Roadha Mihaaru
ލޯޑް އޮފް ދަ ރިންގްސް ސީރީޒް ނިއުޒިލެންޑުން ޔޫކޭއަށް

"ލޯޑް އޮފް ދަ ރިންގްސް" ސީރީޒްގެ ޝޫޓިން ނިއުޒިލެންޑުން އިނގިރޭސިވިލާތަށް

14 އޯގަސްޓް 2021

އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ އެމެޒޯން ޕްރައިމް ވީޑިއޯގެ "ލޯޑް އޮފް ދަ ރިންގްސް" ސީރީޒްގެ ފުރަތަމަ ސިީޒަންގެ ޝޫޓިން ނިއު ޒީލެންޑްގައި ނަގައި ފުރިހަމަކުރުމަށް ފަހު، ކުރިއަށް ހުރި ބައިތައް އިނގިރޭސިވިލާތުގައި ޝޫޓްކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ އެމެޒޯން ޕްރައިމް ވީޑިއޯގެ "ލޯޑް އޮފް ދަ ރިންގްސް" ސީރީޒްގެ ފުރަތަމަ ސިީޒަންގެ ޝޫޓިން ނިއު ޒީލެންޑްގައި ނަގައި ފުރިހަމަކުރުމަށް ފަހު، ކުރިއަށް ހުރި ބައިތައް އިނގިރޭސިވިލާތުގައި ޝޫޓްކުރާ ގޮތަށް ނިންމައިފި އެވެ.

މި ނިންމުމާ ގުޅިގެން އިނގިރޭސި ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވެ އެވެ، އެ ގައުމުގެ ކަލްޗަ ސެކްރެޓަރީ އޮލިވާ ޑޯޑެން ވިދާޅުވި ގޮތުގައި "ލޯޑް އޮފް ދަ ރިންގްސް" ކަހަލަ ބޮޑު ޕްރޮޖެކްޓެއްގެ އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިއުމަކީ އެތައް ބަޔަކަށް އާ ދޮރުތަކެއް ހުޅުވި، ގައުމުގެ އި އިގުތިސާދަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމެކެވެ.

"ހަމަ ޔަގީނުން ހައި ކޮލިޓީ ވަޒީފާތަކެއް މި ޕްރޮޖެކްގެ ސަބަބުން އުފެދޭނެ. ސަރުކާރުން މިކަމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެ،" އޮލިވާ ވިދާޅުވި އެވެ.

ލިޔުންތެރިޔާ އާރްއާރް ޓޯކީންސްގެ ވާހަކަ "ދަ ހޮބިޓް އެންޑް ދަ ލޯޑް ދަ ރިންގްސް" އަށް ބިނާކޮށް ޑައިރެކްޓަރު ޕީޓަ ގެނެސްދިން ފިލްމުތަކުން ދައްކުވައި ދން ހާދިސާތަކުގެ އެތައް ހާސް އަހަރެއް ކުރިން ހިނގާ ކަންތައްތަކެއް ދައްކުވައިދޭ އެމެޒޯންގެ ސީރީޒްގެ ފުރަތަމަ ސީޒަން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެނެސްދޭނެކަން ދާދި ފަހުން އިއުލާންކޮށްފައިވެ އެވެ.

"ލޯޑް އޮފް ދަ ރިންގްސް" ގެ ސީރިޒަކީ ފަސް ސީޒަނަކަށް، ބިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ އެއްޗެކެވެ. އެމެޒޯން އިން ފުރަތަމަ ސީޒަންގެ ރައިޓްސް ގަތީ 250 މިލިއަން ޑޮލަރަށެވެ. ފުރަަތަމަ ސީޒަންގެ ޝޫޓިން ނިއު ޒީލެންޑްގައި ނިންމައިލި އިރު އެއަށް 465 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

ސީރީޒްގެ ކުރިއަށް ހުރި ސީޒަންތައް އިނގިރޭސިވިލާތުގައި ކުރިއަށް ގެންދަން ނިންމުމުން ނިއު ޒީލެންޑުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގައުމުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ސްޓުއާޓް ނާޝް ވިދާޅުވީ އެ ނިންމުމާ މެދު ވަރަށް މާޔޫސްވެއްޖެ ކަމަށެވެ.

"މި ތަނަކީ އަބަދު ވެސް ވާދަވެރިކޮށް އަދި އެހާމެ ހުޅުވިފައި އޮތް މާހައުލެއްގައި މަސައްކަތްކުރެވެން އޮތް ތަނެއް،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ދެން މައްސަލައެއް ނެތް. އުފާކުރަން ސީރީޒްގެ ފުރަތަމަ ސީޒަންގެ މަސައްކަތް ނިއު ޒީލެންޑްގައި ކުރީތީ."

އެ ގައުމަކީ "ލޯޑް އޮފް ދަ ރިންގްސް" އާއި "ދަ ހޮބިޓް" ޓްރިލޮޖީ ވެސް ޝޫޓްކުރި ގައުމެވެ. "އަވަޓާ" ގެނެސްދިން ޑައިރެކްޓަރު ޖޭމްސް ކެމެރޮން ހަދާ އެ ފިލްމުގެ ސީކްއެލްތަކުގެ މަސައްކަތުގެ ވަރަށް ބޮޑު ބައި ވެސް ޝޫޓްކޮށްފައި ވަނީ ނިއު ޒީލެންޑްގަ އެވެ.

"ލޯޑް އޮފް ރިންގްސް" ސީރީޒްގެ ފުރަތަމަ އަށް އެޕިސޯޑްގެ ތެރެއިން ފުރަތަމަ ދެ އެޕިސޯޑް ޑައިރެކްޓްކޮށްފައި ވަނީ 2012 ގެ "ދި އިމްޕޮސިބަލް" އާއި 2018 ގެ "ޖުރަސިކް ވޯލްޑް" ފޯލެން ކިންގް" ގެ ޑައިރެކްޓަރު ޖޭއޭ ބަޔޯނާ އެވެ. ފުރަތަމަ އެ އެޕިސޯޑާ ވިދިގެން ދެން އަންނަ ހަތަރު އެޕިސޯޑްގެ ޑައިރެކްޓަރަކީ "ޑޮކްޓަ ހޫ" ގެނެސްދިން ވޭން ޔިޕް އެވެ. "ލޯޑް އޮފް ދަ ރިންގްސް" ގެ ފުރަތަމަ ސީޒަންގެ ފަހު ދެ އެޕިސޯޑްގެ ޑައިރެކްޓަރަކީ "ދަ ވިޗާ" ގެ އެޕިސޯޑްތަކެއް ޑައިރެކްޓްކުރި ޝާލޮޓް ބްރޭންސްޓްރޮމް އެވެ.

ފުރަތަމަ ސީޒަން ޕްރީމިއާކުރާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 2 ގަ އެވެ.