Roadha Mihaaru
ހައި ކޯޓުން ވެސް ޕެސްޓް ބަންދުން ދުލެއް ނުކުރި

ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކުރީ ރަނގަޅަށް: ހައި ކޯޓު

08 އޯގަސްޓް 2021

މަސްތުވާތަކެތީގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

މަސްތުވާތަކެތީގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓާ އެކު އިތުރު ބަޔަކު ހައްޔަރުކޮށް، ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އަދި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ދައުވާ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ޖޫން މަހު އެވެ.

އެ މައްސަލަ ޕެސްޓްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން މިއަދު ކުރި ހުުކުމުގައިވަނީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރެއްގެ ހެކި ހުރުމުންނާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ. އަދި ޖިނާއީ އިޖުރައާތުގެ ގާނޫނު އޮތްގޮތުން ބަންދާ މެދު ގޮތެއް ނިންމުމުގައި ކޯޓުން ބަލަން ޖެހޭނީ އެ ކަންތައްތަކަށް ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ޕެސްޓްގެ ބަންދު މުއްދަތު އިތުރުކުރަން ދައުލަތުން އެދެނީ ޖިނާއީ އިޖުރައާތުގެ ގާނޫނުުގެ 60 ވަނަ މާއްދާގެ ކޮން އަކުރެއްގެ ދަށުން ކަން ބުނެދީފައި ނެތުމަކީ ޕެސްޓްގެ ހައްގު ގެއްލޭ ކަމެއް ކަމަށް އޭނާގެ ފަރާތުން ބުނެފައި ވިޔަސް، ގެއްލުނު ހައްގަކީ ކޮބައިކަން ބުނެ ނުދެވޭ ކަމަށެވެ. އަދި އޭނާ ބަންދު ކުރަން ދައުލަތުން ހުށަހެޅި ފޯމުގެ ނުބައި ތަނެއްގައި ތައްގަނޑު ޖަހާފައި ވިޔަސް، އެއީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށް ހައި ކޯޓުގެ އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

ޕެސްޓްގެ މައްޗަށް ކުރާ އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، 50 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.