނުން ދެ އެވެ. ޣާޒީ ބިލްޑިންގުގައި ހުންނަ ކޮމިޝަނަށް ހާޒިރުވެގެން ނުވަތަ 7390841 އަށް ގުޅައިގެން ވެސް މައުލޫމާތު ދެވިދާނެ އެވެ.

ރިލްވާނަށް ބިރު ދައްކައި ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ކަމަށް ބެލެވޭ އެ ވަޅި ހޯދަން ތަހުގީގެއްގެ ތެރެއިން މި އާއްމުކުރީ އޭނާ ގެއްލުނުތާ ހަތް އަހަރު ފަހުންނެވެ. ކުރީގެ ސަރުކާރުގައި އެކަށީގެންވާ ގޮތެއްގައި ފުލުހުން ތަހުގީގު ނުކުރި މައްސަލަ ބަލަން މަރު ކޮމިޝަނުން ފެށީ ނޮވެމްބަރު، 2018ގަ އެވެ.

އެ ކޮމިޝަނުން ތަހުގީގުކުރާތާ ދެ އަހަރުވީ މައްސަލައިގައި އެންމެ ފަހުން ތަހުގީގު ކުރިއަށް ގެންދިޔައީ އިނގިރޭސިވިލާތުގެ އިންވެސްޓިގޭޓަރެއްގެ އެހީގަ އެވެ.

ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.

ރިލްވާން ގެއްލުވާލުމުގެ ތުހުމަތުކުރާ އާލިފް ރައޫފަކީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮ އެވެ. އޮގަސްޓު 8، 2014 ގައި ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާ އެވެ.

ސުއައިދަކީ ރިލްވާން ވަގަށް ނެގުމަށް އޭނާ އަށް ފާރަލުމުގައި އިސްކޮށް ހުރި މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. މިދިޔަ އަހަރު ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތަށް ސުއައިދު ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލީ އެވެ. އަދި އޭގެ ފަހުން ސުއައިދު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިލްވާން ވަގަށް ނެގި ރޭ ހުޅުމާލޭގައި، އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައިވެ އެވެ. އޭރު އެ ކާރުގެ ވާތް ފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފަ އެވެ. އެކަމަކު އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ދައުވާއެއް ނުކުރެ އެވެ.

ރިލްވާންގެ ތަހުގީގު ދިގުލައިގެން ގޮސްފައިވާ އިރު މިހާތަނަށް އިންސާފެއް ނުލިބުމުގެ ކަންބޮޑުވުން އާއިލާ އިން ދަނީ ފާޅުކުރަމުންނެވެ. އެކަމަކު މި ސަރުކާރުން ދޭ ޔަގީންކަމަކީ އެ މައްސަލައިގައި އާއިލާ އަށް އިންސާފު ހޯދައިދޭނެ ކަމެވެ.