Roadha Mihaaru
ކައުންސިލްގެ ނިންމުން ބަދަލުކޮށް ބާ ވެހިކަލްތައް ނަގަނީ

ސިޓީ ކައުންސިލްގެ ނިންމުން ބަދަލުކޮށް ބާ ވެހިކަލްތައް އަލުން ނަގަނީ

11 އޯގަސްޓް 2021

މާލޭގެ މަގުމައްޗަށް އުކާލާފައިވާ ވެހިކަލްތައް ނެގުން މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ ލިބުނު ޝަކުވާއަކާ ގުޅިގެން އެ މަސައްކަތް މެދުކަނޑާލާފައި އޮތުމަށް ފަހު، އަންނަ ހަފުތާ ބަންދުގައި އަލުން އެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް، އެކި އަވަށްތަކަށް ބަހާލައިގެން މިހާރު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މައްޗަންގޮޅީ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަސައްކަތް އަލުން ފަށަނީ އާ އުސޫލެއް ހަދައި އިންސާފުވެރި ކަމާ އެކު ކަމަށެވެ.

މި މަސައްކަތް މެދުކަނޑާލައިފައި ވަނީ މާލޭގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދަން ގަލޮޅުގެ ރައްޔިތުންނާ އެކު ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އާންމުންގެ މީހަކު ކުރި ޝަކުވާއަކާ ގުޅިގެންނެވެ.

ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް، އެކި އަވަށްތަކަށް ބަހާލައިގެން މިހާރު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ މައްޗަންގޯޅީ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ޝަކުވާ ހުށަހެޅި މީހާ ބުނެފައި ވަނީ ކޮވިޑްގެ ސަބަބުން ދިރިއުޅުމަށް ދިމާވެފައި ދަތިތަކާ އެކު، އާންމުން އެކި ތަންތަނުގައި ތާށިވެފައި ތިބިއިރު، އެ މީހުން ދުއްވަމުން އައި ވެހިކަލްތައް މާލޭގެ މަގުތަކުގައި ހުންނާނެތީ، އެއީ ބޭނުންނުކޮށް ދޫކޮށްލާފައިވާ ތަކެތި ކަމަށް ބެލުން އެއީ މައްސަލައެއް ކަމަށެވެ. އެހެންވެ، ސިޓީ ކައުންސިލުން ކުރަނީ ކިތަންމެ ރަނގަޅު މަސައްކަތަކަށް ވިޔަސް، މި ދުވަސްވަރުގެ ގޮތުން އެގޮތަށް ވެހިކަލްތައް ނެގުން އިންސާފުވެރި ނޫން ކަމަށް އެ މީހާ ބުންޏެވެ.

"މިފަހަރު ނަގާނީ ނުދުއްވާނެ ކަން ޔަގީންވެ، ބާވެފައި ހުރި، ދޫކޮށްލައިފައި ހުރި ވެހިކަލްތައް،" މުއިއްޒު ޔަގީންކޮށްދެއްވި އެވެ.

މާލޭގެ މަގުތަކަށް އުކާލާފައިވާ، ބާވެ، ގިނަ ދުވަހު ނުދުއްވާ ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މި މަހުގެ 2 ވަނަ ދުވަހު އެވެ. މި ވެހިކަލްތައް ނަގަން ނިންމީ، މާލެ އަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރަމަށް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުންނެވެ.