Roadha Mihaaru
"ކުށްވެރިއެއް"ދެކެ ލޯބިވި ރަޝިއާ ފުލުހަކަށް ދައުވާ

ތަހުގީގަށް ހައްޔަރުކުރި މީހަކު ދެކެ ލޯބިވެވުމުން ރަޝިއާގެ ފުލުހަކަށް ދައުވާކުރަނީ

21 އޯގަސްޓް 2021

މީހެއްގެ އެކައުންޓުން ވަގަށް ފައިސާ ނެގި ކަމުގެ ތުހުމަތުވާ މީހަކު ހައްޔަރުކޮށް ތަހުގީގުކުރަމުން ދަނިކޮށް، ތުހުމަތުވާ މީހާ ދެކެ ތަހުގީގީ އޮފިސަރަށް ލޯބިވެވުމުން އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރަން ނިންމައި، ވަޒީފާ އިން ވަކިކުރަން ރަޝިއާ އިން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީހެއްގެ އެކައުންޓުން ވަގަށް ފައިސާ ނެގި ކަމުގެ ތުހުމަތުވާ މީހަކު ހައްޔަރުކޮށް ތަހުގީގުކުރަމުން ދަނިކޮށް، ތުހުމަތުވާ މީހާ ދެކެ ތަހުގީގީ އޮފިސަރަށް ލޯބިވެވުމުން އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރަން ނިންމައި، ވަޒީފާ އިން ވަކިކުރަން ރަޝިއާ އިން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ މި މައްސަލާގައި ބެދުނީ 2019 ގައި ދި އޮމްސްކް އެކެޑެމީ އޮފް ދަ މިނިސްޓްރީ އޮފް އެފެއާޒް، ޔުނިވަސިޓީން ތައުލީމު ހާސިލުކޮށް، ފުލުހުންގެ ވަޒީފާއާ ގުޅުނު އަންހެން އޮފިސަރު މަޑީނާ ޝުކެނޯވާ، 24، ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު ވައްކަމުގެ ތުހުމަތުގައި ހައްޔަރިކުރި މިކާއީލް ސާބިން، 22، ދެކެ ލޯބިވެވުމުން ޝުކެނޯވާގެ މައްޗަށް ދައުވާކުރަން ނިންމައި، ވަޒީފާ އިން ވަކިކުރަން ނިންމީ މަގާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ބުނެ އެވެ. މައްސަލައިގެ ތަހުގީގުގެ ތެރޭގައި ޝުކެނޯވާގެ މައްޗަށް ވަނީ ސާބިން އަށް ކާރެއް ވެސް ގަނެދިން ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވެފަ އެވެ.

މިޑިއާތަކުން ބުނީ މިކަން މިހާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. ތުހުމަތުވާ މީހާ ދެކެ ތަހުގީގީ އޮފިސަރަކު ހިތާވެ، މައްސަލައިގެ ތަހުގީގު އިންސާފުން ބޭރުން ހިނގައިދާނެ ފަދަ ގޮތަކަށް އަމަލުކުރަން މަގުފަހިވުމާ ގުޅިގެން ޝުކެނޯވާގެ ވެރިންނަށް ތިބި އޮފިސަރުންނަށް ވެސް ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ޝުކެނޯވާ ތަހުގީގުން ފެއަށް ޖެހުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ. އެކަމަކު އޭނާ އެކަން ނާންގައި ތަހުގީގު ކުރިއަށް ގެންދިއުމަކީ މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ އަމަލެއް ކަމަށް ވިދާޅުވި އެވެ.