Roadha Mihaaru
ތިލަފުށިން ދުން އަރާ މައްސަލައަށް ހައްލެއް

ތިލަފުށިން ދުންއަރާ މައްސަލަ އަށް އޮކްޓޯބަރުގެ ނިޔަލަށް ހައްލެއް ހޯދަނީ

20 އޯގަސްޓް 2021

ކޮންމެ ދުވަހަކު އެތައް ހާސް ޓަނެއްގެ ކުނި މެނޭޖު ކުރާ ރަށް ކ. ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެ ތަނުން އަރަމުންދާ ދުން ހުއްޓުވައި ކުންޏާ ގުޅޭ ކަންކަން ރިހެބިލިޓޭޓް ކުރެވެންދެން، ރަނގަޅު ގޮތުގައި ކުނި މެނޭޖު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެންވަޔަރުމެންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ފަށައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ކޮންމެ ދުވަހަކު އެތައް ހާސް ޓަނެއްގެ ކުނި މެނޭޖު ކުރާ ރަށް ކ. ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެ ތަނުން އަރަމުންދާ ދުން ހުއްޓުވައި ކުންޏާ ގުޅޭ ކަންކަން ރިހެބިލިޓޭޓް ކުރެވެންދެން، ރަނގަޅު ގޮތުގައި ކުނި މެނޭޖު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެންވަޔަރުމެންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ފަށައިފި އެވެ.

ވެމްކޯއާ ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން، އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ލަފާކުރެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ސިނާއީ އެކި މަސައްކަތްތައް ކުރާ ތިލަފުށީގައި ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމުކުރާއިރު ބަލަނީ އެ ތަނުން އަރާ ދުން ވީހާ ވެސް މަދުކޮށްގެން އެ މަސައްކަތްކޮށް ނިންމައިލުމަށެވެ.

"ނަމަވެސް މި ގޮނޑަކީ އެތަކެއް އަހަރު ވަންދެން ކުނިއަޅައި، އަންދަމުންދާ ގޮނޑެއް ކަމުން މި ތަނުގެ ހާލަތު ރަނގަޅު ކުރަން ކުރާ މަސައްކަތުގައި ކޮންމެވެސް ވަރަކަށް ކޮނެ، ހަދަން ޖެހިދާނެތީ ބައެއް ދުވަސް ދުވަހު އާދަޔާ ހިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުން ގެންދާ ފަރާތްތަކަށް ވަގުތީ ގޮތުން އުނދަގުލެއް ވެދާނެ ކަމަށް ވިޔަސް މިއީ ދާއިމީ ގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައަކަށްޓަކައި ކުރެވޭ ކަމެއް ކަން ވެސް ފާހަގަކުރަމެވެެ،" ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އާންމު އިއުލާނެއްގައި ވެސް ވަނީ، ދުން އަރާ މައްސަލަ އަށް ހައްލު ހޯދަމުން އަންނައިރު، ދުން އެރުން އިތުރު ވެދާނެތީ އެކަން ސަމާލުކަމަށް ގެނެސްފަ އެވެ.

ތިލަފުށީގެ ގޮނޑުގައި ކުނި އަންދާއިރު ބައެއް ދުވަސްވަރު މާލެ އަށާއި މާލެ ކައިރީގައި ހުންނަ ބައެއް ރަށްރަށާއި ރިސޯޓުތަކަށް ވެސް ދުމުގެ އަސަރުކޮށް، އެތައް ބަޔަކަށް އޭގެ ތަކުލީފު ޖެހެ އެވެ. އެކަމަކު، އެއީ މިހާތަނަށް ހައްލެއް ހޯދައިދެވިފައިވާ ކަމެއް ނޫނެވެ.

ތިލަފުށީގެ ގޮނޑުން ދުން އަރާ މައްސަލަ އަށް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހައްލެއް ހޯދަނީ އޭޑީބީގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ނިންމާފައި ދުން އެރުމުގެ މައްސަލަ އަށް އޮކްޓޯބަރު މަހުގެ ނިޔަލަށް ހައްލެއް ހޯދައި، އެ ތަނުގައި ކުނި މެނޭޖު ކުރާނެ ރަނގަޅު ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ގާއިމުކުރުމަށެވެ.

ތިލަފުށީގައި ކުނި މެނޭޖު ކުރާނެ ޒަމާނީ ފެންވަރުގެ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އޭޑީބީ އާއި އޭޝިއަން އިންފްރާސްޓްރަކްޗަރު އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އަދި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) ގެ އެހީގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ފަށައިފަ އެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވެސް އައިޑީބީގެ އެހީއާއެކު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.