ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަށް ރާއްޖޭގެ ކޯޗުކަމުގައި ހުރެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
11 އޯގަސްޓް 2021
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަށް ރާއްޖޭގެ ކޯޗުކަމުގައި ހުރެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
އޭޝިއާ ޒޯންގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޖޫން މަހު ކުޅުނު މެޗުތަކުގައި ކޫޕްމަންގެ ނިންމުންތަކާ މެދު ސުވާލު އުފެދިފައިވެ އެވެ. ބައެއް މެޗުތަކުގައި "އައުޓް އޮފް ޕޮޒެޝަން" ގައި ކުޅުންތެރިން ކުޅުވާފައިވާ މައްސަލަ އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ބައެއް ކުޅުންތެރިން މެޗުގައި ތަކުރާރުކޮށް ގޯސް ހެދިއިރު ވެސް ބަދަލުތައް ގެނެސްފައި ނުވާ މައްސަލަ ފާހަގަ ކުރެވެ އެވެ. ނަމަވެސް އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖޭގެ ގޭމަށް ރަނގަޅު ބަދަލުތަކެއް އައިތަން ފާހަގަކުރެވުނެވެ.
ކޫޕްމަންގެ މަގާ މެދު ސުވާލު އުފެދިފައިވާތީ އެކަމަށް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު "މިހާރު" އަށް ވިދާޅުވީ ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ކޫޕްމަންއާ ވާހަކަ ދައްކާފައި ވާނެ ކަމަށެވެ. ނަމަވެސް ކޯޗް މަގާމުން ވަކިކޮށްފައި ނުވާ ކަމަށް ޖަވާޒު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކޫޕްމަންއާ އެކު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
"ކޮލިފައިންގައި ފާހަގަ ކުރުވުނު މައްސަލަތަކާ ގުޅިގެން، ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކޯޗާ މަޝްވަރާ ކުރިން،" ޖަވާޒު ވިދާޅުވި އެވެ. "ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ. އެފަދަ ކަމެއް ނިންމިނަމަ މީޑީއާއާ ހިއްސާ ކުރާނަން."
ކޫޕްމަންގެ މަގާމާ މެދު ސުވާލު އުފެދިފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ކޯޗުކަމާ ހަވާލުވި ފަހުން މީޑިއާއާ ވާހަކަ ދެއްކި އަށް ފަހަރު، ކޫޕްމަންގެ ވާހަކަ ހުރީ އެކިގޮތަށެވެ. ޖެނުއަރީ 2020 ގައި ރާއްޖޭގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އޭނާ ބުނެފައި ވަނީ ޓާގެޓަކީ ގަތަރުގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުން ކަމަށެވެ.
"އަހަރެމެންގެ ޓާގެޓަކީ އޭޝިއަން ކަޕް އަދި ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުން،" ރާއްޖޭގެ ކޯޗްކަމާ، މިދިޔަ އަހަރުގެ ޖެނުއަރީ 26 ގައި ހަވާލުވެ ކޫޕްމަން ބުނެފައިވެ އެވެ. "އަހަރެން މިހެން (ގަތަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާ ވާހަކަ) ބުނީމަ ބައެއް މީހުން ހޭނެ. އެކަމަކު އަހަރެން ހިންޏެއް ނާދޭ."
އޭރު އޭނާއާ އެކު ހެދި ކޮންޓްރެކްޓް ހަމަވުމުން އެފްއޭއެމުން ވަނީ މި އަހަރު ފެބްރުއަރީގައި އޭނާގެ ކޮންޓްރެކްޓް ތިން އަހަރަށް އާ ކޮށްފަ އެވެ. އޭނާ އަށް ޓާގެޓެއްގެ ގޮތުގައި ދިނީ ޗައިނާގައި 2023 ގައި ބާއްވާ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. އެކަމަކު ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާ ހަމައަށް ވެސް ރާއްޖޭގެ ކޯޗުކަމުގައި އޭނާ އަށް ހުރެވޭނެ ކަމުގެ ޔަގީންކަމެއް މިހާރަކު ނެތެވެ.
މިހާތަނަށް ރާއްޖޭގެ ކޯޗު ކަމުގައި އެހެން ކޯޗަކު ނުކުރާހާ އުނދަގޫ ތަޖުރިބާ އޭނާ ކޮށްފި އެވެ. އެހެން ކޯޗަކު ނުއުފުލާ އުނދަގޫ އޭނާ އުފުލި އެވެ. ރާއްޖެއާ އެކު ފުރަތަމަ މެޗަކަށް އޭނާ އަށް ފުރުސަތު ލިބުނީ ވެސް ކޯޗްކަމާ ހަވާލުވިތާ 16 މަސް ފަހުންނެވެ. ކޮލިފައިން މެޗުތަކަށް ތައްޔާރުވާން ދެ ފަހަރެއްގެ މަތިން ވެސް މަސައްކަތް ފަށައި އޭނާ އަށް ޖެހުނީ އެކަން ހުއްޓާލާށެވެ. ތިން ވަނަ ފަހަރު މަސައްކަތް ފެށިއިރު ތައްޔާރުވާން ރާއްޖެއިން ދަނޑެއް ނުލިބުނެވެ. ޓީމުގެ ޓްރޭނިންތައް ކުރިއަށް ގެންދިޔައީ ހޮޓެލް ޖެންގެ ބޯލް ރޫމްގަ އެވެ.
ކޫޕޫމަންއާ އެކު އޭނާގެ އެސިސްޓެންޓަކަށް ހަމަޖެއްސި ހޮލެންޑްގެ ރެނޭ ހިޑިންކް ފަހުން ބަދަލު ކުރީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެފްއޭއެމުން ވަނީ 23 އަހަރުން ދަށުގެ ޓީމަށް ތަޖުރިބާކާރު ކޯޗް އަލީ ސުޒޭން އިއްޔެ ހަމަޖައްސައިފަ އެވެ. ސުޒޭން މީގެ ކުރިން މަސައްކަތް ކުރީ ސީނިއާ ޓީމުގެ އެސިސްޓެންޓު ކޯޗަކަށެވެ.
ކޫޕްމަން ވަކިކުރީ ގޯސްކޮށް، ބަދަލުދޭން އަންގައިފި
އެފްއޭއެމްގެ މައްސަލަ ކޫޕްމަން ފީފާއަށް ހުށަހަޅައިފި
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އިލާން އާއި އަޔާން އަށް އަނިޔާވެ ކޮލިފައިން ނިމިއްޖެ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް