Roadha Mihaaru
ކޫޕްމަން ވަކިކުރީ ގޯސްކޮށް، ބަދަލުދޭން އަންގައިފި

ރާއްޖޭގެ ކޯޗުކަމުން ކޫޕްމަން ވަކިކުރީ ގޯސްކޮށް، ބަދަލުދޭން ފީފާއިން އަންގައިފި

06 ޖޫން 2022

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، މާޓިން ކޫޕްމަން މަގާމުން ވަކިކުރީ އުސޫލާ ހިލާފަށް ކަމަށާއި އެހެންވެ އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލުދޭން، ފީފާގެ ފުޓްބޯލް ޓްރިބިުއުނަލްއިން، އެފްއޭއެމް އަށް އަންގައިފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، މާޓިން ކޫޕްމަން މަގާމުން ވަކިކުރީ އުސޫލާ ހިލާފަށް ކަމަށާއި އެހެންވެ އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލުދޭން، ފީފާގެ ފުޓްބޯލް ޓްރިބިުއުނަލްއިން، އެފްއޭއެމް އަށް އަންގައިފި އެވެ.

ރާއްޖޭގެ ކޯޗު ކަމުން ކޫޕްމަން ވަކި ކުރީ މިދިޔަ އަހަރު އޯގަސްޓް މަހު އެވެ. އެއީ އޭނާ އާއެކު ތިން އަހަރު ދުވަހަށް ކޮންޓްރެކްޓް އާ ކުރިތާ ހަ މަސް ފަހުންނެވެ.

ރާއްޖޭގެ ކޯޗުކަމުން އޭނާ ވަކިކުރުމުން، ގެއްލުމުގެ ބަދަލު ހޯދައިދޭން ކޫޕްމަންގެ ފަރާތުން ފީފާ ޓްރިބިއުނަލް އަށް ހުށަހެޅި މައްސަލައިން ދިފާއުވުމުގެ ފުރުސަތު އެފްއޭއެމް އަށް ދިނެވެ.

ކޫޕްމަންގެ ފަރާތުން ވަކާލާތު ކުރި "ބްލޭޒާ މިލްސް" ލޯ ފާމުން ބުނީ އެފްއޭއެމުން، ކޫޕްމަން ކޯޗުކަމުން ވަކި ކުރީ، އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ނެރުނު ނަތީޖާތަކާމެދު ހިތްހަމަނުޖެހޭކަން ހާމަކުރުމަށްފަހު ކަމަށް އެފްއޭއެމުން ބުނާ ކަމަށެވެ. އެއަށް ރައްދު ދިނުމުގެ ގޮތުން ކޫޕްމަންގެ ގާނޫނީ ޓީމުން ބުނެފައި ވަނީ، އޭނާގެ ކޯޗުކަމުގެ ދަށުން ނެރުނު ނަތީޖާތަކަށް އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް، ކޫޕްމަން އާއި ގައުމީ ޓީމަށް މަރުހަބާ ވިދާޅުވި ކަމަށެވެ.

އޭނާގެ އާއެކު ހެދި ވަޒީފާގެ އެއްބަސްވުމުގައި ބުނާ އެކިއެކި ވާޖިބުތަކާ އެއްގޮތަށް އޭނާ ހުށަހަޅަން ޖެހޭ ރިޕޯޓަކީ ފެންވަރު ދަށް ރިޕޯޓެއް ކަމަށް ވެސް އެފްއޭއެމުން ހުށަހަޅައިފައިވާ ކަމަށް ވެސް އެލޯފާމުން ބުނެ އެވެ. އެރިޕޯޓްތައް ހުށަހަޅަން ފީފާ ޓްރިބިއުނަލްއިން އެދުނު ނަމަވެސް އެރިޕޯޓްތައް އެފްއޭއެމް އަކަށް ހުށަނޭޅުނެވެ. ރިޕޯޓްތަކާ ގުޅޭގޮތުން ކޫޕްމަންގެ ކިބައިން އިތުރު މަޢުލޫމާތެއް ހޯދުމަށް އެދިފައިވާނެތޯ އަދި އެކަން އޭނާގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެވިފައިވާކަން ވެސް އެފްއޭއެމް އަށް ސާބިތު ކޮށްނުދެވުނެވެ.

