Roadha Mihaaru
އަނެއްކާ ވެސް ވިންޑޯޒް ފޯނެއް

އަނެއްކާ ވެސް ވިންޑޯޒް ފޯނެއް

22 ނޮވެމްބަރ 2016

މައިކްރޮސޮފްޓުން ވިންޑޯޒް ފޯން މެދުކަނޑާލީ ކަމަށް ހީކޮށްގެން ހުރި ނަމަ އަވަހަށް ހައިރާންވާށެވެ. މައިކްރޮސޮފްޓާ ގުޅިގެން އެޗްޕީން އަނެއްކާ ވެސް ވިންޑޯޒް ފޯނެއް ނެރެނީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓުން ވިންޑޯޒް ފޯން މެދުކަނޑާލީ ކަމަށް ހީކޮށްގެން ހުރި ނަމަ އަވަހަށް ހައިރާންވާށެވެ. މައިކްރޮސޮފްޓާ ގުޅިގެން އެޗްޕީން އަނެއްކާ ވެސް ވިންޑޯޒް ފޯނެއް ނެރެނީ އެވެ.

ސްމާޓްފޯން މާކެޓުން ގޮނޑިއެއް ބަހައްޓާނެހާ ޖާގަ ވެސް މައިކްރޮސޮފްޓަށް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އެހެން ނަމަވެސް އެޗްޕީ އެ އުޅޭ ގޮތަކުން މުޅިން ކަރުއެލޭ ގޮތް މައިކްރޮސޮފްޓަކަށް އަދި ނުވެ އެވެ. އަންނަ އަހަރު ހަމަ ލައިގަންނަ ތަނުން ނެރެން ތައްޔާރުކުރާ ވިންޑޯޒް ފޯން އުފައްދަނީ އެޗްޕީންނެވެ. އެ މަސައްކަތްތަކަށް ވޭނުންވާ ފަންނީ ހުނަރާއި ފައިސާއިން ބޮޑު ބައެއް މައިކްރޮސޮފްޓުން ދޭ ގޮތަށެވެ.

އެޗްޕީން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ވިންޑޯޒް ފޯނެއް ނެރުނެެވެ. އެއީ "އެޗްޕީ އެލީޓް x3" އެވެ. ތާކުންތާކު ޖެހޭ ފޯނެއް ނޫނެވެ. ސްމާޓްފޯން ސިނާއަތުގައި ހުރި ނަމަ ހުރިހާ މޮޅެއް ހިމެނި ނަމަވެސް، ވިންޑޯޒް އަށް ވަފާތެރިން ވެސް އެ ފޯނަށް ދިނީ ފުރަގަހެވެ. މައިގަނޑު ސަބަބަކީ ފެންވަރު ބަޔާންކުރި ވަރާ ގާތަށް ވެސް ފޯނު މަސައްކަތްނުކުރުމެވެ.

"އެޗްޕީ އެލީޓް x3" އަށް ލިބުނު ނާކާމިޔާބީ އަށް ބެލުމެއް ނެތި، އެޗްޕީން އަނެއްކާ ވެސް މައިކްރޮސޮފްޓާ އެކު ޓީމެއް އެކުލަވައި ލައިފި އެވެ. މި ފަހަރު ކޮޅެއްގައި ޖައްސާނަމޭ ބުނާ ކަހަލަ ގޮތަކަށެވެ.

އެޗްޕީ ވިންޑޯޒް ފޯނާ ބެހޭ ގޮތުން އާންމުވެފައި ހުރި މައުލޫމަތަށް ބަލާއިރު، ލޫމިއާ ސްމާޓްފޯނުތަކުގައި މައިކްރޮސޮފްޓުން ހިމެނި ގިނަ ފީޗާތަކެއް، އެޗްޕީ ވިންޑޯޒް ފޯނަށް ދޭނެ އެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކުރި އަށް ދާ ކަމަށް ބުނެ ވެ އެވެ.

އެޗްޕީ ވިންޑޯޒް ފޯން، ސްމާޓްފޯން މާކެޓަށް ނެރޭނެ ވަކި ދުވަހެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް ވިންޑޯޒް ފޯނެއްގެ އަސަރު ސްމާޓްފޯން މާކެޓްގައި ދަމަހައްޓަން ޖެހޭތީ، ލަސްކުރާނެ ކަމަކަށް ނުބެލެވެ އެވެ.