Roadha Mihaaru
ހާލުގައި ޖެހުނު 23 މީހަކަށް ޑިޒަސްޓާ އިން އެހީވަނީ

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 23 މީހަކަށް ޑިޒަސްޓާ އިން އެހީވަނީ

28 ނޮވެމްބަރ 2016

ދިލްބަހާރު ގޯޅީގައި ހުރި ގުދަނެއްގައި ރޯވެ، އެތަނާ ޖެހިގެން ހުރި ގެތަކަށް އަލިފާނުގެ އަސަރުކޮށްގެން، ހާލުގައި ޖެހުނު 23 މީހަކަށް ޑިޒަސްޓާ މެނޭޖްމެންޓު ސެންޓަރު (ޑީއެމްސީ) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދިލްބަހާރު ގޯޅީގައި ހުރި ގުދަނެއްގައި ރޯވެ، އެތަނާ ޖެހިގެން ހުރި ގެތަކަށް އަލިފާނުގެ އަސަރުކޮށްގެން، ހާލުގައި ޖެހުނު 23 މީހަކަށް ޑިޒަސްޓާ މެނޭޖްމެންޓު ސެންޓަރު (ޑީއެމްސީ) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

މި ހާދިސާގައި ކައިރި ގެތަކުގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ހަތަރު ގެއަކުން ވަނީ މީހުން ހުސްކޮށްފަ އެވެ. އަދި އޭގެ ތެރެއިން 23 މީހަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ފޯރު ކޮށްދިނުމަށް ޑިޒަސްޓާގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށް އެތަނުން ބުންޏެވެ.

އެ މީހުން ޑިޒަސްޓާގެ ބެލުމުގެ ދަށުގައި މިހާރު ތިބި ނަމަވެސް، އެ ގެތަކުގައި ދިރިއުޅެވޭ ވަރުވާ ނަމަ ވަގުތީ ހިޔަލަށް ބަދަލެއް ނުކުރާނެ އެވެ.

"އަޅުގަނޑުމެން މިހާރު އެ ހާދިސާ ހިނގި ތަނުގައި ތިބި ޑިޒަސްޓާގެ މީހުންނާ ކޯޑިނޭޓުކޮށްގެން މި ބަލަނީ ގެތައް ހުރީ އަނބުރާ ދެވޭނެ ފަދަ ހާލަތެއްގައި ތޯ. އަނބުރާ ދެވެން ނެތް ނަމަ އެ ގެތަކުގެ މީހުން އަޅުގަނޑުމެން ފޮނުވާނީ ވަގުތީ ހިޔަލަކަށް،" ޑިޒަސްޓާގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެ ސެންޓަރުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީ، ޒަރޫރީ ބޭނުންތައް ފުއްދައިދެމުން އަންނަ ކަމަށެވެ. އަދި އަލިފާނާއި ދުމުގެ ސަބަބުން ގެ އަށް އަނބުރާ ދެވެން ނެތް މީހުންނަށް، މަޑުކޮށްލެވޭނެ ގޮތަށް އިމާރާތެއް ކުއްޔަށް ހިފާނެ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓުން ބުންޏެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް މިހާރު ވެސް ސަރުކާރުގެ ފަރާތުން ކުއްލި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެ މީހުންނަށް މާލެ އިން ވަގުތީ ހިޔާ ފޯރުކޮށްދޭނެ ކަަމަށެވެ. އަދި މި ހާދިސާގައި ގެދޮރު ހަލާކުވި މީހުންނަށް، ގެދޮރު އިމާރާތް ކުރުމަަށް ލުއި ފަސޭހަ ގޮތަކަށް ސަރުކާރުން ލޯން ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އަދި މީހުން ނެރުނު ގެތަކަށް ލިބުނު ގެއްލުންތަކެއް ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަލިފާން ރޯވީ މއ. ކަފިދޫގޭގައި ދަގަނޑާއި ޓިނުން ހަދާފައި ހުރި ފަސް ބުރީގެ ގުދަނެއްގައި ކަމަށެވެ. އަދި އަލިފާންގަނޑު މިހާރު ކޮންޓްރޯލްވެފައިވާ ކަމަށް ސިފައިން ބުންޏެވެ.

މި ހާދިސާގައި އަނދާފައިވަނީ "ބްރަދަހުޑް ގުރޫޕް" ކިޔާ ވިޔަފާރި ކުންފުންޏެއްގެ މުދާތައް ރައްކާކުރާ ގުދަނެކެވެ. އެ ގުދަނުގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.