Roadha Mihaaru
ޓެނިސް ތަރި އޮސާކާއަށް މުބާރާތުން ދޭ ފައިސާ ހެއިޓީއަށް

ޓެނިސް ތަރި އޮސާކާއަށް މުބާރާތަކުން ލިބޭ ހުރިހާ ފައިސާއެއް ހެއިޓީއަށް

16 އޯގަސްޓް 2021

ބާރު ގަދަ ބިންހެލުމެއް އައިސް ހޮނިހިރު ދުވަހު ހެއިޓީ އަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، ޖަޕާނުގެ މަޝްހޫރު ޓެނިސް ތަރި ނައޯމީ އޮސާކާ އޭނާ މިހާރު ކުޅެން ތައްޔާރުވަމުން އަންނަ މުބާރާތުން ލިބޭ ހުރިހާ ފައިސާއެއް ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބާރު ގަދަ ބިންހެލުމެއް އައިސް ހޮނިހިރު ދުވަހު ހެއިޓީ އަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، ޖަޕާނުގެ މަޝްހޫރު ޓެނިސް ތަރި ނައޯމީ އޮސާކާ އޭނާ މިހާރު ކުޅެން ތައްޔާރުވަމުން އަންނަ މުބާރާތުން ލިބޭ ހުރިހާ ފައިސާއެއް ދޭން ނިންމައިފި އެވެ.

އޭނާ ބުނި ގޮތުގައި ބިންހެލުމުގައި ލިބުނު ގެއްލުން އާރާސްތުކުރަން ކުރާ މަސައްކަތްތަކަށް އެހީގެ ގޮތުގައި ދޭނީ އަންނަ ހަފުތާގައި ފަށާ ވެސްޓަން އެންޑް ސަދަން އޯޕެން އިން ލިބޭ ފައިސާ އެވެ. އެކަމަކު އެއީ ކިހާ ވަރެއް ކަމެއް ހާމައެއްނުކުރެ އެވެ. މިހާރު އެންމެ ވިދާ އަދި ޓެނިހުގެ ދުނިޔޭގެ އަންހެން ރޭންކިންގެ ދެވަނައިގައި އުޅޭ އޮސާކާ، 23، އަކީ އެ ކުޅިވަރުން މިހާރު އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބޭ އެކަކެވެ.

ހެއިޓީ އަކީ އޮސާކާގެ ބައްޕަ ލިއޮނާޑް ފްރަންކޮއިޒް ނިސްބަތްވާ ގައުމެވެ. ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކާ ގުޅިގެން އޮސާކާ ކުރި ޓްވީޓެއްގައި ބުނީ ހެއިޓީ އަށް ލިބުނު ގެއްލުންތަކާ ދޭތެރޭ ވަރަށް ހިތާމަކުރާ ކަމަށެވެ.

"އަހަރެންގެ ލޭ ވަނީ އެ ގައުމާ ގުޅިފައި. ގައުމު އާރާސްކުރުމަށް އެހީވުމަކީ ކާބަފައިންނަށްޓަކައި ވެސް ކޮށްދެވޭނެ ކަމެއް. ލޭގެ ގުޅުން އަބަދު ވެސް ވަރަށް ވަރުގަދަވާނެ،" އޮސާކާ ބުންޏެވެ.

ރިކްޓަ މިންގަނޑު 7.2 އައި އިން ބިން ހެލެމުގައި ހެއިޓީން މަރުވި މީހުންގެ އަދަދު 300 އަށް ވުރެ ގިނަ އެވެ. އެ ބިންހެލުމަކީ 2010 ގައި އައި ބާރުގަދަ ބިންހެލުމުގެ ގެއްލުންތަކުން އަރައިނުގަނެވި އުޅެނިކޮށް، ގައުމު އަލުން އަނދަވަޅަކަށް ވައްޓާލި ހާދިސާއެކެވެ.