Roadha Mihaaru
އެލައިޑް: ސަރަހައްދީ ބިޔަ އިންޝުއަރެންސް ކުންފުންޏަށް

އެލައިޑުގެ ތިން އަހަރުގެ ކާމިޔާބީ: ސަރަހައްދުގެ އެންމެ ވަރުގަދަ އިންޝުއަރެންސް ކުންފުންޏަކަށް

28 ނޮވެމްބަރ 2016

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެލައިޑް އިންޝުއަރެންސް ކުންފުނީގެ ވިޔަފާރި ވަަރަށް ބޮޑަށް ފުޅާވެގެން ގޮސް، އިންޑިއާ ކަނޑުގެ ހުރިހާ ގައުމެއްގެ އިންޝުއަރެންސް ކުންފުނިތަކަށް ވުރެ ވެސް ވަރުގަދަ ބްރޭންޑަކަށް ވެފައިވާ ކަމަށް އެލައިޑުން މިރޭ ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެލައިޑް އިންޝުއަރެންސް ކުންފުނީގެ ވިޔަފާރި ވަަރަށް ބޮޑަށް ފުޅާވެގެން ގޮސް، އިންޑިއާ ކަނޑުގެ ހުރިހާ ގައުމެއްގެ އިންޝުއަރެންސް ކުންފުނިތަކަށް ވުރެ ވެސް ވަރުގަދަ ބްރޭންޑަކަށް ވެފައިވާ ކަމަށް އެލައިޑުން މިރޭ ބުނެފި އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެލައިޑުން ބޭއްވި ހަފުލާއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ދެއްވި ޕްރެޒެންޓޭޝަނެއްގައި ވިދާޅުވި ގޮތުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ ވަނީ 70 މިލިއަން ޑޮލަރުން 120 މިލިއަން ޑޮލަރަށް އަރައިފަ އެވެ. އެ ވަރުގެ ބޮޑު ކެޕޭސިޓީއެއް އޮތް އެހެން ކުންފުންޏެއް މި ސަރަހައްދުގައި ވެސް ނެތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރިއިންޝުއަރެންސް ކުންފުނިތަކުން އެލައިޑާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ވިޔަފާރި ކުރިއެރުމުގެ ސަބަބުން އަޅުގަނޑުމެންގެ ރިއިންޝުއަރެންސް ކުންފުނިތަކުން ދީފައިވާ ކެޕޭސިޓީ. އެނގިވަޑައިގަންނަވާނެ، އިންޝުއަރެންސް ކުންފުންޏެއްގެ އެންމެ މުހިއްމު އެއްޗަކީ އެ ކުންފުންޏެއްގެ ކެޕޭސިޓީ،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި އަމީލް ވިދާޅުވި އެވެ.

"ކުރިން ވާ ގޮތަކީ އަޅުގަނޑުމެން ފެނުނީމަ އެއްވެސް ބައެއް ނޫން، ވަރަށް ކުޑަ ބައެއްގެ ގޮތުގައި ބަލަނީ. އެހެން ނަމަވެސް، މިހާރު ސްޓްރޯންގް ބޭސްއެއްގައި ވަނީ. އެލައިޑް އިންޝުއަރެންސް ސްޓްރޯންގް ވަނީ ގައުމު ހިންގެވުމަށް ސްޓްރޯންގް ލީޑަރެއް ހުރީމަ."

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެލައިޑުން މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީލް (ކ) އާއި އިކޮނޮމިކް މިނިސްޓަރު ސައީދު (ވ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެލައިޑުން މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީލް (ކ) އާއި އިކޮނޮމިކް މިނިސްޓަރު ސައީދު (ވ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ތިން އަހަރުގެ ތެރޭގައި އެލައިޑުން ގިނަ އާ ހިދުމަތްތަކެއް ތައާރަފްކޮށްފައިވާކަން އަމީލް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ، ބޭންކު ގެރެންޓީގެ ބަދަލުގައި ބޮންޑެއް ދޫކުރާ ބޮންޑް އިންޝުއަރެންސާއި ރާއްޖޭގެ އެންމެ ފުޅާ ހެލްތު އިންޝުއަރެންސް ޕެކޭޖު ކަމަށްވާ ސިލެކްޓް ގޯލްޑާއި ރާއްޖެ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިންބައުންޑް ޓްރެވަލް އިންޝުއަރެންސުގެ އިތުރުން، 2014 ގައި ތައާރަފް ކުރި އެލައިޑުގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް އެވެ.

އަޔާދީ ތަކާފުލް އިން ވަނީ، އަމީލް ވިދާޅުވި ގޮތުގައި، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ހައްޖު އަދި އުމްރާ ތަކާފުލް ޕެކޭޖުތައް ތައާރަފްކޮށްފައި ވާއިރު، އެ ޕެކޭޖުތައް ބައިނަލްއަގުވާމީ އިންޝުއަރެންސް ބާޒާރުގައި ވެސް މިހާރު ވިއްކަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ބިދޭސީންނަށް ހާއްސަ އެކްސްޕެޓްރިއޭޓް އިންޝުއަރެންސް މިހާތަނަށް 96،413 މީހަކު ނަގާފައިވާ ކަމަށް އަމީލް ވިދާޅުވި އެވެ.

އާ ހިދުމަތްތަކާ އެކު، ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުންޏަށް މިދިޔަ ތިން އަހަރު ލިބުނު އާމްދަނީ ވެސް ވަނީ، އޭނާ ވިދާޅުވި ގޮތުގައި، އޭގެ ކުރީ ތިން އަހަރާ އަޅާބަލާއިރު 69 ޕަސެންޓް އިތުރުވެފަ އެވެ. އަދި އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 26 ޕަސެންޓުން މިހާރު އަހަރަކު އެވްރެޖުކޮށް ގާތްގަނޑަކަށް 30 ޕަސެންޓަށް އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑު މި ދައްކާ ވާހަކަ. ވިޝަނަރީ ލީޑަރެއް އައިސްގެން ސަޕޯޓް ދެއްވީމަ އަޅުގަނޑުމެންގެ އިކޮނޮމީ، އަޅުގަނޑުމެންގެ ކޮމްޕެނީ ޑިވެލޮޕްވެގެން މި ދަނީ،" އަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ވަނީ ހާއްސަ ކޭކެއް ވެސް ފަޅައިފަ އެވެ. އެ ކޭކު ފަޅައިދެއްވީ އެލައިޑުގެ ޗެއާމަން މުހައްމަދު ރަޝީދު (ހިޔަލީ) އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީލްގެ އިތުރުން، އެލައިޑުގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރާއި މިރޭގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން އެލައިޑުން މިރޭ ބޭއްވި ހަފުލާގައި ކޭކެއް ފަޅަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން އެލައިޑުން މިރޭ ބޭއްވި ހަފުލާގައި ކޭކެއް ފަޅަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން، ރައީސް ޔާމީންގެ ސަރުކާރާ ގުޅޭ ގޮތުން ހަދާފައިވާ ވީޑިއޯ ޕްރޮފައިލެއް ވެސް ދެއްކި އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ މި މަހުގެ 17 އަށް ތިން އަހަރު ފުރިފައި ވާއިރު، 10 ދުވަހުގެ މުއްދަތަކަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، މާދަމާ ރޭ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. އަދި ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކުން ކޮށްފައިވާ ކަންކަން ހިއްސާކުރުމުގެ އިތުރަށް، ސަރުކާރުގެ ކުންފުނިތަކުން ވެސް އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.