Roadha Mihaaru
ވިންޑޯޒް ފޯނެއް ނޫން، ސާފަސް ފޯން

ވިންޑޯޒް ފޯނެއް ނޫން، ސާފަސް ފޯން

29 ނޮވެމްބަރ 2016

ސްމާޓްފޯން މާކެޓްގައި މައިކްރޮސޮފްޓްގެ ނިސްބަތް ވަރަށް ކުޑަ އެވެ. ގަދަބާރަކަށް ވުމަށް ކުރިހާ މަސައްކަތެއް ކޮޅެއްގައި އަދި ވެސް ނުޖެހެ އެވެ. މާކެޓުގައި ދެމިއޮތުމަށް ކުރާ މަސައްކަތްތައް ބަދަލުކުރަން ޖެހޭ ކަމަށް ހިއްސާދާރުން ދަނީ ބުނަމުންނެވެ. ވިންޑޯޒް ފޯން މޮޑެލް ރަނގަޅު ނޫން ކަމަށް އިންވެސްޓަރުން ވެސް އެއްބަސްވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯން މާކެޓްގައި މައިކްރޮސޮފްޓްގެ ނިސްބަތް ވަރަށް ކުޑަ އެވެ. ގަދަބާރަކަށް ވުމަށް ކުރިހާ މަސައްކަތެއް ކޮޅެއްގައި އަދި ވެސް ނުޖެހެ އެވެ. މާކެޓުގައި ދެމިއޮތުމަށް ކުރާ މަސައްކަތްތައް ބަދަލުކުރަން ޖެހޭ ކަމަށް ހިއްސާދާރުން ދަނީ ބުނަމުންނެވެ. ވިންޑޯޒް ފޯން މޮޑެލް ރަނގަޅު ނޫން ކަމަށް އިންވެސްޓަރުން ވެސް އެއްބަސްވެ އެވެ.

"ސާފަސް ފޯން" އަކީ މައިކްރޮސޮފްޓުން ދެކޭ ހުވަފެނެކެވެ. ސްމާޓްފޯން މާކެޓަށް މައިކްރޮސޮފްޓުން ދެން ތައާރުފުކުރާނެ މަރުކާ އަކީ އެއީ ކަމަށް ބުނެވެ އެވެ. އެކަމަކު، ވިންޑޯޒް ފޯނުގެ ނަން "ސާފަސް ފޯން" އަށް ބަދަލުކުރުމަކުން ވާނެ މޮޅެއް އެނގޭކަށް ނެތެވެ.

މައިކްރޮސޮފްޓަށް ސާފަސް މަރުކާ އަކީ ކާމިޔާބު ވިޔަފާރިއެކެވެ. ސާފަސް ސްކްރީން، ސާފަސް ޓެބްލެޓް އަދި ސާފަސް ލެޕްޓޮޕުން ވެސް ކުންފުންޏަށް ފައިދާ ހޯދައިދެ އެވެ. ސާފަސް މަރުކާގެ ސްމާޓްފޯނެއް އުފައްދަން މައިކްރޮސޮފްޓް މަސައްކަތްކުރަނީ މި ސަބަބާ ހެދި ކަމަށް ބެލެވެ އެވެ.

ވިންޑޯޒް ފޯން ވިޔަފާރި މަޑުޖައްސާލަށް ފެންނަ ކަމަށް މައިކްރޮސޮފްޓްގެ އޮފިޝަލުންނަށް ވެސް ވަނީ ބުނެވިފަ އެވެ. ހަފުލާތަކުގައި، ސްޓޭޖް މަތީގައި ވަނީ އެ މޭރުމުން ވާހަކަދައްކާފަ އެވެ. އެހެން ނަމަވެސް ސާފަސް ފޯނަކީ ކިހާ މޮޅު ފޯނެއްކަން އަދި އެކަކު ވެސް ބުނެ ނުދެ އެވެ.

ސާފަސް ފޯނާ ބެހޭ ގޮތުން ވާހަކަތައް ގިނަވެފައި ވަނީ މައިކްރޮސޮފްޓްގެ ވެރިންނަށް އެ ބީދައިން ވާހަކަދެއްކޭތީ އެވެ. އިންޓަވިއުތަކުގައި، ތަފާތު މޮޑެލެއްގެ ސްމާޓްފޯނެއް ތައާރުފުކުރަން ޝައުގުވެރިވާ ކަމަށް ބުނެވިފައި ވާތީ އެވެ. ފަހަރުގައި ސާފަސް މަރުކާއިން ހިތްވަރު ހޯދަން ޖެހިދާނެ ކަމަށް ވެސް ބުނެވިފައި ވާތީ އެވެ.

ސްމާޓްފޯން މާކެޓްގައި ތަނަވަސްވުމަށް ބާރުގަދަ ފޯނަކީ މުހިންމު އާލާތެކެވެ. ފާޑުކިޔާ މީހުން ދެކޭ ގޮތުގައި މައިކްރޮސޮފްޓުން އުފައްދާ ސާފަސް ފޯނަކީ ތަފާތު މޮޑެލްއެއް ނަމަވެސް، ވިންޑޯޒުން ހިންގާ ނަމަ ތަރުހީބުދޭން ތިބި މީހުން ހިތްވަރު އެލޭނެ އެވެ. ވިންޑޯޒުން ހިންގި ނަމަވެސް، "ޔޫޒާ އިންޓަފޭސް"، ވިންޑޯޒް ފޯނުތަކާ މުޅިން ތަފާތުވާން ޖެހެ އެވެ. ވިންޑޯޒް ފޯނެއްގެ އިހުސާސް މުޅިން ކަނޑުވާލަން ޖެހެ އެވެ. ވިންޑޯޒް ފޯނެއް ނޫނޭ ބުނާވަރު ކުރަން ޖެހެ އެވެ.

ހާޑްވެއާ މާކެޓަށް މައިކްރޮސޮފްޓަށް ވަދެވުނީ ވެސް ލައްކަ މަސައްކަތުންނެވެ. ސާފަސް މޮޑެލްގެ އާލަތްތައް ވަނީ ކުންފުންޏަށް ހާޑްވެއާ އަމިއްލަ ކުރުމަށް ވެސް އެހީތެރިވެދީފަ އެވެ. ސްމާޓްފޯން މާކެޓުގައި ދެމެހެއްޓެނިވި ބާރަކަށް ވެވުމަކީ ވެސް ސާފަސް މަރުކާގެ ސަބަބުން ވެދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އަދި މިއީ އިވޭ އަޑެކެވެ. މަސައްކަތްތައް ކުރި އަށް ދާ ގޮތް މީޑިއާ އަށް ތިލައެއް ނުވެ އެވެ.