Roadha Mihaaru
ޓެނިސް ތަރި އޮސާކާގެ ސިފައިގައި ބާބީ ބުދެއް

ޓެނިސް ތަރި އޮސާކާގެ ސިފައިގައި ބާބީ ބުދެއް

14 ޖުލައި 2021

ޖަޕާނުގެ ޒުވާން ޓެނިސް ތަރި ނައޯމީ އޮސާކާގެ ސިފައިގައި ބާބީ ބުދެއް ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޕާނުގެ ޒުވާން ޓެނިސް ތަރި ނައޯމީ އޮސާކާގެ ސިފައިގައި ބާބީ ބުދެއް ނެރެފި އެވެ.

ބާބީ އުފައްދާ ކުންފުނި މެޓެލް އިން ނެރެ، މިހާރު އެމެޒޯންގައި ވިއްކަމުން އަންނަ ބުދު ހަދާފައިވަނީ 2020 ގެ އޮސްޓްރޭލިއަން އޯޕަންގައި އޮސާކާ ބޭނުންކުރި ހެދުމުގައި، ޓެނިސް ރެކެޓް ވެސް ހިފައިގެންނެވެ. ބުދުގެ އަގަކީ 29.99 ޑޮލަރު (463ރ.) އެވެ.

ޓެނިހުން މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ 23 އަހަރުގެ ޝަހުސިއްޔަތުގެ ސިފައިގައި މެޓެލް އިން ބުދެއް ނެރެން ނިންމީ އަންހެން ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި އޮސާކާ ހޯދާފައިވާ ކާމިޔާބީ އާއި ކުރިއެރުންތަކާއި ޒުވާން އެތައް އަންހެނުންނަށް އިންސްޕިރޭޝަނަކަށްވުމާއި މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތެއްގެ ހައިސިއްޔަތުން ނަފުސާނީ މައްސަލަތަކާ ދެކޮޅަށް މި ފަހުން ކުރަމުން އަންނަ މަސައްކަތްތަކާ ހެދި އެވެ.

ދާދި ފަހުން އޮސާކާގެ ވާހަކަ މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވުނީ ނޫސްވެރިންގެ ސުވާލުތައް ހުންނަ ގޮތުން ނަފުސާނީ ގޮތުން އަސަރުކުރާ ކަމަށް ބުނެ، ފްރެންޗް އޯޕަންގެ ޕްރެސް ކޮންފަރެންސް ބޮއިކޮޓްކުރަން ނިންމުމާ ގުޅިގެންނެވެ. އެ މައްސަލާގައި މެޗަކަށް ފަހު އޭނާ ޖޫރިމަނާ ވެސް ކުރި އެވެ.

ނަމަވެސް އޮސާކާގެ އެ ނިންމުމާ ގުޅިގެން ކުޅިވަރުގެ މައިދާނުގެ ވަރަށް ގިނަ ޝަހުސިއްޔަތުންނާއި ބައެއް ސެލެބްރިޓީން ވެސް ނިންމުމަށް ތާއީދުކޮށް އޮސާކާ އަށް ހިތްވަރު ދީފައިވެ އެވެ.

މެޓެލް އަކީ ވަރަށް ކުރިން ފެށިގެން ވެސް ހިދުމަތްތެރިންނަށް ޓްރިބިއުޓްދޭން އެ މީހުންގެ ސިފައިގައި ބާބީ ބުދު ތައްޔާރުކޮށް، ނެރޭ ކުންފުންޏެކެވެ.

މެޓެލް ކުންފުނިން ދިން ޝަރަފާ ބެހޭ ގޮތުން އޮސާކާ ބުނީ އެއީ ކާމިޔާބީއެއް ކަމަށެވެ.

"ބާބީ ރޯލް މޮޑެލް ސީރީޒްގައި އަހަރެން ހިމެނުމަކީ ވަރަޑް ބޮޑު ޝަރަފެއް. މިކަމުން ދައްކުވައި ދެނީ ހުވަފެނެއް ހަގީގަތަކަށް ހަދަން މަސައްކަތްކުރާ މީހަކަށް ކާމިޔާބު ލިބޭނެކަން. އަދި ކޮންމެ މީހަކީ ވެސް ބަދަލެއް ގެނެވިދާނެ މީހެއްކަން،" އަންހެނުން ޓެނިސް ކުޅުންތެރިންގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބުނު އޮސާކާ ބުންޏެވެ. "މިއީ އަންހެނުންގެ ބާރުވެރިކަމަށް ލިބުނު އިތުރު ހިތްވަރެއް."