Roadha Mihaaru
އައިޖީއެމްއެޗުގެ އާ ހިދުމަތްތައް ތައާރަފުކޮށްފި

އައިޖީއެމްއެޗްގެ އާ ހިދުމަތްތައް ރައީސް އިފުތިތާހު ކޮށްދެއްވައިފި

27 ނޮވެމްބަރ 2016

އައިޖީއެމްއެޗްގައި އަލަށް ތައާރަފުކުރި ހިދުމަތްތައް ރައީސް އަބްދުﷲ ޔާމީން މިރޭ އިފުތިތާހު ކޮށްދެއްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އައިޖީއެމްއެޗްގައި އަލަށް ތައާރަފުކުރި ހިދުމަތްތައް ރައީސް އަބްދުﷲ ޔާމީން މިރޭ އިފުތިތާހު ކޮށްދެއްވައިފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޔާމީން އިފުތިތާހު ކޮށްދެއްވީ، ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި އަލަށް ގާއިމް ކުރި ސެންޓަރާއި އާ އޮޕަރޭޝަން ތިއޭޓަ ކޮމްޕްލެކްސް އާއި ޒަމާނީ ފެންވަރުގެ އައިސީޔޫއެއް އަދި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ހާއްސަ ސެންޓަރުގެ ހިދުމަތެވެ.

މި ހިދުމަތްތަކުގެ އިތުރުން އައިޖީއެމްއެޗްގެ އާ ލޯގޯ ވެސް ރައީސް ޔާމީން މިރޭ އިފުތިތާހު ކޮށްދެއްވި އެވެ. އެކަމަކު އެ ލޯގޯ ބޭނުންކުރަން ފަށާނީ އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތް ނިމޭއިރު، އެ އިމާރާތުގައި ހިދުމަތް ދޭން ބޭނުންވާ ހުރިހާ ވަސީލަތެއް ލިބޭނެ ކަމަށެވެ.

އައިޖީއެމްއެޗްގައި އާ ހިދުމަތްތައް އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އައިޖީއެމްއެޗްގައި އާ ހިދުމަތްތައް އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ޕަލްމޮނަރީ-ރެސްޕިރޭޓަރީ ޑިޕާޓްމަންޓާއި ކިޑްނީ ޓްރާންސްޕްލާންޓުގެ ހިދުމަތް އައިޖީއެމްއެޗްގައި އަންނަ އަހަރު ފަށާނެ އެވެ. އަދި މިފަދަ ހިދުމަތްތައް ތައާރަފުކުރާއިރު، ހިދުމަތްތައް ރަނގޅު ފެންވަރެއްގައި ދިނުމަށްޓަކައި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިފަދަ ދާއިރާތަކަށް ބޭނުންވާ ފަންނީ މީހުން ތަމްރީން ކުރުމަށް މި ސަރުކާރުން އިސްކަންދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެން، "ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު"ގެ ނަމުގައި ގާއިމުކޮށްފައިވާ ސެންޓަރު މިރޭ ރަސްމީކޮށް ހުޅުވި ނަމަވެސް، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަނީ ހިދުމަތް ދެމުންނެވެ.

ރާއްޖޭގައި މުޅިން އަލަށް ފަރުވާ ދޭން ފެށި، ދަރިމައިވުމުގެ ސިއްހަތާއި ކިޑްނީ ބަލިތަކުގެ އާ ފަރުވާތަކާއެކު ގާއިމު ކުރި މި ސެންޓަރަށް އެންޔޫ ހޮސްޕިޓަލުން ހަ މިލިޔަން ރުފިޔާ އަދި ސަރުކާރުން 2.5 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.

އައިޖީއެމްއެޗްގެ އާ ހިދުމަތްތައް އިފުތިތާހު ކޮށްދެއްވުމަށް ރައީސް ޔާމީން މިރޭ ވަޑައިގަތުމުން، އެ ހޮސްޕިޓަލްގެ ސީއީއޯ ފަރުހަތު ޝަހީރު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އައިޖީއެމްއެޗްގެ އާ ހިދުމަތްތައް އިފުތިތާހު ކޮށްދެއްވުމަށް ރައީސް ޔާމީން މިރޭ ވަޑައިގަތުމުން، އެ ހޮސްޕިޓަލްގެ ސީއީއޯ ފަރުހަތު ޝަހީރު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ދަރިމައިވުމުގެ ސިއްހަތަށް މިތަނުގައި ފަރުވާ ދިން ނަމަވެސް އެއަށް އާސަންދައެއް ނުލިބެ އެވެ. އެކަމަކު ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް އާސަންދަ ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވެފައި ވަނީ، އެ ސެންޓަރުން ދޭ ގިނަ ހިދުމަތްތައް ކުރިން އެ ހޮސްޕިޓަލުން ނުލިބޭތީ، ގިނަ މީހުން ދާން ޖެހެނީ ރާއްޖޭން ބޭރަށް ކަމަށާއި އެކަމަކު މިހާރު ރަނގަޅު ވަސީލަތްތަކަކާ އެކު، ވަކި ސެންޓަރެއް ގާއިމްކުރުމުން އޭގެ ފަސޭހަ ގިނަ ބަޔަކަށް ލިބޭނެ ކަމަށެވެ.

މި ސެންޓަރުގައި ފަރުވާ ދެނީ ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ.

އައިޖީއެމްއެޗްގައި ތައާރަފުކުރި ބައެއް އާ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ރައީސް ޔާމީނަށް މިރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

އައިޖީއެމްއެޗްގައި ތައާރަފުކުރި ބައެއް އާ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ރައީސް ޔާމީނަށް މިރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

މައުސޫމް ވިދާޅުވި ގޮތުގައި ކިޑްނީގެ ބަލިތަކަށް ވެސް ކުރިން ނުދޭ ގިނަ ފަރުވާ ތަކެއް މިހާރު ލިބޭނެ އެވެ. އައިޖީއެމްއެޗުން ބުނީ އެ ސެންޓަރު ގާއިމް ކުރީ ހަމައެކަނި ޑޮކްޓަރަށް ދެއްކުމަށް ނޫން ކަމަށާއި ބަލިމީހާ އަށް އިތުރަށް ފަރުވާ ބޭނުންވާ ނަމަ އޭގެ ހުރިހާ މައުލޫމާތަކާއި ހަދާނެ ގޮތް ވެސް ކިޔައިދޭނެ ކަމަށެވެ.

"ބަލިމީހާ މިތަނަށް އައިމަ އޭނާ އަށް ދިމާވެފައިވާ މައްސަލަ އެންމެ ފުރަތަމަ ބަލާނީ މެޑިކަލް އޮފިސަރެއް. ސުޕަސްޕެޝަލިސްޓް ޑޮކްޓަރަށް، ބަލީގެ ހުރިހާ ތަފްސީލާއި އޭގެ މައުލޫމާތު ދޭނީ އެ މެޑިކަލް އޮފިސަރު. ހުރިހާ ކަމެއް ވެސް މިތަނުގައި ކުރިއަށް ގެންދާނީ ވަރަށް ޕްލޭންކޮށްގެން،" މައުސޫމް ވިދާޅުވި އެވެ.