Roadha Mihaaru
ޕާކިން ސްލޮޓުތައް ގަރާޖުގެ ގޮތުގައި ދޫކުރަނީ

ކައުންސިލުން ޕާކިން ސްލޮޓުތައް ގަރާޖުގެ ގޮތުގައި ދޫކުރަނީ

16 އޯގަސްޓް 2021

މާލެ ސިޓީ ކައުންސިލުން ވެހިކަލްތަކަށް ކުއްޔަށް ދޫކުރާ ޕާކިން ސްލޮޓުތައް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ބޭނުންކުރެވޭ ގޮތް ހަދަން ނިންމައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

މާލެ ސިޓީ ކައުންސިލުން ވެހިކަލްތަކަށް ކުއްޔަށް ދޫކުރާ ޕާކިން ސްލޮޓުތައް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ބޭނުންކުރެވޭ ގޮތް ހަދަން ނިންމައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މިހާރު ހުސްކޮށް ހުރި ސްލޮޓްތަކާއި އަލަށް ހަދާ ސްލޮޓްތައް ވެހިކަލްތަކަށް ދޫކުރަން ކައުންސިލުން ނިންމާފައިވާ ކަމަށާއި ކައުންސިލާ އެކު އެއްބަސްވުމެއް ހަދައި ޕާކިން ސްލޮޓް ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ކައުންސިލުން ދޫކުރާ ޕާކިން ސްލޮޓުތައް ގަރާޖުގެ ގޮތުގައި ކުއްޔަށް ދޫކުރާނީ 25،000ރ. ދެއްކުމަށް ފަހު މަހަކު 1،500ރ. ދައްކާ ގޮތަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ގަރާޖު ހުރި ގޭބިސީތަކުން އަގު ބޮޑުކޮށް ކުއްޔަށް ދޫކުރާ ސްލޮޓްތަކަކީ ދާއިމީ ސްލޮޓްތަކެއް ނޫން ކަމަށެވެ. އެ ގަރާޖުތައް ގިނަ ފަހަރަށް ބޭނުންކުރެވެނީ އެހެން ބޭނުންތަކަށް ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ދޫކުރާ ސްލޮޓްތައް ދާއިމީ ވާނެ ކަމަށާއި އަބަދުވެސް އެ ސްލޮޓްތައް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ސްލޮޓްތައް ބަދަލުކުރަން ޖެހުނަސް، ކައުންސިލާ އެކު އެއްބަސްވުން ހަދާފައިވާ ނަމަ ސްލޮޓްތައް ނުގެއްލޭނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި އެވެ.

"އެއީ މުސްތަގުބަލުގައި ހަދާ ޕާކިން އިމާރާތަކުން ކަމުގައި ވިޔަސް ނޫނީ އެހެން ގޮތަކުން ވިޔަސް ލޮކޭޝަން ބަދަލުކުރަން ވިއްޔާ އެކަން ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނީ ގަރާޖް ސްޕޭސްތަކުގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވާނީ އެކި ޕާކިން ޒޯން ތަކާއި 20 ފޫޓު ފުޅާ މަގުތަކުންނާއި އަމީނީމަގުގެ ދެކުނަށް ހުރި، ޖާގަ ތަނަވަސް ތަންތަން ކަމަށެވެ.

ސިޓީ ކައުންސިލުން މި އުސޫލަށް އަމަލުކުރަން ފެށުމާ އެކު މާލޭގެ މަގުތަކަށް ދިމާވެފައިވާ ޕާކިން މައްސަލަތަކަށް ހައްލެއް ލިބި ގަރާޖު ނެތް ވެހިކަލްތައް މަދުވާނެ ކަމަށް ކައުންސިލުން ބުންޏެވެ.