ކޫޕްމަން ގައުމީ ޓީމުގެ ޕްރެކްޓިހުގައި: އޭނާގެ ކޯޗު ކަމުގެ ދަށުްނރާއްޖެއިން ކުޅުނީ ތިން މެޗު --- ފައިލް ފޮޓޯ: އެފްއޭއެމް

ކޫޕްމަން ގައުމީ ޓީމުގެ ޕްރެކްޓިހުގައި: އޭނާގެ ކޯޗު ކަމުގެ ދަށުްނރާއްޖެއިން ކުޅުނީ ތިން މެޗު --- ފައިލް ފޮޓޯ: އެފްއޭއެމް

ކޫޕްމަންގެ މަސައްކަތާ މެދު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ވަނީ އޭރު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ރާއްޖޭގެ ކޯޗުކަމުގައި 18 މަސް ހޭދަކުރިނަމަވެސް އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ކުޅުނީ ތިން މެޗެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށެވެ. އޭނާ ވަނީ ފިލިޕީންސް އަތުން ޕޮއިންޓެއް ހޯދާފަ އެވެ. އެ މެޗުތަކަށް ގައުމީ ޓީމާއެކު އޭނާ ދިޔައީ ޕްރެކްޓިސް ކުރާނެ ދަނޑެއް ރާއްޖެއިން ނުލިބި، ހޮޓެލް ޖެންގެ ބޯލް ރޫމުގައި ޓްރޭނިން ހެދުމަށް ފަހު އެވެ.

އުސޫލާ ހިލާފަށް އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށް ފީފާއިގެ ޓްރިބިއުނަލްއިން އެފްއޭއެމް އަށް ވަނީ އަންގައިފަ އެވެ. އެގޮތުން އޭރު ކޫޕްމަން އާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް ޖެނުއަރީ 2024 އާ ހަމައަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ އަދަދު ދިނުމަށް ވަނީ އަންގައިފަ އެވެ. އަދި އެފައިސާ 45 ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، ފީފާގެ ޑިވޮލޮޕްމެންޓްގެ ބަޖެޓުން އެފްއޭއެމް އަށް ދޫކުރާ ފައިސާގެ ތެރެއިން އެއަށްވާ އަދަދު އުނިކުރާނެ ކަމަށް ވެސް ފީފާގެ ޓްރިބިއުނަލްއިން ބުނެފައި އެވެ.

ކޫޕްމަން އާއި ބައްސާމް އަދި ރެނޭ ހިޑިންކް: މި ދެކޯޗުންގެ ކޮންޓްރެކްޓް ބާތިލުކުރީ ވެސް ގަވާއިދާ ހިލާފަށްކަމަށް ފީފާގެ ޓްރިބިއުނަލްއިން ވަނީ ނިންމާފަ --- ފައިލް ފޮޓޯ: މިހާރު

ކޫޕްމަން އާއި ބައްސާމް އަދި ރެނޭ ހިޑިންކް: މި ދެކޯޗުންގެ ކޮންޓްރެކްޓް ބާތިލުކުރީ ވެސް ގަވާއިދާ ހިލާފަށްކަމަށް ފީފާގެ ޓްރިބިއުނަލްއިން ވަނީ ނިންމާފަ --- ފައިލް ފޮޓޯ: މިހާރު

މިއީ ފީފާގެ ޓްރިބިއުނަލްގައި އެފްއޭއެމް ނާކާމިޔާބު ވި ދެވަނަ ފަހަރެވެ. ކޫޕްމަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރި ރެނޭ ހިޑިންކްގެ ކޮންޓްރެކްޓް ވެސް ގަވައިދާ ހިލާފަށް ބާތިލުކޮށްފައި ވުމުން އޭނާ އަށް ވެސް ބަދަލުގެ ގޮތުގައި 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރިބިއުނަލްއިން އެފްއޭއެމް އެންގި އެވެ.

ކޫޕްމަން އަށް ޓާގެޓެއްގެ ގޮތުގައި އޭރު ދީފައި ވަނީ އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައި ވުމެވެ. އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން، ގައުމީ ޓީމުގެ އިންޓަރިމް ކޯޗުގެ ގޮތުގައި މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ކޯޗުކޮށް ދިނީ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން އެވެ. އަދި މިދިޔަ އަހަރު އޮކްޓޯބަރު މަހު މިހާރުގެ ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އާ ރާއްޖޭގެ ކޯޗުކަން ހަވާލު ކުރި އެވެ. މޮރިއޭރޯގެ ކޯޗު ކަމުގެ ދަށުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ.

ރާއްޖެ އާއި ތައިލެންޑް ހިމެނޭ ގުރޫޕްގައި ދެން ހިމެނެނީ އުޒްބެކިސްތާން އަދި ސްރީ ލަންކާ އެވެ. ސެންޓްރަލައިޒް އުސޫލުން މި ގުރޫޕްގެ ކޮލިފައިން ކުރިއަށްދާނީ އުޒްބެކިސްތާންގަ އެވެ. ރާއްޖޭގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެެވެ. އަދި ފަހު މެޗުގައި މިމަހުގެ 14 ވަނަ ދުވަހު ލަންކާ އާ ދެކޮޅަށް ކުޅޭނެ އެވެ.